އިމާރާތުގެ ހާލަތު ދަށްވެ ނުރައްކާ ވުމުން އަރަބިއްޔާގެ ދަރިވަރުން ކިޔަވަމުން އައި އިމާރާތުގެ ބަދަލުގައި ދާއިމީ އިމާރާތެއް ހަމަޖެހެން ދެން ފޮރިން މިނިސްޓްރީ ކުރީން ހިންގި އިމާރާތުގައި އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެމްޓީސީސީ ސޯމިލް ކުރީން ހިންގި ތަނުގައި ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމަށް ފަހު އެ މިނިސްޓްރީއަށް ހާއްސަ އިމާރާތުގެ މަރާމާތަށް ފަހު އެތަނަށް ވަނީ މިނިސްޓްރީގެ މަސައްކަތްތައް ބަދަލު ކޮށްފަ އެވެ.
އަރަބިއްޔާ ސުކޫލް ހިންގި އިމާރާތުގައި ތިބުން ރައްކާތެރި ނުވުމުން ސަރުކާރުން ނިންމީ އިއްޒުއްދީން ސުކޫލު ހިންގާ އިމާރާތަށް އަރަބިއްޔާ ދަރިވަރުންގެ ކިޔެވުން ބަދަލު ކުރާށެވެ. ނަމަވެސް ދެ ސުކޫލެއްގެ ދަރިވަރުން އެއް އިމާރާތެއް ހިއްސާ ކޮށްގެން ބޭނުން ކުރަން އަރަބިއްޔާގެ ބެލެނިވެރިން ދެކޮޅު ހެދި އެވެ. އަދި ދަރިވަރުން ސުކޫލަށް ނުފޮނުވަން ނިންމި އެވެ. އެ ނިންމުމާ ހަމައަށް އެޑިއުކޭޝަނުން ދިޔައީ އިއްޒުއްދީންގައި އަރަބިއްޔާ ކުދީންގެ ކިޔެވުން ކުރިއަށް ގެންދަން ނިންމި ނިންމުން ބަދަލު ނުކޮށް އެ ނިންމުމުގައި ދެމި ތިބެފައެވެ.
އެ ނިންމުމަށް ބަދަލު އައީ އަރަބިއްޔާގެ ބެލެނިވެރިން އިހުތިޖާޖުކޮށް އަދި އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސާއެކު ވެސް ވަކިވަކިން ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔަ ފަހުންނެވެ.
ނާއިބު ރައީސާއެކު ބޭއްވެވި ބައްދަލްވުމުގައި އިއްޒުއްދީންގައި އަރަބިއްޔާ ކުދީންގެ ކިޔެވުން ކުރިއަށް ގެންދަން ނިންމި ނިންމުން މަޑުޖައްސާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރައީސް ސޯލިހާއެކު ބޭއްވެވި ބައްދަލުވުމުގައި އަރަބިއްޔާގެ ދާއިމީ އިމާރާތެއް ބާ ޖަމާލުއްދީން ހިންގި ބިމުގައި އަޅުއްވައި ދެއްވާނެ ކަމަށާ އަދި ވަގުތީ ގޮތުން ހަމަޖައްސައިދޭ ތަނަކަށް ރަނގަޅު އިމާރާތެއް ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.
އަރަބިއްޔާ ސުކޫލުގެ އިސް ވެރިއަކު އަވަސްއަށް ވިދާޅުވީ ފޮރިން މިނިސްޓްރީ ކުރީން ހިންގި އިމާރާތުގައި އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަން ނިންމާ އެކަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އަދި އެ އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.