އޭސީސީ

ކޮމިޓީން މިފަހަރުވެސް ނިންމީ އޭސީސީގެ މެމްބަރުން ވަކިކުރަން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.

އޮޑިޓް އޮފީހުން ހެދި ޕާފޯމަންސް އޮޑިޓަކަށްފަހު އޭސީސީގެ މެމްބަރުން ވަކިކުރަން ކޮމިޓީން އެންމެ ފުރަތަމަ ނިންމީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. އޭގެ ފަހުން މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފަހު ގަވައިދާ އެއްގޮތަށް މި މައްސަލަ އަނެއްކާވެސް ކޮމިޓީއަށް ފޮނުވުމުން އޭސީސީގެ މެމްބަރުން ޖަވާބުދާރީވުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހު ދިނެވެ. އަދި މިއަދު ކޮމިޓީގެ މެމްބަރުން ވަނީ ޖަވާބުދާރީވެފަ އެވެ.

ޖަވާބުދާރީއާ ގުޅިގެން މިއަދު ވަނީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި މެމްބަރުން ވަކިކުރަން އަނެއްކާވެސް ފާސްކޮށްފަ އެވެ.

މިއަދު ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ވިދާޅުވީ އޭސީސީގެ މެމްބަރުންގެ ފަރާތުން ލިބުނީ ކުރިންވެސް ލިބުނު ޖަވާބުތަކެއް ކަމަށާއި އަދި މެމްބަރުންނަށް ވަގުތު ދެވިއްޖެ ކަމަަށެވެ. އަދި އެތައް ފަހަަރަކު ކޮމިޓީއަށް ހާޒިރުކޮށް ކަންތައްތައް ރަނގަޅުކުރަން ފުރުސަތު ދިނުމުންވެސް ބަދަލެއް ނައި ކަމަށެވެ.

އޭނާ ވިދާޅުވީ މައްސަލަތައް ލަސްވާ ކަންކަމުގައި އިންވެސްޓިގޭޝަން އޮފިސަރުންނާ މަޝްވަރާވެސް ނުކުރާކަން އޮޑިޓް ރިޕޯޓުން އެނގޭއިރު އެންމެ ކުޑަމިނުން އެސްއޯޕީއެއްހާ ހިސާބުވެސް މެމްބަރުންނަށް ހެދިފައިނުވާ ކަމަށެވެ. އެހެންވެ އޭނާ ހުށަހެޅުއްވީ މެމްބަރުން ވަކި ކުރުމަށެވެ.

ހަސަންގެ ހުށަހެޅުމަށް ތާއިދުކުރެއްވީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް އެވެ.

ހަލީމް ވިދާޅުވީ މެމްބަރުން ވަކިކުރަން ނިންމީ ކޮންމެހެން އޮޑިޓް ރިޕޯޓަށް ރިއާޔަތްކޮށް ނޫން ކަމަށެވެ. އަދި ހަސަންއެކޭ އެއްފަދައިން ހަލީމްވެސް ވިދާޅުވީ ކަންކަން ރަނގަޅުކުރުމަށް ފުރުސަތު ދެވިއްޖެ ކަމަށެވެ.

ހާއްސަކޮށް މެމްބަރުން އައްޔަނުކުރެއްވި އިރުވެސް އެމްއެމްޕީއާރުސީގެ މައްސަލައަށް ހާއްސަ އިސްކަމެެއް ދިނުމަށް އެދިވަޑައިގެންނެވި ކަމަށާއި އަދި މި މައްސަލަތަކުގައި އޭސީސީން ގާނޫނުގެ ބާރުގެ ބޭނުންކޮށްގެން މެމްބަރުން ހާޒިރުކޮށްގެން ވެސް މައްސަލަ އަވަސްކުރަން ޖެހޭނެ ކަަމަށެވެ.

ހަސަންގެ ހުށަހެޅުމާ އެއްގޮތަށް އޭސީސީގެ މެމްބަރަކު ވަކިކުރަން ފަސް މެމްބަރުން ވޯޓު ދެއްވި އެވެ. އެއީ ހަސަން، ހަލީމް(ދޮންބިލެތް)، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަފީގާއި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އާއި ގަމު ދާއިރާގެެ މެމްބަރު މުހައްމަދު ވިސާމު އެވެ.

ހަސަންގެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އަދި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ހިމެނިލައްވަ އެވެ.

މެމްބަރު ހަމީދު މިއަދު ވިދާޅުވީ އޭސީސީގެ މެމްބަރުން ޖަވާބުދާރީވެ ފޮނުވި ސިޓީތައް ލިބުނީ މިއަދު މެންދުރު ކަމަށެވެ. ބައެއް ސިޓީތަކުގައި 22 ސަފްހާވެސް ހިމެނޭ ކަމަށާއި އަދި ގާނޫނީ ބައެއް ކަންތައްތަކަށް ވެސް ރިއާޔަތްކޮށްފައިވާތީ މައްސަލަ ދިރާސާކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އެހެންވެ އޭނާ ހުށަހެޅުއްވީ އިތުރު ތިން ދުވަސް މައްސަލަ ދިރާސާކުރަން ދިނުމަށެވެ.

ނަަމަވެސް މިއަދު ވޯޓަށް އެންމެ ފުރަތަމަ އެހީ ހަސަން ހުށަހެޅުމަށް ކަމަށްވެފައި އެ ހުށަހެޅުން ފާސްވުމުން އަލީ ހަމީދުގެ ހުށަހެޅުމަށް ވޯޓަކަށް ނާހަ އެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުން ފެށިއިރު އެ ކޮމިޝަންގައި ފަސް މެންބަރުން ތިއްބެވި ނަމަވެސް އޭރު ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބެވި އަލީ އަޝްރަފާއި، އިބްރާހީމް ޝަކީލް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެހެންކަމުން އޭސީސީގައި މިހާރު މެންބަރުންގެ ގޮތުގައި ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބް ރައީސް ފާތިމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ އެވެ.

އޭސީސީގެ ޕާފޯމަންސް އޮޑިޓެއް ހަދައި އޮޑިޓް އޮފީހުން އެކުލަވާލި ރިޕޯޓްގައި ގިނަ މައްސަަލަތަކެއް ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ކޮމިޝަންގައި ގިނަ ދުވަސްވެފައިވާ މައްސަލަތައް ނުނިމި ހުރުމާއި އަދި މައްސަލަތައް ނިންމުމަށް ފަހު ދައުވާކުރަން ވެސް ގިނަ ދުވަސް ވުން ހިމެނެ އެވެ. އެގޮތުން ކޮރަޕްޝަންގެ ކުށް އެކުލެވިގެން ނުވާ މައްސަލަތަކުގެ 61 ޕަސެންޓް ނިމިފައިވާ އިރު ދައުވާ ކުރަން ފޮނުވީ އެންމެ އިންސައްތައެއްގެ މަސައްކަތް ކަމަށް ބުނެފައި ވެއެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ފުނިޖެހިފައިވާ އިރުވެސް ދައުލަތަށް ނަގައިދެވިފައިވަނީ އެންމެ 11،000 ރުފިޔާ ކަމަށް ރިޕޯޓްގައިވެ އެވެ.