ރ. މަޑުއްވަރި

މަޑުއްވަރިން ހައްޔަރުކުރި ހަރުކަށި ފިކުރުގެ ހަ މީހެއްގެ މައްޗަށް ދައުވާކޮށްފި

ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން ހައްޔަރު ކުރި ހަ މީހެއްގެ މައްޗަށް ދައުވާ ކޮށްފި އެވެ.

މިދިޔަ ޖެނުއަރީ މަހު ފުލުހުން މަޑުއްވަރީގައި ހިންގި އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން އޭރު ބުނެފައިވަނީ އެ ރަށުގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ ކަމަށާއި ބައެއް އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަރުހޫމް ކޮށްގެން ގެންގުޅެމުންދާ ކަމަށެވެ. އެ މައްސަލާގައި ގިނަ ގެތަކެއް ބަލައި ފާސްކޮށް، ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ބުނީ މަޑުއްވަރީން ހައްޔަރުކުރި ފަސް މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށެވެ. އެއީ މަޑުއްވަރީގެ ހަތަރު މީހެއް ކަމުަގއިވާ އިބްރާހީމް ޖިހާދުއާއި، ހަސަން ރާޒީއާއި، ހަސަން ސިޔާދުއާއި، އާދަމް ސުހައިލްގެ އިތުރުން މަނަދޫ އިބްރާހީމް ޝިބުނީ އެވެ.

އެ ފަސް މީހުންގެ ތެރެއިން އިބްރާހީމް ޖިހާދުއާއި، ހަސަން ރާޒީ އަދި އާދަމް ސުހައިލްގެ މައްޗަށް ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ގެންގުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ. އަދި ރާޒީގެ މައްޗަށް ވަނީ ގާނޫނުލްއުގޫބާތުގެ ދަށުން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ.

އެ ފަސް މީހުންގެ އިތުރުން މުހައްމަދު މައުޖޫދުގެ މައްޗަށް ވަނީ ޓެރަރިޒަމް ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ.

ޓެރަރިޒަމްގެ ދައުވާ އުފުލި ހަ މީހުން

  • ރ. މަޑުއްވަރި، ގުލްއަލާގެ، އިބްރާހީމް ޖިހާދު
  • ރ. މަޑުއްވަރި، މީރާ، ހަސަން ރާޒީ
  • ރ. މަޑުއްވަރި، މީޒާން، ހަސަން ސިޔާދު
  • ރ. މަޑުއްވަރި، މީޒާން، އާދަމް ސުހައިލް
  • ނ. މަނަދޫ، ގަހާ، އިބްރާހީމް ޝިބުނީ
  • ރ. މަޑުއްވަރި، ސައީދާމަންޒިލް، މުހައްމަދު މައުޖޫދު

ޕީޖީން ދައުވާ ކުރި މި ހަ މީހުންގެ މައްސަލަ މިހާރު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.