އެމްޑީޕީގެ ލީޑާޝިޕާއި ޕާޓީގެ ހިންގުން ވެސް މިހާރަށްވުރެ ބޮޑަށް ލާމަރުކަޒު ކުރަން ޖެހޭ ކަމަށާއި ޕާޓީގެ އެންމެ އިސް އެއް ލީޑަރުގެ ހައިސިއްޔަތުން އެ މަސައްކަތް ކޮށް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން ރަށްރަށަށް ވާނެ ވައުދުތަކުގެ މެނިފެސްޓޯ ތައްޔާރު ކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިއަދު ކުރިއަށްދިޔަ ހަރަކާތުގެ ތެރެއިން ލ. ގަމުގައި ބޭއްވި ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ސިޔާސީ ހަރަކާތްތައް އިންތިޒާމުކޮށްގެން އިންތިހާބުތަކާ ކުރިމަތިލާ ޕާޓީއެއް ކަމަށެވެ.
ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން ރަށްރަށަށް ވާނެ ވައުދުތަކުގެ މެނިފެސްޓޯ ތައްޔާރު ކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިއަދު ކުރިއަށްދިޔަ ހަރަކާތުގެ ތެރެއިން ލ. ގަމުގައި ބޭއްވި ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ސިޔާސީ ހަރަކާތްތައް އިންތިޒާމުކޮށްގެން އިންތިހާބުތަކާ ކުރިމަތިލާ ޕާޓީއެއް ކަމަށެވެ. މިހާރަށްވުރެ ބޮޑަށް ޕާޓީގެ ހިންގުން ހަރުދަނާކޮށް ހަރަކާތްތައް ފުޅާ ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމުން ހިންގަންވީ ހަމައެކަނި ގައުމުގެ އިދާރީ ދާއިރާތައް ނޫން ކަމަށާއި ސިޔާސީ ޕާޓީތަކުގެ ހިންގުން ވެސް ލާމަރުކަޒު ކުރަން ޖެހޭ ކަމަށެވެ. އަދި ހަރަކާތްތައް ހިންގުމާއި އެ ކަމަށް ބޭނުންވާ މާލީ ކަންކަން ހަމަޖެއްސުމުގެ ބާރު ދާއިރާތަކަށާއި ގޮފިތަކަށް ދޫކޮށްލަން ޖެހޭ ކަމަށް އެމަނިކުފާޏު ވިދާޅުވި އެވެ.
"އަޅުގަނޑު ގަސްދުކޮށްގެން މި ހުރީ ޕާޓީގެ އެތެރޭގެ އެންމެ އިސް އެއް ލީޑަރުގެ ހައިސިއްޔަތުން މިހާރަށް ވުރެ ބޮޑަށް ޕާޓީގެ ހިންގުން ލާމަރުކަޒުކޮށްދޭން، ދާއިރާތަކަށް ބާރުތައް ދޫކޮށްލައި މާލީ ގޮތުން ވެސް ޕާޓީގެ ހަރަކާތްތައް ހިންގަން އެ ތަނަވަސްކަމާއި ނިންމުންތައް ދޫކޮށްލާން، އެ މަސައްކަތް ކުރަން އަޅުގަނޑު އުޅޭނަން،" ރައީސް ސޯލިހް ވިދާޅުވި އެވެ.
މިއަދު ވެސް ރައީސް ވަނީ ލާރުމަކަޒީ ނިޒާމަކީ އެމްޑީޕީން ތައާރަފުކުރި ނިޒާމެއް ކަމަށާއި ކައުންސިލްތައް ހިންގުމުގެ ވިސްނުން އޮންނާނީ އެމްޑީޕީގެ މެންބަރުން ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ކައުންސިލްތައް އެމްޑީޕީއަށް ދީފިނަމަ ރައްޔިތުންނަށް އެމްޑީޕީން ނަތީޖާ ދައްކައިދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އަޅުގަނޑު ހުރިހާ ރައްޔިތުންގެ ކިބައިން ވެސް އެދެނީ އެމްޑީޕީގެ މެންބަރުންނަށް ވޯޓު ދިނުމަށް، އެއީ ގެއްލިގެން ދާނެ ވޯޓެއް ނޫން، އޭރުން ސަރުކާރާއި މަޖިލީހާއި ކައުންސިލްތައް ގުޅިގެން އޭގެ ނަތީޖާ ރައްޔިތުންނަށް ދައްކައިދޭނަން،" ރައީސް ވިދާޅުވި އެވެ.