ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

215 ކިލޯގެ ޑުރަގް: ދެ މީހުންނަށް ދައުވާކޮށްފި

Dec 23, 2021

ފުލުހުން މިދިޔަ އޮކްޓޫބަރު 14 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން 215 ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ދެ މީހުންގެ މައްޗަށް ދައުވާކޮށްފި އެވެ.

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ރ. މަޑުއްވަރި، ފިނިފަރު، އަލީ ޝާކިރު (42 އ) އާއި ރ. މަޑުއްވަރި، ފެހިއަލި، ނިމާލް އަބްދުލްހާރިސް (33 އ) އެވެ.

މި ދެ މީހުންގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި މިމަހުގެ 19 ވަނަ ދުވަހު ރ. މަޑުވަރީ ކޯޓަށް ދައުލަތުން ވަނީ މައްސަލަ ހުށަހަޅާފަ އެވެ.

އަލީ ޝާކިރާއި ނިމާލްގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ. ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ އަލީ ޝާކިރުގެ މައްޗަށް ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދައުވާ ވެސް އުފުލާފައިވެ އެވެ.

މި ދެ މީހުން މިދިޔަ އޮކްޓޫބަރު 14 ވަނަ ދުވަހު ހައްޔަރުކުރި ގޮތަށް އެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ ބޭރުން ގެނެސް ރާއްޖެއަށް އެތެރެކުރި 215 ކިލޯގެ ހެރޮއިން ފުލުހުން އަތުލައިގަތީ ރ. ޅާނބުގަލި ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓަ އެވެ.