ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފުރަތަމަ ކެންސަރު ހޮސްޕިޓަލް ގަމުގައި

ރާއްޖޭގައި ފުރަތަމަ ގާއިމު ކުރެވޭ ކެންސަރު ހޮސްޕިޓަލް ލ. ގަމުގައި ގާއިމު ވެގެން ދާއިރު ގަން ހޮސްޕިޓަލް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަށް ބަދަލުވެ ހިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ގެނެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރަށްވެހި ފަތިސް އޮންލައިން ކެންޕެއިން ބައްދަލުވުމުގައި ބައިވެރިވެ ވަަޑައިގެން ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. އެ ބައްދަލުވުން ހާއްސަ ކޮށްފައި ވަނީ ލ އަތޮޅާއި ވ އަތޮޅަށެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ކެންސަރަށް ފަރުވާދޭ ހޮސްޕިޓަލެއް ރާއްޖޭގައި ގާއިމު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވަނީ ޑިސެންބަރު 4، 2019 ގައި ވަނީ އިއުލާނު ކޮށްފަ އެވެ. އެ ހޮސްޕިޓަލް އެޅުމަށް ނިންމީ ހުޅުމާލޭގަ އެވެ.

ނަމަވެސް ރައީސް ރޭ ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ގާއިމުކުރެވޭ ކެންސަރު ހޮސްޕިޓަލް ލ. ގަމުގައި ގާއިމުވެގެންދާނެ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ. އަދި ހޮސްޕިޓަލްގެ މަސައްކަތް ފެށޭނެ އަދި ނިމޭނެ ތާރީހަކާއި ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ރައީސް ވިދާޅުވީ ކެންސަރު ހޮސްޕިޓަލް ލ. ގަމުގައި ގާއިމުވެގެންދާއިރު ގަން ހޮސްޕިޓަލް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަށް ބަދަލުވެ ހިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ގެނެވޭނެ ކަމަށެވެ.

މިހާރުވެސް ގަން ހޮސްޕިޓަލަށް ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށާ 189 އިން 255 އަށް މުވައްޒިފުންގެ އަދަދު އިތުރުކޮށްދީފައިވާ ކަަމަށާ ބައެއް ހިދުމަތްތައް މުޅީން އަލަށް ފެށިފައިވާ ކަމަށެވެ. މިދިޔަ އަހަރު 103،000 ވުރެ ގިނަ މީހުން ގަން ހޮސްޕިޓަލުން ފަރުވާ ހޯދި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.