ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ޖޫނިއާ ކޮލެޖާއި ޓިވެޓް ސެންޓަރު ހިންގާނެ ބަޔަކު ހޯދަނީ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހއ. ދިއްދޫގައި ގާއިމުކުރާ ޖޫނިއާ ކޮލެޖާއި ރ. އަލިފުށީގައި އިމާރާތްކުރާ ޓިވެޓް ސެންޓަރު ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މި ދެ މަޝްރޫއު އިއުލާނުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީންނެވެ.

މި ދެ މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ހއ. ދިއްދޫގައި ގާއިމުކުރާ ޖޫނިއާ ކޮލެޖާއި ރ. އަލިފުށީގައި އިމާރާތްކުރާ ޓިވެޓް ސެންޓަރުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ.

ދިއްދޫގައި ޖޫނިއާ ކޮލެޖު އެޅުމަށް ހަމަޖެހިފައިވަނީ އެ ރަށު ހިއްކި ސަރަޙައްދުން އެކަމަށް ކަނޑައަޅާފައިވާ 30،000 އަކަފޫޓްގެ ބިމެއްގަ އެވެ. މި ކޮލެޖު ހާއްސަކޮށްފައިވަނީ ފުޑް ޕްރޮސެސިން އަދި މަސްވެރިކަމުގެ ދާއިރާގެ ތަފާތު ކޯސްތައް ހިންގުމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ދާއިރާތަކުގެ ކޯސްތައް ހިންގުމަށްވެސް ނިންމާފައިވެ އެވެ.

އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވާ ޓިވެޓް ސެންޓަރަކީ މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެޅުމަށް ހަމަޖެހިފައިވާ ސެންޓަރެއް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޓިވެޓް ސެންޓަރު އިމާރާތުގައި ތިން ފަންގިފިލާއަށްވާ ގޮތަށް އިންސްޓިއުޓް ބްލޮކަކާއި އެއް ފަންގިފިލާގެ ބޯޓްޔާޑަކާއި ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކަކާއި ދެ ފަންގިފިލާގެ އެކްޓިވިޓީ އޭރިއާއެއް ހިމެނެ އެވެ.