މާލޭ ސިޓީ ކައުންސިލް

ދަނޑުގެ މަސައްކަތް ލަސްވަނީ ބަޖެޓް ނުލިބިގެން: ރީހާން

Feb 24, 2022

މާލެ ސިޓީ ކައުންސިލުން ގަލޮޅު ސިނަމާލެ ސަރަހައްދުގައި އެޅުމަށް ނިންމާފައިވާ ޓާފް ދަނޑުގެ މަސައްކަތް ނުނިމި ލަސްވަމުންދަނީ ފިނޭންސް މިނިސްޓްރީން ދޭންޖެހޭ ބަޖެޓް ލިބުން ލަސްވާތީ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު ރީހާން ނާޒިމް ވިދާޅުވީ ޓާފް ދަނޑު އެޅުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. ލަސްވަނީ ފިނޭންސް މިނިސްޓްރީން މަސައްކަތަށް ބޭނުންވާ ބަޖެޓް ދޫނުކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.

"ބަޖެޓް ލިބުނުހާ އަވަހަށް މަސައްކަތް ފެށިގެން ދާނެ ކަމަށް ޔަގީންކޮށްދެން،" ރީހާން ވިދާޅުވި އެވެ.

‎އޭނާ ވިދާޅުވީ ޓާފް ދަނޑު އެޅުން ލަސްވަމުން ދިއުމަކީ ގަލޮޅު މެދު ދާއިރާގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

‎"ކައުންސިލްގެ ފަރާތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށް ނިމި ކޯ-ލައިން އަށް ވަނީ ރަސްމީކޮށް ހަވާލު ކުރެވިފައި،" ރީހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޯދަ މަހަށް ޓާފް ދަނޑު ހުޅުވުމަށް ތައްޔާރުވެ ކޯ-ލައިން މޯލްޑިވްސް އާއި މަސައްކަތް ހަވާލުކޮށްފައިވީ ނަމަވެސް ދަނޑުގެ އަމަލީ މަސައްކަތް ފެށިގެންދާނީ ބަޖެޓް ލިބިގެން ކަމަށެވެ.

‎ކައުންސިލްގެ އުއްމީދަކީ މާލެ ސިޓީގެ ތަރައްގީ އާއި ގުޅޭ ކަންކަން ހާއްސަ ގޮތެއްގައި ރައްޔިތުންނާއި ސީދާ ގުޅުންހުރި މަޝްރޫއުތައް ވީއެންމެ އަވަސް ދުވެލީގައި ކޮށް ނިންމާލުން ކަމަށްވެސް ވިދާޅުވި އެވެ.

"އެހެންކަމުން މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށް ރާވާ މިދަފަ މަޝްރޫއުތަކުން މާލެ ސިޓީގެ ރައްޔިތުންނަށް ފައިދާ ލިބިގެންދާނީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ކައުންސިލަށް ލިބިގެން،" ރީހާން ވިދާޅުވި އެވެ.