އަލިފުށި

އަލިފުށި ޓިވެޓް ސެންޓަރު އަޅައިދޭނެ ބަޔަކު ހޯދަނީ

ރ. އަލިފުށީގައި ސްޓޭޓް އޮފް ދި އާޓް ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިން (ޓިވެޓް) ސެންޓަރެއް އަޅައިދޭނެ ފަރާތެއް ހޯދަން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

މިއީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން އަލިފުށީގައި ހިންގާ ޕްރޮޖެކްޓެކެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާންގައި ވަނީ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފަ އެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮތީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.

ޓިވެޓް ސެންޓަރު އިމާރާތް ކުރުމަށްޓަކައި ޓެންޑަރިންއަށް ބޭނުންވާނެ ޑިޒައިންތަކާއި ތަފްސީލް ކުރެހުންތައް ނިންމާ، ކޮންސްޓްރަކްޝަން މަސައްކަތުގެ ޓެންޑާ ފިނޭންސް މިނިސްޓްރީން ވަނީ އިއުލާން ވެސް ކޮށްފަ އެވެ.

އަލިފުށި ޓިވެޓް ސެންޓަރު އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 38,328 އަކަފޫޓްގެ ބިމެއްގަ އެވެ. ދެބުރިއަށް ހެދުމަށް ނިންމާފައިވާ އިމާރާތް ނިމޭއިރު އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ބޭނުންކުރާނެ ބްލޮކްތަކާއި އެކްޓިވިޓީ އޭރިއާއެއްގެ އިތުރުން 50 ކުދިންގެ ޖާގައިގެ އެކޮމަޑޭޝަން ބްލޮކެއް ހުންނާނެ އެވެ.

އަލިފުށި ޓިވެޓް ސެންޓަރުގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ބޯޓް ބިލްޑިން ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަކެވެ. އަދި ބައެއް އެހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް ހިންގުމަށް ޕްލޭންކޮށްފައިވެ އެވެ.

ޓިވެޓް ސެންޓަރު ނިމޭއިރު ބޯޓްޔާޑަކާއި ކާޕެންޓްރީ ވޯކްޝޮޕަކާއި މެޝިން ވޯކްޝޮޕަކާއި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން ހަ ކްލާސް ރޫމާއި އައިސީޓީ ލެބޯޓަރީއެއް ހުންނާނެ އެވެ. އަދި އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިން ރޫމްތަކާއި ސްޓަޑީ ރޫމްތަކުގެ އިތުރުން ލައިބްރަރީ ވެސް ހުންނާނެ އެވެ.