ޑރ. މުހައްމަދު ޖަމީލް އަހުމަދު

ފަލާހުގެ މައްސަލަ ތަހުގީގު ކުރުން ފުލުހަށް ލާޒިމު: ޖަމީލް

އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އިސްވެ ހިންގަވާ "އިންޑިއާ އައުޓް" ކެންޕެންގައި ބައިވެރިވެ އެހެން ގޮވާ މީހުންގެ ކަންފަތް މަތީ ޖަހަން ޖެހޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ދެއްކެވި ވާހަކަތައް ތަހުގީގު ކުރަން ފުލުހުންގެ މައްޗަށް ލާޒިމު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މާލެ މެންބަރުންނާއެކު އިއްޔެ އޮތް "ކޯކަސް" ބައްދަލްވުމުގައި ފަލާހު ވަނީ "އިންޑިއާ އައުޓް" ގޮވަން ރާއްޖޭގެ ފަސްގަނޑުގައި ފުރުސަތު ނެތް ކަމަށާ އެ ފުރުސަތު ނުދެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެހެން ގޮވާނަމަ އެ ގޮވާ މީހެއްގެ ކަންފަތް މަތީ ޖަހަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި އެ ގޮތަށް ވެސް އެ ހަރަކާތް ހުއްޓުވަން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

"އިންޑިއާ އައުޓެކޭ ނުގޮވޭނެ. އެ ގޮވާ ކަމަށް ވަންޏާ އަޅުގަނޑުމެން ޖެހޭނެ އެ މީހެއްގެ ކަންފަތް މަތީ ޖަހަން ވެސް. އެ ނޫން ގޮތަކަށް މިކަން ނުހުއްޓުވޭނެ. އެއީ ކުރަން ޖެހޭ ކަމެއް މިހާރު،" ފަލާހު ވިދާޅުވި އެވެ.

ފަލާހުގެ ވާހަކަތައް ޖަމީލު ސިފަ ކުރެއްވީ ޖާހިލިއްޔަ ޒަމާނުގައި މުޝްރިކުން މުސްލިމުންނާމެދު އަމަލުކުރިފަދަ ގޮތަކަށެވެ. ޖަމީލް ވިދާޅުވީ އެ ޒަމާނުގައި ވެސް ހައްގާ ކުރިމަތިލާން ނުކުޅެދުމުން މުޝްރިކުން ވަނީ އަނިޔާ ކުރަން ގޮވާލައި ރާވާފައި ކަމަށެވެ. އަދި ނަފްރަތު އުފެއްދުމުގެ ނަތީޖާއަކީ ނަފްސަށް ގެއްލުން ދިނުން ފަދަ ޖަރީމާ މާޒީގައި ހިންގުން ކަމަށް ވިދާޅުވެ މާރާމާރީ ހިންގަން ގޮވާލި މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ މައްޗަށް ލާޒިމް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ފުލުހުންނަށާއި އެމްޑީޕީގެ މެންބަރުންގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ އެދިވަޑައިގެންފަ އެވެ.

ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެމަނިކުފާނުގެ މޭމަތީ އިންޑިއާ އައުޓް ޖައްސަވައިގެން ހިންގަވާ ކެމްޕޭނަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އިންޑިއާ އައުޓް ނުގޮވޭނެ ކަމަށެވެ.

ރައީސް ޔާމީނަށް ނުސީދާކޮށް އިންޒާރު ދެއްވަމުން ނަޝީދު ވިދާޅުވީ ރައީސް ޔާމީނަށް މާލޭގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލު ކުރަން ޖެހިއްޖެނަމަ އުދަނގޫވެވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން އެ ލަދުން ޕީޕީއެމްގެ މެންބަރުން ސަލާމަތް ކުރުމަށްޓަކައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ސަޕޯޓަރުންނާއި ފުލުހުން ނިކުމެ އެ ހަރަކާތް ހުއްޓުވަން އެދިވަޑައިގެންފަ އެވެ.

"އިނގިރޭސި ބޮޑުވަޒީރަކަށް 'ފްރާންސް އައުޓް' ޖަހައިގެން ލަންޑަން މެދުގައި ވެސް ނުހިނގޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.