ނ. ކެނދިކުޅުދޫ އާއި ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.
އެ ދެ ރަށުގައި ޖޫނިއާ ކޮލެޖް އަޅަން ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފައި ވަނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލަށެވެ.
އެ އިއުލާނުގައި ބުނެފައިވާ ގޮތުން ދެ ރަށުގައި ގާއިމުކުރާ ޖޫނިއާ ކޮލެޖުގައި އެކޮމޮޑޭޝަން ބްލޮކް ތަރައްގީ ކުރުމުގެ މަސައްކަތަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ދައުވަތު މިހާރު ވަނީ ހުޅުވިފަ އެވެ. އީއޯއައި ހުށަހެޅޭނީ އަންނަ މަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދޭނީ ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.
ޖޫނިއާ ކޮލެޖުތައް ހަދައި ހިންގުމުގައި އިސްކަން ދޭނީ އެ ސަރަހައްދެއްގެ ސިނާއީ ދާއިރާތަކަށެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ބަސްތައް އުނގަންނައި ދޭށެވެ. މީގެ އިތުރުން އެ ކޮލެޖުތަކުގައި ކިޔަވައިދޭނެ ކަރިކިއުލަމް އުފައްދާ ރާއްޖެއަށް މުހިއްމު ދާއިރާތަކުގެ މޮޑިއުލްތައް އެ ކޮލެޖްތަކުގައި ކިޔެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ހަޔާއެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.