ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މަސައްކަތްތަކަށް އެ ކޮމިޓީގެ މެންބަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ކުންފުނިތަކުގެ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ކުންފުނިތަކުގެ ތެރޭގައި ހިންގާ ނުފޫޒު ފޯރުވުމުގެ އަމަލުތަކާއި ކޮރަޕްޝަންގެ އަމަލުތައް ބަލަންޖެހޭ ގޮތަށް ނުބެލޭ ކަމަށެވެ.
ކޮރަޕްޝަންގެ މައްސަލަތައް ބަލަން އޮތް އިދާރާ އަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ކަން ފާހަގަކުރައްވަމުން އުޝާމު ވިދާޅުވީ އެ ކޮމިޝަނަށް ޒިންމާ އަދާ ނުކުރެވޭ ކަމަށް ވިދާޅުވެ މެންބަރުން ޝަކުވާ ކުރައްވާ އަޑު އިވިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު އޭސީސީ ހިނގާ ނުހިނގާ ގޮތް ބަލަން އޮތް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވެސް އެ ކޮމިޓީގެ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރެވޭ ކަމުގައި ވިދާޅުވި އެވެ.
"އޭސީސީން އެ މައްސަލަތައް ނުބަލާ ހިނދުގައި އޭސީސީގެ ކަންކަން އޭސީސީ ރަނގަޅަށް ފަންކްޝަން ކުރޭތޯ މި މަޖިލީހުން ނުބެލޭ ކަން ވެސް އަޅުގަނޑު ހަމަ މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުން. މި މަޖިލީހުން އެ ޒިންމާ ހަވާލުކޮށްފައި އޮތް ކޮމިޓީ، މިނިވަން މުއައްސަސާ ކޮމިޓީ ވެސް ރަގަޅަށް ފަންކްޝަން ނުކުރާކަން އަޅުގަނޑު ހަމަ މިފުރުސަތުގައި ފާހަގަކުރަން،" އުޝާމް ވިދާޅުވި އެވެ.
ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އުޝާމް ވިދާޅުވީ ދައުލަތުގެ އިދާރާތައް ރަނގަޅަށް ހިންގަމުން ނުދާނަމަ އަމަލުކުރަންވީ ގޮތް ގާނޫނުއަސާސީގައި އެބައޮތް ކަމަށެވެ. އެކަމަކު ގާނޫނުއަސާސީން މަޖިލީހަށް ދީފައިވާ ޒިންމާތައް މަޖިލީހުން ވެސް އެކަށީގެންވާ ގޮތުގައި އަދާކުރަމުން ނުދާ ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް މިނިވަން މުއައްސާސާތަކުގެ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި މިއިންނަނީ. އެހެންނަމަވެސް ހަމަ ހިތާމައާ އެކީ ދަންނަވަންޖެހެނީ މިއަހަރު މިދައުރުގެ ތިން މަސް ފާއިތުވެގެން ދިޔައިރުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ތިން ބައްދަލުވުން ކިރިއާ ބޭއްވުނީ. އޭގެތެރެއިން ދެ ބައްދަލުވުމަކީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް މެންބަރުން އައްޔަންކުރުމަށްޓަކައި ބޭއްވުނު ދެ ބައްދަލުވުން. މިއެއް ނޫން އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނެ ގޮތަކީ،" އުޝާމް ވިދާޅުވި އެވެ.
