ލ. ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައިގައި ފެށޭ ވަރުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ގަމު ކައުންސިލުން ބުނީ ކެންސަރު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މިހާރު އޮތީ ބީލަމުގެ މަރުހަލާގައި ކަމަށެވެ. އިންޑިއަން ހައި ކޮމިޝަނުން މި މަހުގެ ތެރޭގައި ކައުންސިލާއި ބައްދަލުކޮށް ހިއްސާ ކުރި މައުލޫމާތުތަކާ ހަވާލާދީ ބުނީ ހޮސްޕިޓަލް އެޅުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ލޯނަށް އެދިފައިވާ ކަމަށެވެ.
ކެންސަރު ހޮސްޕިޓަލުގެ އެންމެ ފަހުގެ މަސައްކަތާއި ގުޅޭގޮތުން އިންޑިއަން ހައި ކޮމިޝަނުން ބުނީ ޓެކްނިކަލް ފެސިބިލިޓީ ރިޕޯޓްގެ މަސައްކަތް ނިމުމުން މަސައްކަތް ކުރިއަށްގެންދާނެ ގޮތްތައް ކަނޑައަޅާނެ ކަމަށެވެ.
ގަމުގައި އަޅަން ނިންމާފައިވާ ކެންސާ ހޮސްޕިޓަލަކީ އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ -- ލޯނެއް -- ތެރެއިން ހިންގާ ޕްރޮޖެކްޓެކެވެ. އެ މަޝްރޫއަށް ފައިސާ ދައްކަން ޖެހެނީ 20 އަހަރުގެ ތެރޭގަ އެވެ. ފައިސާ ދައްކަން ފަށަން ފަސް އަހަރުގެ ގްރޭސް ޕީރިއަޑެއް ދީފައިވާ އެ ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސަންޓެވެ.
ގަމުގައި ހަދާ ހޮސްޕިޓަލްގައި ކެންސަރު ބަލީގެ ތަހުލީލުތައްކޮށް ބަލި ދެނެގަނެ، ފަރުވާދީ ރިހިބިލިޓޭޝަން ވެސް ފޯރުކޮށްދޭނެ އެވެ. އަދި ހޮސްޕިޓަލު ހުޅުވައި ހިނގަން ފެށުމުން މެޑިކަލް ޓޫރިޒަމް އެ ސަރަހައްދަށް ތައާރަފުކޮށް ރާއްޖޭގެ ކެންސަރު ބަލި މީހުންގެ ރަޖިސްޓަރީއެއް އެކުލަވައިލާނެ އެވެ.
މި މަޝްރޫއުގައި ކެންސަރަށް ފަރުވާ ދިނުމަށް ބޭނުންވާ ސިއްހީ ދާއިރާ މީހުން ވެސް ތަމްރީނު ކުރާނެ އެވެ. އެގޮތުން ސިއްހީ ދާއިރާގެ 250 ދިވެހި މުވައްޒަފުންނަށް ތަމްރީން ކުރާނެ އެވެ.