އޭސީސީ

އޭސީސީގެ މެމްބަރުކަމަށް ފަސް ނަމެއް

ހުސްވެފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރު ކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވެވި ނަންތައް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވައިިފި އެވެ.

އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ފުރުސަތު ހަމަވުމުން ދެވަނަ ފަހަރަށް ވެސް ހުޅުވާލި އެވެ.

އޭސީސީގެ މެމްބަރުކަމަށް އައްޔަނުކުރަން ރައީސް ފޮނުއްވި ނަންތައް އަމީން އާންމު ވަނީ މަޖިލީހުގެ ތަޅުމުގައި އިއްވަވައިފަ އެވެ.

އެ ނަންތައް ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައި ވަނީ ކޮޓީއަށް ނަންތައް ފޮނުއްވައިފަ އެވެ.

އޭސީސީއަށް އައްޔަން ކުރަން ރައީސް ފޮނުއްވި ނަންތައް

  • އާދަމް ޝާމިލް- ރަތްވިލާގެ/ ތ. ވިލުފުށި
  • އަބްދުއް ސަލާމް- ހަވާ/ ށ. ނަރުދޫ
  • ތޯހާ މުހައްމަދު- ކަޅި ހާރުގެ/ އދ. މާމިނިގިލި
  • ޝަޒްނާ ހާޝިމް- ރިހިވިލު/ ހދ. ނޮޅިވަރަންފަރު
  • ޝިޔާމާ މުހައްމަދު- ނާރެސް/ ރ. ހުޅުދުއްފާރު

އޭސީސީގެ މެންބަރުންގެ ގޮތުގައި އެންމެ ފަހުން ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ އެވެ. މި ތިން ބޭފުޅުން އިސްތިއުފާ ދެއްވެވީ މިދިޔަ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އެ ބޭފުޅުންގެ ކުރިން އަލީ އަޝްރަފާއި، އިބްރާހީމް ޝަކީލް ވެސް ވަނީ އޭސީސީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. އަޝްރަފް އިސްތިއުފާ ދެއްވީ ޑިސެމްބަރު ދެވަނަ ދުވަހު އެވެ. ޝަކީލް އިސްތިއުފާ ދެއްވީ ޑިސެންބަރު 15 ވަނަ ދުވަހު އެވެ.

އޭސީސީއަށް މެންބަރުން އައްޔަންކުރުމަށް ރައީސް ސޯލިހް މަޖިލީހަށް ނަންތަކެއް ފޮނުއްވީ މިމަހުގެ 23 ވަނަ ދުވަހު އެވެ.

މަޖިލީހަށް ނަންތައް ފޮނުއްވީ ގާނޫނުގައި އެކަން ކުރަން ބުނެފައިވާ މުއްދަތުގެ ފަހުންނެވެ. އޭސީސީގެ ގާނޫނުގައި އެ ކޮމިޝަންގެ މެންބަރަކު އިސްތިއުފާ ދެއްވައިފިނަމަ އެ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މީހަކު އައްޔަންކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.