ހަބަރު

ފުށިދިއްގަރު ފަޅުގެ މައްސަލައިގައި އޭސީސީ އިން އަދީބު އާ ސުވާލުކޮށްފި

Dec 14, 2015

ފުށިދިއްގަރު ފަޅު ބޭރު ބަޔަކަށް ކުއްޔަށް ދިން މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާ ސުވާލުކޮށްފި އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު މީޑިއާގައި ވިދާޅުވެފައިވާ ގޮތުގައި އެ މައްސަލަ މިހާތަނަށް ވެސް އައީ ބަލަމުންނެވެ. މައުލޫމާތު ލިބުމުގައި ދިމާވި ދަތިތަކުން މައްސަލަ އެހާ ބާރު ދުވެލީގައި ކުރިއަށް ނުގޮސްފައި އޮތް ނަމަވެސް، މިދިޔަ ހަފްތާގައި އެ މައްސަލައިގައި އަދީބު އާ ސުވާލު ކުރި ކަމަށް މުއައްވިޒު ވިދާޅުވި އެވެ. އަދި ވެސް ގުޅުން ހުރި އެހެން ފަރާތްތަކާ ސުވާލު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ ކޮން ބައެއް ކަމެއް ނޭނގެ އެވެ.

އެ ފަޅު ކުއްޔަށް ދީފައި ވަނީ ނިއުޒިލޭންޑްގެ، ޕްރައިމް ކެޕިޓަލް ކިޔާ ކުުންފުންޏަކަށެވެ. އެ ފަޅު ކުއްޔަށް ދިނުމަށް 2013 ގެ ޖެނުއަރީގައި ސޮއި ކޮށްފައި ވަނީ ސަރުކާރުގެ ފަރާތުން އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ. އަދި ހެކިވެރިއެއްގެ ގޮތުން ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އަދީބު އާއި ފިނޭންސްގެ ނައިބަކަށް ހުންނެވި އިބްރާހިމް މަނިކު ކިޔާ ބޭފުޅެކެވެ.

އެފަޅުގެ މައްސަލަ އޭސީސީއަށް ލީ އޭރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކުންނެވެ.