ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހައްޔަރުކޮށްފި އެވެ. މަޖިލީހުގެ އިދާރާއިން އެކަން ވަނީ ޔަގީން ކޮށްދީފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށްފިނަމަ އެކަން މަޖިލީހުގެ އިދާރާއަށް ރަސްމީކޮށް އަންގަން ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް ލާޒިމު ކުރެއެވެ. މަޖިލީހުގެ އިސް އޮފިޝަލަކު ވިދާޅުވީ ޖާބިރު ހައްޔަރުކޮށްފައިވާކަން ފުލުހުން އަންގާފަައިވާ ކަމަށެވެ. ނަމަވެސް ހައްޔަރު ކުރުމާއި ގުޅޭގޮތުން އޭނާ އިތުރު ތަފްސީލެއް ނުދެއްވައެވެ.
"މެންބަރު އަބްދުﷲ ޖާބިރު ހައްޔަރުކޮށްފައިވާކަން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އަންގާފައި. އިތުރު ތަފްސީލެއް މިވަގުތު ނެތް،" އޮފިޝަލް ވިދާޅުވިއެވެ.
މީގެ ކުރީން ޖާބިރުގެ ޕާސްޕޯޓްވެސް ހިފަހައްޓާފައި އޮތެވެ.
ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަވައިގެން އަދި ތަފާތު އެކި ކަންކަމާއި ގުޅިގެން އާންމުން ވަރަށް ބޮޑު ސަމާލު ކަމެއް ހޯއްދަވާފައިވާ ކުޅަދާނަ ވިޔަފާރިވެރިޔާގެ ފަރާތުން މި ފަހުން ފެނިގެން ދަނީ ގިނަ ބަޔަކަށް ގަބޫލުކުރަން ދަތި މަންޒަރުތަކެކެވެ. ނައްޓަވާ މަންޒަރާއި ހުތުރު ބަހުން ވާހަކަ ދައްކަވާ އަޑުއިވޭ އޯޑިއޯތަކާއި ވީޑިއޯތައް ވަރަށް ގިނަ އާންމުވެފައިވެއެވެ. އަދި މީސްމީހުންގެ މުދަލާއި ތަކެއްޗަށް ގެއްލުން ދޭ މަންޒަރުތަކާއި ބައެއް ރަށްރަށަށް އަރާ މީހުންނާ ޒުވާބުކޮށް މާރާމާރީއަށް މަގުފަހިވާ ފަދަ އަމަލުތައް ކުރައްވަނިކޮށްވެސް ފެނިފައިވެއެވެ.
މި ހިނގާ 19 ވަނަ މަޖިލީހުގައި އެންމެ ތަފާތު މެންބަރަކީ ޖާބިރެވެ. ޖާބިރު މަޖިލީހަށް ވަޑައިގަންނަވާއިރު ގެންގުޅުއްވާ ޑްރެސްކޯޑާއި މަޖިލީހުގައި ދައްކަވާ ވާހަކަތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓެވެ. ބައެއް ދުވަސް ދުވަހު ވަރަށް ހުތުރު ބަހުންވެސް ވާހަކަ ދައްކަވައެވެ. އަދި އެކި ބޭފުޅުންނަށް އަމާޒުކޮށް ވާހަކަ ދައްކަވާ އެ އޯޑިއޯތައްވެސް ޖާބިރު ގެންދެވީ އާންމު ކުރައްވަމުންނެވެ. ސިޔާސީ އެތައް ބޭފުޅުންނެއް އޭނާގެ އަތުން ފައިސާ ނަންގަވާފައިވާ ކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތުތައް ކުރައްވައެވެ. އަދި ބައެއް ބޭފުޅުންގެ މައްސަލަތައް ފުލުހަށްވެސް ހުށައަޅާފައިވެއެވެ.
މަޖިލީހުގެ ޖަލްސާއެއްގައި ރާއްޖޭގައި ދީނީ މިނިވަންކަން ދޭންވެސް އޭނާ ގޮވާލެއްވިއެވެ.