ފުލުހުން ތަހުގީގު ކުރަމުންދާ ކުޑަކުދިންގެ މައްސަލަތަކުގައި އެކުދިން ހާޒިރުކޮށްގެން ސުވާލުކުރުމަށް ހާއްސަ އިންޓަވިއު ރޫމް ތަކެއް ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ގާއިމްކޮށްފި އެވެ.
ފުލުހުން ބުނީ ކުޑަކުދިންނަށް ހާއްސަ ތަހުގީގު ރޫމްތަކެއް ހެދީ އެންމެ ގިނައިން އެފަދަ މައްސަލަތައް ހުށަހެޅޭ ސަރަހައްދުތައް ކަމަށްވާ، ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނާއި ޏ. ފުވައްމުލަކު ސްޓޭޗަންގަ އާއި ސ.ހުޅުމީދޫ ޕޮލިސް އަދި ސ. ހިތަދޫ ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގަ އެވެ.
ފުލުހުން ބުނީ މި ކޮޓަރިތައް ހަދާފައި ހުންނާނީ ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކޮށް އަދަބު ދިނުމާ ގުޅޭ، ގަވާއިދުގައިވާ ފަދަ އެކަށީގެންވާ މާހައުލެއް އެ ކުދިންނަށް ލިބޭފަދަ ގޮތަކަށް ކަމަށެވެ. މި ކޮޓަރިތައް ތައްޔާރު ކުރީ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ހާއްސަ ޓީމްތަކެއް އަތޮޅުތަކަށް ފޮނުވައި ގެންނެވެ.
"މީގެ ބޭނުމަކީ މާލެ އާއި އެއްފެންވަރަށް އަތޮޅުތަކުގައިވެސް ކުޑަކުދިންގެ މައްސަލަތަށް ބެލުމުގައި ވީހާވެސް ބޮޑަށް އެހީތެރިވެދީ މާލެ އާއި އަތޮޅުތަކުގައި މިފަދަ މައްސަލަތައް ބެލުމުގައި އެއްގޮތްކުރުން. އަދި ވީއެންމެ އަވަސް ފުރުސަތެއްގައި އިތުރު އަތޮޅުތަކުގައި މިފަދަ އިންޓަވިއު ރޫމްތައް ގާއިމް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.
ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ވަނީ މިފަދަ އިންޓަވިއު ރޫމްއެއްގައި ހުންނަން ޖެހޭ މިންގަނޑުތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން އެތާގައި ބޭނުންކުރެވޭ ފަރުނީޗަރަކީ ކުޑަކުދިންނަށް ހާއްސަކުރެވިފައިވާ ތަކެއްޗަށް ވުމާއި އެކުދިންނާއި ސުވާލުކުރަން އެހީތެރިވުމަށް، ބައެއް ކަހަލަ ސާމާނު އިންޓަވިއު ރޫމްތަކުގައި ހުންނަންޖެހެ އެވެ. އަދި ކުޑަކުދިންނާއި ސުވާލުކުރާ ފަރާތްތަކާ އެކުދިން އިށީނުމަށްވެސް މިފަދަ ރޫމްތަކުގައި ހުންނަންޖެހެނީ އެކަށޭނަ ކުލަ އަދި ސައިޒްގެ ގޮޑިއެއް ކަމަށާއި ވީޑިއޯ އަދި އޯޑިއޯ ރިކޯޑިން ހެދޭނެ އިންތިޒާމްވެސް މި ރޫމްތަކުގައި ގާއިމުކުރެވިފައި ހުންނަންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.