މާލޭގައި ހިންގާ އަތޮޅު ފިހާރަތަކުން އަތޮޅު ކައުންސިލަށް ލިބެންޖެހޭ އާމްދަނީގެ ތެރެއިން 38.4 މިލިއަން ރުފިޔާ އަތޮޅު ކައުންސިލް ތަކުގެ އެކައުންޓަށް ޖަމާ ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނެފައި ވަނީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު އަތޮޅު ފިހާރަތަކުން އަތޮޅު ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ އަތޮޅު ކައުންސިލްތަކުގެ އެކައުންޓްތަކަށް ޖަމާ ކޮށްދީފައި ވާނެ ކަމަށެވެ.
އެގޮތުން 2016 ވަނަ އަހަރު އަތޮޅު ފިހާރަތަކުން ލިބުނު އާމްދަނީގެ ގޮތުގައި 17.9 މިލިއަން ރުފިޔާ އަދި 2017 ވަނަ އަހަރުގެ އާމްދަނީގެ ގޮތުގައި 20.5 މިލިއަން ރުފިޔާ 20 އަތޮޅުގެ އެކައުންޓަށް ޖަމާ ކޮށްދީފައިވެ އެވެ.
މާލޭގައި ހިންގާ އަތޮޅު ފިހާރަ ތަކަކީ ކައުންސިލް ތަކަށް ކުލީގެ 50 ޕަސެންޓް ލިބޭ ގޮތަށް ކުއްޔަން ދީފައިވާ ފިހާރަ ތަކެކެވެ. އަތޮޅު ފިހާރަތަކުގެ ފައިސާ ކައުންސިލްތަކަށް އެންމެ ފަހުން ދީފައިވަނީ 2019 ވަނަ އަހަރު އެވެ. އެއީ 2015 ވަނަ އަހަރުގެ ފައިސާ އެވެ. އެ އަހަރު އަތޮޅު ކައުންސިލްތަކަށް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފިނޭންސް މިނިސްޓްރީން ޖަމާކުރި އެވެ.
އަތޮޅު ކައުންސިލް ތަކަށް ފައިސާ ލިބޭނެ ގޮތްތައް މަދު ކަމަށް ކައުންސިލް ތަކުން ގެންދަނީ ފާހަގަކުރަމުންނެވެ. އެހެންކަމުން އަތޮޅު ފިހާރަތަކަކީ ކައުންސިލްތަކަށް ފައިސާ ހޯދުމަށް މުހިއްމު ވަސީލަތަކަށް ވާތީ އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ އަހަރުން އަހަރަށް ހޯދުމަށް ކައުންސިލްތަކުން ފިނޭންސް މިނިސްޓްރީގައި އަބަދުވެސް އެދެ އެވެ.