އެންމެ ކުޑަކޮށް ތަަރައްގީވެފައިވާ ގައުމުތަކުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓުން ޖާހަ ހޯދުމަށް ރާއްޖެއިން ކުރި ދަތުރުން ބަންގްލަދޭޝްއަށް ހިތްވަރު ލިބުނު ކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ވިދާޅުވެއްޖެ އެވެ.
ޝައިހް ހަސީނާ މިހެން ވިދާޅުވީ އެކަަމަނާ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރައްވަމުންނެވެ.
އެންމެ ކުޑަކޮށް ތަަރައްގީވެފައިވާ ގައުމުތަކުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އެރީ 2011 ވަނަ އަަހަރު އެވެ. އަދި ބަންގްލަދޭޝް ވެސް 2026 ވަަނަ އަހަރު މި ލިސްޓަށް އިތުރުވާނެ އެވެ. މިކަން ފާހަގަކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޝައިހް ހަސީނާއަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ.
މަޖިލީހުގައި ތަގުރީރު ކުރައްވަމުން ޝައިޚް ހަސީނާ ވަނީ ރާއްޖެއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެެވެ. ރާއްޖެއިން ތަަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް އެރުމަށް ކުރި ދަތުރުން ބަންގަލްދޭޝްއަށް ހިތްވަރު ލިބުނު ކަމަށް ވިދާޅުވި އެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ ބަންގްލަދޭޝްގެ މިހާރުގެ އަމާޒަކީ 2041 ވަނަ އަހަރު އަންނަ އިރު ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ޖާގަ ހޯދުން ކަމަށެވެ. އަދި ބަންގަލްދޭޝް އިން މިހާރު ތަރައްގީއަށް ކުރާ ދަތުރުގައި ރާއްޖޭގެ ކުންފުނިތަކުންނާއި ސަރުކާރުން ބައިވެރިވުމަށް އެކަމަނާ އެދިވަޑައިގެންނެވި އެެވެ.
ޝައިހް ހަސީނާ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ބަންގްލަދޭޝް އިން އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ކޮވިޑްގެ ހާލަތުގެ ކުރީގެ އަހަރުތަކުގައި އުފެއްދުންތެރިކަން އެވްރެޖްކޮށް ހުރީ 7 ޕަސެންޓްގައި ކަމަށާއި އަދި 2019 ވަނަ އަަހަރު 8.2 ޕަސެންޓްގައި ކަމަށެވެ.
ހަސީނާގެ ތަގުރީރުގައި ވަނީ ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ވެސް ބައްލަވާލައްވާފަ އެވެ. އެގޮތުން މިއަހަރަކީ ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގައި ފާހަގަކުރެވޭ އަހަރެއް ކަމަށް ވިދާޅުވި އެވެ. އެގޮތުން ދެ ގައުމުގެ އިސް ބޭފުޅުން ކުރެއްވި ދަތުރުފުޅުތަކާއި، އެ ދަތުރުފުޅުތަކުގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ މުހިއްމު މައްސަލަތަކުގައި މަޝްވަރާ ކުރެވި ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމުގައިވެސް ވިދާޅުވި އެވެ.