ޕީޕީއެމް

ފަލާހުގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

Dec 23, 2021
2

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް "އިންޑިއާ އައުޓް" ގޮޮވާ މީހުންގެ ކަންފަތްމަތީ ޖަހައިގެން ނަމަވެސް އެ ހަރަކާތް ހުއްޓުވަންޖެހޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ދެއްކެވި ވާހަކަތައް ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހަރަކާތްތެރިވާ ބައެކެވެ.

މައްސަލަ ހުށަހެޅުމުގައި އުޅުއްވި ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ މާރާމާރީ ހިންގަން ހިތްވަރުދީ ފަލާހް ދެއްކެވި ވާހަކައަކީ ނުރައްކާތެރި އިންޒާރެއް ކަމަށެވެ. އެފަދަ ވާހަކަތަކުން ހިތްވަރު ލިބިގެން މީގެ ކުރިންވެސް ބައެއް މީހުންނަށް ހަމަލާދީފައި ހުރިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ފަލާހް އަކީ މަޖިލިސް މެންބަރެއް ވީމާ މާރާމާރީ ހިންގަން ހިތްވަރުދީ ދެއްކި ވާހަކަތައް ބެލެންވާނެ. ހަމައެކަނި ދެރަ ނިކަމެތިންނަކާ ނޫން ގާނޫނު އަރާ ހަމަކުރަންވާނީކީ،" އޭނާ ވިދާޅުވި އެވެ.

ސަލްޓަންޕާކްގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި އެމްޑީޕީގެ މާލެ ސިޓީގެ ކޯކަސް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މޭމަތީގައި "އިންޑިއާ އައުޓް" ޖައްސަވައިގެން ހިންގަނީ ތަހުޒީބް އަމަލެއް ނޫން ކަމަށެވެ. އެހެންކަމުން އިންޑިއާ އައުޓް ހުއްޓުވޭނީ އެހެން ގޮވާ މީހުންގެ ކަންފަތްމަތީގައި ޖަހައިގެން ކަމަށް ވިދާޅުވި އެވެ.

"އިންޑިއާ އައުޓެކޭ ނުގޮވޭނެ. އެ ގޮވާ ކަމަށް ވަންޏާ އަޅުގަނޑުމެން ޖެހޭނެ އެ މީހެއްގެ ކަންފަތްމަތީ ޖަހަން ވެސް އިއްޒަތްތެރި ރައީސް. އެ ނޫން ގޮތަކަށް މި ނުހުއްޓުވޭނެ. އެ ކުރަންޖެހޭނެ ކަމެއް މިހާރު،" ފަލާހު ވިދާޅުވެފައިވެ އެވެ.

މާރާމާރީ ހިންގުމަށް ހިތްވަރު ލިބޭ ގޮތަށް ފަލާހް ދެއްކެވި ވާހަކަ ވަރަށް ބޮޑަށް ހޫނުވުމާ ގުޅިގެން ފަހުން އޭނާ ވިދާޅުވީ އެއީ ބަޔަކާ މާރާމާރީ ހިންގުމަށް ހިތްވަރު ދިނުމުގެ ރޫހުގައި ދެއްކެވި ވާހަކައެއް ނޫން ކަމަށެވެ.

އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވާނެ ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފައިވެ އެވެ. ނަމަވެސް އެ ހަރަކާތް ހުއްޓުވޭނެ ހަމައެކަނި ގޮތަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފައިބައިގެން ދިއުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައިވެ އެވެ.