އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިރޭ ފ. ނިލަންދޫގައި ބާއްވަން ނިންމި ޖަލްސާ ކެންސަލްކޮށްފި އެވެ.
ކުރިން ރާވައިފައިއޮތީ ރައީސް އަބްދުﷲ ޔާމީންވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް މިރޭ ނިލަންދޫގައި ބޮޑު ޖަލްސާއެއް ބާއްވާށެެވެ. ރައީސް ޔާމީން ނިލަންދޫއަށް މިއަދު ވަޑައިގަންނަމަވެސް މިހާރު ނިންމާފައިވަނީ މިރޭގެ ޖަލްސާ ނުބާއްވާށެވެ.
ޖަލްސާ ނުބާއްވަން ނިންމި ވަކި ސަބަބެއް ނުބުނެއެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު އަވަސްއަށް ވިދާޅުވީ ނިލަންދޫ ޖަލްސާ ނުބޭއްވި ނަމަވެސް އެ ރަށުގައި މިއަދު ބޮޑު ހަރަކާތެއް ބޭއްވި ކަމަށެވެ. އަދި އެ ހަަރަކާތަށް ނިލަންދޫގެ ގިނަ ރައްޔިތުންގެ ތާއީދު ލިބުނު ކަމަށެވެ.
ރައީސް ޔާމީން ނިލަންދޫއަށް މިއަދު ކުރެއްވި ދަތުރުފުޅުގައި ވެސް ހުންނެވީ "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓް ލައްވައިގެން ނެވެ. އަދި ނިލަންދޫގެ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަވެސް ދެއްކެވި އެވެ. ބޮޑު ހިނގާލުމެއްވެސް ގިނަ ރައްޔިތުންތަކެއް ބައިވެރިވެގެން ކުރިއަށް ގެންދިޔައެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ރައީސް ޔާމީންގެ ސީދާ ބެއްލެވުމުގެ ދަށުން ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕޭންއާ ދެކޮޅަށް ސަރުކާރުން ދަނީ ވާހަކަ ދައްކަމުންނެވެ. ޕީޕީއެމްއިން އެންމެ ފަހުން ބާއްވަން އުޅުނު އިންޑިއާ އައުޓް ސައިކަލް ބުރު ފުލުހުން ހުއްޓުވައިފައިވާ އިރު ވެރިކަން ކުރާ އެމްޑީޕީން މިހާރު ވަނީ މި ކެމްޕޭން ހުއްޓުވުމުގެ މަސައްކަތް ފަށައިފަ އެވެ.
ރައީސް ޔާމީން ނިލަންދޫއަށް ކުރެއްވި ދަތުރުފުޅަކީ "އިންޑިއާ އައުޓް" ކެމްޕޭން އަތޮޅު ތެރެއަށް ފުޅާކުރެއްވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކެކެެވެ.
އިންޑިއާ އައުޓް ކެމްޕޭން އަތޮޅު ތެރެއަށް ފުޅާކޮށް ރައީސް ޔާމީން އެންމެ ފުރަތަމަ ވަޑައިގަންނަވަން ނިންމެވީވެސް ނިލަންދޫ އަށެވެ. ނަމަވެސް މޫސުން ހުރިގޮތުން ރައީސް ޔާމީން ދަތުރުފުޅު ފެއްޓެވީ މިދިޔަ ބުރާސްފަތި ދުވަހު ކ. ގުރައިދޫންނެވެ. އަދި ހުކުރު ދުވަހު ވަނީ ކ. ތުލުސްދޫ އަށް ވަޑައިގެންފަ އެވެ.