ރައީސް އަބްދުﷲ ޔާމީން

ނާދީ ބިން ހަވާލުކުރަން އެންގުމުން އެދުނީ 34 މިލިއަން ޑޮލަރު ދޭން: ޔާމީން

ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏަށް ހަވާލުކޮށްފައިވާ ބިމުގައި އެއްވެސް މަަސައްކަތެއް ކޮށްފައިނުވާތީ އެ ބިން އެ ކުންފުނީގެ ކިބައިން ނަގަން ކުރި މަސައްކަތަށް ކުރިމަތިވި ހުރަސްތައް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހާމަކުރައްވައިފި އެވެ. އެމަނިކުފާނު މި ވާހަކަތައް ހާމަކުރެއްވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅު ހެދުމުގެ ގޮތުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެންޕެއިންގެ ދަށުން ފ. ނިލަންދޫގައި މިއަދު އޮތް ހިނގާލުމަށް ފަހު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ގައުމަކަށް މިލްކުވެފައިވާ ބިމުން އެންމެ ތަންކޮޅެއްވެސް އެހެން ބަޔަކަށް ދޫކޮށްލައިފިނަމަ އެ ބިންކޮޅު އަނބުރާ ނުހޯދޭނެ ކަމަށް ވިދާޅުވެ އެކަމުގެ މިސާލެއްގެ ގޮތުގައި އެމަނިކުފާނު ދެއްކެވީ ރައީސް ނަޝީދުގެ ވެރިކަމުގައި ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏަށް ހަވާލުކޮށްފައި އޮތް ސަރުކާރު މުވައްޒިފުންގެ ނާދީ ހުރި ބިމުގެ މައްސަލައެެވެ.

ރައީސް ޔާމީން ވިދާޅުވީ އެއީ މާލޭގެ އެންމެ ރަނގަޅު ހިސާބުގައި އޮތް އެއް ބިން ކަމަށާ އެ ބިމުގައި ފެލްޓް އަޅަން ކަމަށް ބުނެ ނަޝީދުގެ ސަރުކާރުން ޓާޓާއާ މަސައްކަތް ހަވާލުކޮށް ބިން ދިންތާ 8 އަހަރުވީއިރުވެސް އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށެވެ. އެ ބިން އެމަނިކުފާނުގެ ވެރިކަމުގައި ސަރުކާރަށް ނަގަން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ އެކަމުގައި ދިމާވި މައްސަލަތައް ތަފްސީލުކޮށް ދެއްވެވިއެވެ.

ޔާމީން ވިދާޅުވީ އެ ބިމުގެ ބަދަލުގައި މާލޭގެ ދެކުނު ފަރާތު ބަނދަރުން ބިމެއް ހަމަޖައްސައިދޭން ސަރުކާރުން ހުށައެޅުމުން އެކަމަށް ޓާޓާއިން ނޫނެކޭ ބުނެފައިވާ ކަމަށެވެ. އަދި އެ ބިން ހަވާލުކުރާނީ ބަދަލުގެ ގޮތުގައި 34 މިލިއަން ޑޮލަރު ދިނުމުން ކަމަށް އެ ކުންފުނިން އެންގި ކަމަށެވެ. މިއަދު ދިވެހިންގެ ވެރިރަށުގައި ދިވެހީންނަށް ބަސް ނުކިޔޭ ބިމެއް އޮތް ކަމަށް ވިދާޅުވެ ދިވެހި ބިމުން އެެންމެ ތަންކޮޅެއްވެސް ދޫކޮށްލަން ދެކޮޅު ހައްދަވަނީ އެ ސަބަބުތަކާއި ގުޅިގެން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އެ ބިން [ނާދީ އިމާރާތް ހިންގި ބިން] ހޯދަން އަޅުގަނޑުމެން އެ މީހުންނަށް ބަދަލުދޭން ދެކުނު ފަރާތު ބަނދަރުން ބިން ދޭނަމޭ ބުނިން. އެ މީހުން އެއްބަހެއް ނުވި. ދެން ކޮން ކަމަކަށްތޯ އެއްބަސްވީ. އެއްވެސް މަސައްކަތެއް ނުކޮށް އޮތް ދިވެހިރާއްޖޭގެ ދިވެހީންގެ ފުރަ މާލޭގެ މި އޮތް ބިން އަނބުރާ ދިވެހި ރައްޔިތުންނަށް ހޯދާ ދިނުމަށްޓަކައި އެ މީހުންގެ އަގަކީ 34 މިލިއަން ޑޮލަރު އެ މީހުންނަށް ދޭށޭ. ހަމަ މިއީ މިކަން އޮތްގޮތް. 34 މިލިއަން ޑޮލަރު ދިނީމަ ނޫނިއްޔަކާ މި ބިން ނުދޭނަމޭ. އެހެންވީމަ ދިވެހިންގެ ވެރިކަން ކުރާ ރަށުގައި އެ އޮތީ ބިން، އަތްލައިގެން ނުވާނެ، ރަހަ ބަލައިގެން ނުވާނެ، ކައިރިވެގެން ނުވާނޭ، ވަދެގެން ނުވާނޭ، ކަމެއް ކޮށްގެން ނުވާނޭ، ކީއްކުރާނީ، އެހެންވެ މި ދެންނެވީ ދޫކޮށްލައިފި ބިންކޮޅެއް އަނބުރާ ނުލިބޭނެ،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިއަދުވެސް ވިދާޅުވީ "އިންޑިއާ އައުޓް" ކެންޕެއިން ފުޅާ ކުރައްވާނެ ކަމަށާ އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށެވެ. އަދި އެކަން ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.