ނިޒާމީ ނުކުތާއެއް ނަންގަވާ މިނިވަން މުއައްސާސާތަކުގެ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ އުޝާމްގެ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ. އެގޮތުން ރޮޒައިނާ ވިދާޅުވީ އެ ކޮމިޓީ އަކީ މަސައްކަތްތައް ތޮއްޖައްސައިގެން އެއްވެސް އިރަކު މަސައްކަތް ނުކޮށް އޮންނަ ކޮމިޓީއެއް ނޫން ކަމަށެވެ. މީގެކުރިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުން އިދާރާތަކަށް ވަޑައިގެން އެތަންތަނުގައި ހާލަތު ބައްލަވާފައި ނުވާ ކަމަށާއި ނަމަވެސް މިހާރު އިދާރާތަކަށް ކޮމިޓީގެ މެންބަރުން ވަޑައިގެން ވެސް ހާލަތު ބައްލަވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ އެގޮތަށް ބުނުމަކީ ކޮމިޓީގެ ހުރިހާ އެންމެންނަށް ވެސް ބޭއިންސާފަކަށް ވާތީ އަދި އެ އިއްޒަތްތެރި މެންބަރު ވެސް ވަކި ކަމަކާ ގުޅިގެން ކޮމިިޓީއެއް ބާއްވަން އެދިވަޑައިގެންފައި ނުވާތީވެ އެގޮތަށް ވިދާޅުވީމާ ކޮމިޓީގެ ހުރިހާ މެންބަރުންގެ ނަމުގައި އަޅުގަނޑު ޗެއާގެ ހައިސިއްޔަތުން އެއްޗެއް ދަންނަވާލަން ޖެހުނީ،" ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ އަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ މަޖިލީހުގައި ގާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތުވެސް މިއަދު އެކަށީގެންވާ ގޮތަކަށް ލިބެމުން ނުދާ ކަމަށެވެ. އެވާހަކަ ދައްކަވަނީ ވަކި ބޭފުޅަކާ ޒާތީ ކަމެއް އޮވެގެން ނޫން ކަމަށާއި ޒިންމާ އަދާކުރެއްވުމަށް ދަތިތަކެއް ހުރުމުން ކަމުގައިވެސް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ހިނގަމުންދާ ދުވަސްވަރު ކޮންމެ ހަފްތާ އަކު މަދުވެގެން ދެ ބައްދަލުވުން ބާއްވަން ފާސްކޮށްފައިވާ ކޮމިޓީގެ ގަވައިދުގައި ބުނެފައިވާ ކަމަށެވެ. އެގޮތަށް ބައްދަލުވުންތައް ބާއްވަމުން ނުދާ ކަމަށް ފާހަގަކުރައްވަމުން އުޝާމް ވިދާޅުވީ ކޮމިޓީގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އިދާރާއެއްގެ ކަންކަން ބަލަންވާނީ އެ އިދާރާއެއްގެ ތެރޭގައި ކަމެއް ހިނގީމާ އެކަނި ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ ޒިންމާ އަކަށް ވާންޖެހޭނީ ކަމެއް ވުމުގެ ކުރިންވެސް ކަންކަން ބެލުންް. އަޅުގަނޑުމެން ކޮމިޓީ އަށް، އެހެން ވިދާޅުވީމާ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް [ކޮމިޓީގައި] އޮންނަތާ ވެސް ކިތަންމެ ޒަމާނެއްވެއްޖެ. އެންމެ ބައްދަލުވުމެއް ވެސް ނުބޭއްވޭ،" އުޝާމް ވިދާޅުވި އެވެ.
ސިވިލް ސާވިސް ކޮމިޝަނަށް އިސްލާހު ގެނައުމުގެ ބިލްގެ ވާހަކަ އުޝާމް ފާހަަގަކުރެއްވި ފަހުން މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެ ބިލާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރައްވާފައިވެ އެވެ.
އުޝާމް އިތުރަށް ވިދާޅުވީ މަޖިލީހުގެ ގިނަ ކޮމިޓީ ތަކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. ކޮމިޓީ ތަކުގައި ވަރަށް ގިނަ ދުވަސްވީ މައްސަލަތައް ހުރި ކަމަށް ފާހަގަކުރައްވާ ކޮމިޓީގެ މަސައްކަތްތައް އަވަސް ކޮށްދިނުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އުޝާމް ވަނީ އިލްތިމާސް ވެސް ކުރައްވާފަ އެވެ.