ހުސްވެފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރު ކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވި ފަސް ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
އޭސީސީގެ މެމްބަރުކަމަށް އައްޔަނުކުރަން ރައީސް ފޮނުއްވި ނަންތައް ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އަދި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިމަހުގެ ހަތް ވަނަ ދުވަހު ވަނީ އެ ނަންތައް ފާސްކޮށްފަ އެވެ.
އެ ނަންތައް މިއަދު މަޖިލީހުގެ ތަޅުމުން ފާސްކުރީ މެމްބަރުންގެ އަޣުލަބިއްޔަތުން ނެވެ. އެ ބޭފުޅުން އައްޔަނުކުރަން ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.
އޭސީސީއަށް އައްޔަނުކުރަަން ރުހުން ލިބުނު މެމްބަރުންނާއި ލިބުނު ވޯޓުގެ އަދަދު
- އާދަމް ޝާމިލް- ރަތްވިލާގެ/ ތ. ވިލުފުށި (42 ވޯޓު ލިބިވަޑައިގެންނެވި)
- އަބްދުއް ސަލާމް- ހަވާ/ ށ. ނަރުދޫ (43 ވޯޓު ލިބިވަޑައިގެންނެވި)
- ތޯހާ މުހައްމަދު- ކަޅި ހާރުގެ/ އދ. މާމިނިގިލި (40 ވޯޓު ލިބިވަޑައިގެންނެވި)
- ޝަޒްނާ ހާޝިމް- ރިހިވިލު/ ހދ. ނޮޅިވަރަންފަރު (42 ވޯޓު ލިބިވަޑައިގެންނެވި)
- ޝިޔާމާ މުހައްމަދު- ނާރެސް/ ރ. ހުޅުދުއްފާރު (42 ވޯޓު ލިބިވަޑައިގެންނެވި)
އޭސީސީގެ މެންބަރުންގެ ގޮތުގައި އެންމެ ފަހުން ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ އެވެ. މި ތިން ބޭފުޅުން އިސްތިއުފާ ދެއްވެވީ މިދިޔަ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އެ ބޭފުޅުންގެ ކުރިން އަލީ އަޝްރަފާއި، އިބްރާހީމް ޝަކީލް ވެސް ވަނީ އޭސީސީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. އަޝްރަފް އިސްތިއުފާ ދެއްވީ ޑިސެމްބަރު ދެވަނަ ދުވަހު އެވެ. ޝަކީލް އިސްތިއުފާ ދެއްވީ ޑިސެންބަރު 15 ވަނަ ދުވަހު އެވެ.
އޭސީސީއަށް މެންބަރުން އައްޔަންކުރުމަށް ރައީސް ސޯލިހް މަޖިލީހަށް ނަންތަކެއް ފޮނުއްވީ މިމަހުގެ 23 ވަނަ ދުވަހު އެވެ.
މަޖިލީހަށް ނަންތައް ފޮނުއްވީ ގާނޫނުގައި އެކަން ކުރަން ބުނެފައިވާ މުއްދަތުގެ ފަހުންނެވެ. އޭސީސީގެ ގާނޫނުގައި އެ ކޮމިޝަންގެ މެންބަރަކު އިސްތިއުފާ ދެއްވައިފިނަމަ އެ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މީހަކު އައްޔަންކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.