ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"އިންޑިއާ އައުޓް" އިން ސަލާމަތަށް ނުރައްކާވޭ: ގަރާރު

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން ކަނޑައަޅައިފި އެވެ.

އެކަން އިއުލާނު ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވައި މިއަދު ނެރުނު ރިޔާސީ ގަރާރަކުންނެވެ. އެ ގަރާރުގައި ރައީސް ބަޔާން ކުރައްވާފައި ވާގޮތުގައި، މި ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަމެއް ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅައިފައިވާ ކަމަށެވެ.

އަދި އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި އަދި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ހުރަސްއެޅިގެންދާ ކަމެއް ކަމަށް އެ ގަރާރުގައި ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.

އެ ގަރާރުގައި ބަޔާން ކުރައްވާފައިވާ ގޮތުގައި، މިއީ އެންމެހާ ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ދެކޮޅު ހަރަކާތެކެވެ.

މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަން ނަގައިލައި، ރާއްޖޭގެ އިގްތިސޯދީ ރައްކާތެރިކަމާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށް ވެސް ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި ވަކިން ހާއްސަކޮށް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އެކަހެރިވެ، އިތުބާރު ގެއްލި އަދި ދައުލަތުން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތުތައް ރޫޅުމުގެ އިތުރުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ވެސް ފާހަގަކުރެއްވޭ ކަމަށް ބަޔާންކުރައްވާފައިވެ އެވެ.

އަދި މި ކެމްޕޭނު ނުހުއްޓެއްޖެނަމަ ރާއްޖޭގެ ރައްޔިތުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި، ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމެއް ވެސް ލިބިދާނެ ކަމަށް މި ގަރާރުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

"ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވަންޖެހޭނެ ކަމެއްކަމުގައި ވާތީ، ދިވެހި ދައުލަތުގެ ފުދުންތެރިކަމާއި ފާގަތިކަމަށާއި ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެ އަސަރަކީ، ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ އަނިޔާއެއްކަމުގައި ފާހަގަކޮށް، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށާއި، ވަކިވަކި ގައުމުތަކާ ދެކޮޅަށް ނުފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ކަމެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅައިފައިވޭ،" ރައީސް ނެރުއްވާފައިވާ ރިޔާސީ ގަރާރުގައި ބަޔާންކުރައްވާފައިވެ އެވެ.

އެހެންކަމުން މިފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި އެކަން ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކަށް ރައީސްގެ ގަރާރުގައި ވަނީ އަންގަވައިފަ އެވެ.

އިންޑިއާ އައުޓް ކެމްޕޭނާ ދެކޮޅަށް ރައީސް ގަރާރެއް ނެރުއްވާފައިވާއިރު، ފުލުހުން މިއަދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ގެކޮޅު، ހ. ދޫވެހީގައި ނަގާފައިހުރި އިންޑިއާ އައުޓް ބެނާ ފުލުހުން ވަނީ ނަގައިފަ އެވެ. ފުލުހުން އެ ގެއަށް ވަދެފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ޕީޕީއެމް އޮފީހުގައި ދަމާފައިހުރި ބެނާ ވެސް ފުލުހުން ވަނީ ނަގައިފަ އެވެ.