ބޮލީވުޑް

ޖާންވީއާ އަނަންޔާއަކީ ވާދަވެރިންނެއް ނޫން: ސާރާ

ބޮލީވުޑްގެ އެންމެ އުންމީދީ އެއް ބަތަލާއަކީ ސާރާ އަލީ ޚާން ކަމާ މެދު ޝައްކެއް ވެސް ނެތެވެ. ސާރާ މިހާތަނަށް މަސައްކަތް ކޮށްފައި ވަނީ މަދު ފިލްމެއްގައި ނަމަވެސް އޭނާ ވަނީ އެ ފިލްމުތަކުން ފިލްމު އިންޑަސްޓްރީގައި ރަނގަޅު މަގާމެއް ހޯދާފަ އެވެ. އަދި މިހާރުގެ މަޝްހޫރު ގިނަ އެކްޓަރުން ތަކަކާއެކު ފިލްމު ކުޅުމުގެ ފުރުސަތު ސާރާއަށް ވަނީ ލިބިފަ އެވެ. ސާރާ އުޅެނީ އޭނާ އާއެކު ފިލްމު ކުޅޭ އެ އުމުރުގެ އެހެން ބަތަލާއިންގެ ތެރޭގައި ހިމެނޭ ޖާންވީ ކަޕޫރާއި އަނަންޔާ ޕާންޑޭ އަދި ރާދިކާ މަދަން އަށް ވުރެ މާ ކުރީގަ އެވެ.

ދާދިފަހުން ސާރާ ދީފައިވާ އިންޓަވިއު އެއްގައި ފިލްމު އިންޑަސްޓްރީގައި ތިބި އޭނާގެ އެކުވެރި ބަތަލާއިންނާއި އޮންނަ ވާދަވެރިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި ވެއެވެ.

އާރްޖޭ ސިދާރްތު ކަނަން އަށް ދިން އިންޓަވިއު އެއްގައި ސާރާ ބުނި ގޮތުގައި އޭނާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކަމުން އެއްވެސް ކަހަލަ ހިތް ނުތަނަވަސްކަމެއް އޭނާގެ ނެތެވެ.

ފިލްމު އިންޑަސްޓްރީގައި ވާދަވެރިކަން އޮންނަކަން ސާރާ ވެސް ގަބޫލު ކުރެ އެވެ. ނަމަވެސް ޒުވާން ގިނަ ބަތަލާއިންގެ އޮންނަ ގާތް އެކުވެރިކަން ސާރާ ފާހަގަ ކުރި އެވެ.

"އަހަރެންގެ އުމުރުގެ އެހެނިހެން ބަތަލާއިންނަށް ވެސް ދިމާވެފައި ވަނީ ހަމަ އަހަންނަށް ދިމާވި ގޮތްގޮތް. ކޮވިޑްގެ ސަބަބުން އެމީހުންގެ ކެރިއަރަށް ވެސް ނޭދެވޭ އަސަރު ވަނީ ކޮށްފަ. އަހަރެމެންގެ މުހިއްމު އަހަރުތަކެއް ކޮވިޑް އާ ހެދި ގެއްލިއްޖެ. އެހެންވެ އެކަކު އަނެކަކާ ވާދައަށް އުޅުމުގެ ބަދަލުގައި އެކަކު އަނެކަކުގެ އިހްސާސްތައް ދެނެގަނެގެން އުޅުން ރަނގަޅު ކަމަށް ދެކެނީ،" ސާރާ ބުންޏެވެ.

ސާރާ އާ އެއް އުމުރު ފުރައިގެ ބަތަލާއިންނާއި އޭނާގެ ގުޅުން ވަރަށް ރަނގަޅުކަން ސޯޝަލް މީޑިއާގައި އެމީހުން ޝެއާ ކުރާ ފޮޓޯތައް ހެކި ދެއެވެ. އެގޮތުން ނޮވެމްބަރު މަހު ޖާންވީ އާއެކު ސާރާ ވަނީ ރަށަކަށް ޗުއްޓީ ހޭދަ ކުރަން ގޮސްފަ އެވެ. އަދި ރާދިކާ މަދަން އާއި ޖަސްލީން ރޯޔަލް އާއެކު އޮގަސްޓްމަހު ލަޑާކް އަށް އޭނާ ދިޔަ އެވެ.

ސާރާ މިހާރު ތައްޔާރު ވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "އަތުރަންގީ ރޭ" ރިލީޒް ކުރުމަށެވެ. އަކްޝޭ ކުމާރާއި ދަނުޝް އާއެކު އޭނާ ކުޅެފައިވާ މި ފިލްމު ރިލީޒް ކުރާނީ އޯޓީޓީ ޕްލެޓްފޯމް ޑިޒްނީ+ހޮޓްސްޓާ އިން މި ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.