ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް ގުޅަބޭހަށް އެމެރިކާގެ އެފްޑީއޭ ހުއްދަދީފިި

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ފައިޒާގެ ކޮވިޑް ބޭސް ގުޅަ، ޕެކްސްލޮވިޑް އަށް ވަގުތީ ހުއްދައެއް ދީފި އެވެ.

ޕެކްސްލޮވިޑް އަކީ ކޮވިޑަށް ފަރުވާ ކުރުމަށް ބޭސް އުފައްދާ ކުންފުންނަކުން މިހާތަނަށް އަޖުމަބަލަން ހުއްދަ ދިން ފުރަތަމަ ބޭސް ގުޅަ އެވެ.

ފައިޒާގެ ގުޅަބޭހާ ބެހޭ ގޮތުން އެ ކުންފުނީގެ ސިއީއޯ، އަލްބާޓް ބޫލާ ކުރިން ވިދާޅުވި ގޮތުން ޕެކްސްލޮވިޑް އަކީ ކޮވިޑްގެ އާ ވައްތަރުތައް ބަލިކަށިކޮށް ހަށިގަނޑު ދިފާއީ ނިޒާމު ދުޅަހޮޔޮ ކުރަން ބާރު އަޅާ ބޭހެއް ކަމަށެވެ.

އެފްޑިއޭއިން މިބޭހަށް ހުއްދަ ދިނީ 12 އަހަރުން މަތީ މީހުނަށް ދިނުމަށެވެ.

ފައިޒާއިން ބުނީ ބޭސްގުޅަ ދީގެން ކުރި ޓެސްޓްތަކުން ކޮވިޑްގައި ބޮޑުވަރުވެފައި ތިބި މީހުންނަށް ރަނގަޅު ފަރުވާއެއް ކަމަށް ދައްކާފައިވާ ކަމަށެވެ.

ކޮވިޑް ގުޅަބޭހަށް އެމެރިކާގައި ހުއްދަ ދިންއިރު، ކޮވިޑްގެ އާ ވައްތަރުތަކުން އެމެރިކާ އޮތީ ނާމާން ވެފަ އެވެ. ސައުތު އެފްރިކާއިން ދާދިފަހުން ދުނިޔެއަށް ފެތުރިގަތް ވޭރިއަންޓް، އޮމިކްރޮންގެ ބިރު ވެސް އެމެރިކާއަށް ވަރަށް ބޮޑެވެ.

ފައިޒާއިން ބުނީ ފުރަތަމަ މަރުހަލާގައި ކޮވިޑް ގުޅަބޭސް ދޭނީ ބަލީގައި ބޮޑުވަރު ވެދާނެ ކަމަށް ބެލެވޭ ނިޝާންތައް ހުންނަ މީހުންނަށް ކަމަށެވެ. އޭގެ ތެރޭގައި މިހާރު ވެސް ބަލިބޮޑު ވެދާނެ ކަމަށް ބެލެވޭ މީހުން ހިމެނެ އެވެ.

ކޮވިޑް ގުޅަބޭސް ފާމަސީތަކުން ލިބޭނެ ކަމަށް ބުނި ނަމަވެސް ދޫކުރަން ހަމަޖައްސާފައި ވަނި ވަކި ޝަރުތުތަކަށް އަދި ބޭސް ސިޓީއަށެވެ. ބޭސް ސިޓީއެއް ހިފައިގެންދާ ހަމަ ކޮންމެ މީހަކަށް ލިބޭ ގޮތަށް އަދި ހަމަޖައްސާފައެއް ނުވެ އެވެ.

ކޮވިޑް ގުޅަބޭސް ކާން ޖެހޭ ގޮތަކީ ފަސްދުވަސް ވަންދެން ދުވާލަކު ދެއިރު އެވެ. ކޮންމެ އިރަކު ތިންގުޅަ އެވެ. މިއީ ދެބޭހެއްގެ މައްޗަށް އުފައްދާފައިވާ ފަރުވާއެކެވެ. ފަސްދުވަހުގެ ޑޯޒެއް، 30 ގުޅައިގެ ފަރުވާއެއް ހަމަވާއިރު އެއީ 530 ޑޮލަރެ އެވެ.