ބޮލީވުޑް

ސާރާއަށްވުރެ ސޯނަމް މާ މޮޅު: ދަނޫޝް

މިހާރު ރިލީޒް ކުރުމަށް ތައްޔާރުވެފައިވާ "އަތުރަންގީ ރޭ" ގައި ލީޑް ރޯލު ކުޅެނީ އަކްޝޭ ކުމާރާއި ސައުތު އިންޑިޔާގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ދަނޫޝް އަދި ސާރާ އަލީ ޚާނެވެ.

މި ފިލްމުގެ ޕްރޮމޯޝަން މަސައްކަތް ފަށައިގެން ކުރިޔަށް ދާއިރު ދަނޫޝް އާއި ސާރާ ވަނީ ފިލްމު ޕްރޮމޯޓް ކުރުމަށް ކަރަން ޖޯހަރްގެ ޗެޓް ޝޯގައި ދާދިފަހުން ދަނޫޝް ވަނީ ބައިވެރިވެފަ އެވެ.

ދަނޫޝް ބޮލީވުޑަށް ތައާރަފްވީ ސޯނަމް ކަޕޫރާއެކު "ރާންޖްނާ" އިންނެވެ. މިއީ "އަތުރަންގީ" ގެ ޑައިރެކްޓަރު އާނަންދް އެލް. ރާއީ 2013 ގައި އުފެއްދި ފިލްމެކެވެ. އަދި އެ ފިލްމު ވެފައިވަނީ އެ އަހަރު ނުކުތް އެންމެ ކާމިޔާބު އެއް ފިލްމަށެވެ.

ކަރަންގެ "ކޮފީ ޝޮޓްސް ވިތު ކަރަން" ގައި ދަނޫޝް އާ ކުރި އެއް ސުވާލަކީ ސާރާ އާއި ސޯނަމް އާ ދެ އެކްޓަރުން ކުރެ އޭނާއަށް އެންމެ ހިތްހަމަޖެހޭ ކޯސްޓާރަކީ ކާކު ހެއްޔެވެ؟ އެއްވެސް ޖެހިލުމެއްނެތި ދަނޫޝް ބުނީ ސޯނަމް ކަމަށެވެ. ނަމަވެސް އެކަމާ ސާރާ އެއްގޮތަކަށް ރުޅި ނާންނަ ކަމަށް ވަގުތުން ސާރާ ބުންޏެވެ.

ދަނޫޝް ބުނި ގޮތުގައި އޭނާ ސޯނަމްގެ ނަން ބުނި އެއީ އޭނާގެ ފުރަތަމަ ހިންދީ ފިލްމުގެ ބަތަލާއަށް ވާތީ އެވެ. އަދި ސައުތު އެކްޓަރަކު ހިންދީ ފިލްމެއް ކުޅޭ ފުރަތަމަ ފަހަރުވީމަ އެ ލިބޭ ހިތް ނުތަނަވަސްކަން ފިލީ ސޯނަމް އޭނާއާ ދޭތެރޭ ކަންތައް ކުރި ރަނގަޅު ގޮތުން ކަމަށް ވާތީ އޭނާ ސޯނަމް ޚިޔާރުކުރީ ކަމަށެވެ. ސާރާ އަށް ތައުރީފުކުރަމުން ދަނޫޝް ބުނީ ސާރާއަކީ ވަރަށް ރަނގަޅު، މަޖާ ބަތަލާއެއް ކަމަށާއި "އަތުރަންގީ ރޭ" ގެ ސެޓަށް އޭނާގެ ސަބަބުން އުފާވެރިކަން ވެރިވެފައި އޮންނަ ކަމަށެވެ.

މި ޝޯގައި ދަނޫޝް ބުނީ ސާރާ އަށް "އަތުރަންގީ ރޭ" ގައި އޭނާ ކުޅެފައިވާ ރިންކޫ ކެރެކްޓާއަށް ރަނގަޅަށް އިންސާފު ކުރެވިދާނެ ކަމާ މެދު ފުރަތަމަކޮޅު އޭނާއަށް ވަރަށް ޝައްކުވި އެވެ.

"ތެދަށް ބުނާނަމަ ބުނެވޭނީ އަހަރެން ހުރީ ފުރަތަމައިނުން ވަރަށް ކަންބޮޑުވެފަ. ސަބަބަކީ އެއީ ވަރަށް ބޮޑު އަދި ކުޅެން އުނދަގޫ ރޯލެއް ވީމަ. އަހަރެން ޑައިރެކްޓަރު އާނަންދް ކުރެން ސުވާލު ވެސް ކުރިން ކިތައް ފިލްމުހޭ ސާރާ ކުޅެފައި ވަނީ؟ އޭނަ ބުނި ދެތިން ފިލްމެކޭ. އެހެން ބުނީމަ އަހަރެން އެހިން އެހާ ތަޖުރިބާ ނެތް ބަތަލާއަކަށް މި ރޯލު ކުޅެވިދާނެހެން ހީވޭހޭ؟،" ދަނޫޝް ކިޔައިދިނެވެ.

ދަނޫޝް އިތުރަށް ބުނި ގޮތުގައި ސާރާގެ ގާބިލްކަން ޑައިރެކްޓަރަށް ގަބޫލު ކުރެވެ އެވެ. އަދި އޭނާއަށް ވެސް އެކަން ވިސްނައި ދޭން ޑައިރެކްޓަރު މަސައްކަތް ކުރި އެވެ.

"އަތުރަންގީ ރޭ" ރިލީޒް ކުރާނީ ސިނަމާ ތަކަކު ނޫނެވެ. އޯޓީޓީ ޕްލެޓްފޯމެއް ކަމަށްވާ "ޑިޒްނީ ހޮޓްސްޓާ" އިންނެވެ.