ކްރިމިނަލް ކޯޓް

ސްކްރީނުން ނުފެނި ޝަރީއަތުގައި ބައިވެރިވުމުން ފުލުހުންނަށް އިންޒާރު ދީފި

Dec 23, 2021

ކްރިމިނަލް ކޯޓުން އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބަންދު މަޖިލީހެއްގައި ގާޒީގެ ހުއްދަ ނެތި އަދި ސްކްރީނަށް ނުފެންނަ ގޮތަށް ބައިވެރިވި ފުލުހެއްގެ މައްސަލަ ފެންމަތިވުމުން އިންޒާރު ދީފި އެވެ.

ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރި މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ އޮތް ޝަރީއަތުގެ މަޖިލީހުގައި ސްކްރީނަށް ފެންނަ ގޮތަށް ފުލުހުންގެ ތަހުގީގު އޮފިސަރަކު ބައިވެރިވަމުން ދިޔަ އެވެ. އެ އޮފިސަރު ވާހަކަދައްކަމުން ދިޔައިރު އެހެން މީހަކު އެ އޮފިސަރަށް އިތުރު އެއްޗެއް ކިޔައިދޭކަން ގާޒީ އަށް ފާހަގަކުރެވުމުން އެ ތަނުގައި އެހެން މީހަކު ހުރިތޯ ގާޒީ ވަނީ ސުވާލުކުރައްވާފަ އެވެ.

ޖަވާބުގައި އެ ތަނުގައި އެހެން މީހަކު ހުރި ކަމަށް އޮފިސަރު ވިދާޅުވި އެވެ. އޭގެފަހުން ގާޒީ ވަނީ އެތަނުގައި ހުރި މީހަކު ސްކްރީނުން ފެނުމަށް އަމުރުކުރައްވާފަ އެވެ. ސްކްރީނަށް ނުފެންނަ ގޮތަށް ހުރި އޮފިސަރު ސްކްރީންގެ ކުރިމައްޗަށް އައުމާ އެކު ގާޒީ ވަނީ ޝަރީއަތުގެ ހުއްދަ ނެތި އެގޮތަށް ބައިވެރި ނުވެވޭނެކަން ނޭނގެނީތޯ އައްސަވާފަ އެވެ.

އެކަމަށް ޖަވާބު ދެއްވަމުން ފުލުހުންގެ އޮފިސަރު ވިދާޅުވީ އެއީ މަނާ ކަމެއް ކަމަށް އެނގޭ ކަމަށާއި އެގޮތަށް އަމަލުކުރީ ސްކްރީން ކުރިމަތީގައި އިންނެވި އޮފިސަރަށް އެހީތެރިވެދިނުމުގެ ގޮތުން ކަމަށެވެ.

އޮފިސަރަށް އެހީވުމަށް ވެސް އެކަން ކުރަންވާނީ ސްކްރީންގެ ކުރިމަތީގައި ކަމަށާއި ޝަރީއަތުގައި ބައިވެރިވުމަށް ހުއްދަ ހޯދުމަށް ހުރަހެއް ނޯންނާނެ ކަމުގައި ގާޒީ ވިދާޅުވި އެވެ. ސްކްރީންގެ ކުރިމަތީގައި ތިބޭ ފުލުހުންގެ އޮފިސަރުންނަށް، ސްކްރީންގެ ފުރަގަހުގައި ތިބެގެން އޮފިސަރުން އެހީތެރިވުމަކީ މީގެކުރިން ވެސް ހިނގާފައި ހުރި ކަމެއް ކަމަށް ގާޒީ ފާހަގަކުރެއްވި އެވެ. އެހެންވެ އެކަން އިތުރަށް ތަކުރާރުކޮށްފިނަމަ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި ފުލުހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ގާޒީ ދެއްވެވި އެވެ.

ފުލުހުން ވަނީ ކުރެވުނު ކުށަށް މައާފަށް އެކަން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.