އޭސީސީ

އޭސީސީގެ މެމްބަރުންގެ މައްސަލަ ކުރިއަށް ގެންދަން ފާހެއް ނުވި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ވަކިކުރުން ނިންމައި ޖަވާބު ދާރީވާން ވަކި މުއްދަތެއް ދީފައިވަނިކޮށް އެ މެމްބަރުން އުސޫލާ ހިލާފު އަމަލުތަކެއް ހިންގަމުންދާކަމަށް ބުނެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި މައްސަަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމައިފި އެވެ.

މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން މިގޮތަށް ނިންމީ އޭސީސީގެ މެމްބަރުން އުސޫލާ ހިލާފަށް ކަންކަން ކުރައްވާކަމަށް ބުނެ އެ ކޮމިޓީގެ ތިން މެމްބަރަކު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން މިރޭ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)އާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު އަދި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް އެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރަން ނިންމައި އެ މައްސަލަ ކޮމިޓީ މަރުހަލާގައި އޮތްއިރު އެ މެމްބަރުން ޖަވާބުދާރީވުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހާ ހަމައަށް އޮތީ ދީފަ އެވެ.

މިރޭގެ ކޮމިޓީޣައި އަނދުން ހުސެއިން ވިދާޅުވީ މެމްބަރުން ވަކިކުރަން ނިންމައި ޖަވާބުދާރީވުމުގެ ފުރުސަތުދީފައި ވަނިކޮށް ދައުލަތުގެ ވަރަށް ގިނަ ބޭފުޅުންގެ ބަޔާން ނަގައި ކަންކަން ބަލަމުންދާ ކަމަށެވެ. އަދި އެ މެމްބަރުން ވަކިކުރުމުގެ މަރުހަލާ ހިނގަމުން ދަނިކޮށް އާަންމު އުސޫލާ ހިލާފަށް ވަކިކަންތައްތަކެއް ކުރާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

މި ކަންކަމަށް ރިއާޔަތްކޮށް އޭނާ ހުށަހެޅުއްވީ ކޮމިޝަންގެ މެމްބަރުން އުސޫލާ ހިލާފަށް އަދި ތަރުތީބުން ބޭރުން މަސައްކަތް ކުރުމަކީ މިވަގުތު އެންމެ އެދެވިގެންވާ ގޮތް ނޫން ކަމަށް ކޮމިޝަންއަށް ސިޓީއަކުން ދެންނެވުމަށެވެ. ނަމަވެސް މިގޮތަށް ކޮމިޓީން ފާހެއް ނުވިއެވެ.

އޭސީސީގެ މެމްބަރުން އުސޫލާ ހިލާފަށް ކަންތައްތައްކުރާ ކަމަށް ކުރެވުނު ތުުހުމަތުތަކާމެދު ހިޔާލު ތަފާތުވިއިރު ތިނަދޫ ދެކުނު ދާއިރާަގެ މެމްބަރު އަބްދުﷲ ސަނީފް ހުށަހެޅުއްވީ މި މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަ ށެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއިދުކުރެއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ.

އުޝާމް ވިދާޅުވީ އޭސީސީގެ މެމްބަރުންގެ ގޮތުގައި ތިން މެމްބަރުން ތިއްބަވައިގެން ކަމެއް ނިންމުމަަށް ގާނޫނީ ގޮތިން ހުރެހެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާނެ ކަމަށެވެ.

ސަނީފްގެ ހުށަހެޅުމަށް ތާއިދުކޮށް ހަަތަރު މެމްބަރަަކު ވޯޓު ދެއްވި އިރު ހަތަރު މެމްބަރަކު ދެކޮޅަށް ވެސް ވޯޓު ދެއްވި އެވެ. ނަަމަވެސް ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ވޯޓާއެކު ސަނީފްގެ ހުށަހެޅުން ފާސްކޮށް އޭސީސީގެ މެމްބަރުން އުސޫލާ ހިލާފު އަމަލުތަކެއް ހިންގަމުންދާކަމަށް ބުނާ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމި އެެވެ.

އޭސީސީގެ މެމްބަރުން އުސޫލާ ހިލާފަށް ކަންކަންކުރާ ކަމަށް ކުރެވުނު ތުހުމަތުތައް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ދޮގުކުރައްވަ އެވެ. މި ތުހުމަތުތަކާ ގުޅިގެން ޝިއުނާ ރޮޒައިނާއަށް ފޮނުއްވި މެސެޖެއްވެސް މިރޭގެ ބައްދަލުވުމުގައި ވަނީ އިއްވައިފަ އެވެ.

ޝިއުނާ ވިދާޅުވީ މި ދުވަސްވަރު އެއްވެސް މައްސަލައަކާ ގުޅިގެން އެއްވެސް ނިންމުމެއް ނުނިންމާ ކަމަށެވެ. އަދި މިވަގުތު ހަމައެކަނި ކުރަމުންދާ ކަމަކީ ޝަކުވާތައް ބަލައިގަތުމާއި ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ފާސްކުރުން އެކަނި ކަަމަށެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅީ ކޮމިޝަންގެ މަސައްކަތްތަކާއި މެންބަރުންގެ މަސައްކަތްތައް އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު އެވެ.

މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިންމަވާލެއްވުމަށްފަހު މެންބަރުން ޗުއްޓީ އަށް ވަޑައިގަތުމުގެ ކުރިން އޮޑިޓް ރިޕޯޓާ އެކު އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަަމަށް ނިންމައި އޭސީސީގެ މެމްބަރުން ވަކިކުުރުމަށް ކޮމިޓީން ކުރިން އޮތީ ފާސްވެސްކޮށްފަ އެވެ.

ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާތަކެއް ބާއްވަން ނިންމީ ވެސް އެ މައްސަލާގައި ގޮތެއް ނިންމުމަށް މަޖިލީހުގެ މެންބަރުންތަކެއް ސޮއިކުރައްވާ މަޖިލީހުގެ ރައީސް އަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ.

ދައުރުން ބޭރުގައި މިމަހުގެ 16 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފެށުމަށްފަހު އެ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމުން ވަނީ އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލަ ފަށައި އެ މައްސަލަ ކޮމިޓީއަށް ފޮނުވާފަ އެވެ. އެހެންވެ އެ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބޭއްވުމަށްފަހު އޭސީސީގެ މެންބަރުން ލިޔުމުން ޖަވާބުދާރީވުމަށް ކޮމިޓީން ފަސް ދުވަސް ދީފައިވެ އެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުން ފެށިއިރު އެ ކޮމިޝަންގައި ފަސް މެންބަރުން ތިއްބެވި ނަމަވެސް އޭރު ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބެވި އަލީ އަޝްރަފާއި، އިބްރާހީމް ޝަކީލް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެހެންކަމުން އޭސީސީގައި މިހާރު މެންބަރުންގެ ގޮތުގައި ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބް ރައީސް ފާތިމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ އެވެ.