ދުނިޔޭގެ އެންމެ ދިގު މީހާ ކައިވެންޏަށް ތައްޔާރުވީއިރު ކައިވެނިކުރާނެ މީހަކު ނެތެވެ. އެހެންވެ މިހާރު އޭނާ ވަނީ ރަޝިޔާއަށް ދަތުރުކޮށްފަ އެވެ. އެ ގައުމުން ކައިވެނިކުރާނެ އަންހެނެއް ހޯދާށެވެ. އޭނާގެ އޮތީ އެންމެ ޝަރުތެކެވެ. އަންހެން ދަރިއަކާއި ފިރިހެން ދަރިއަކު އޭނާއަށް ހޯދައިދޭން ޖެހުމެވެ.
ސުލްތާން ކޯސެން، 39، އަކީ ތުރުކީ ކުރުދީ ނަސްލުގެ ދަނޑުވެރިއެކެވެ. އޭނާ އުފަންވީ ތުރުކީގެ ސިޓީއެއް ކަމަށްވާ މާޑިން ގައެވެ. އިސްކޮޅުގައި 8 ފޫޓު ތިން އިންޗި ހުންނަ ސުލްތާން އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ ދިގު މީހާގެ ގިނިސް ވޯލްޑް ރެކޯޑްސް އޮތް މީހާ އެވެ.
ސުލްތާން އެހާ ދިގުވީ ސަބަބަކީ އޭނާގެ ޕިޓުއިޓަރީ ގްލޭންޑްގައި ޓިއުމަރެއް އުފެދި އެއަށް ދިމާވެފައިވާ މައްސަލަ ތަކެއްގެ ސަބަބުންނެވެ. އިންސާނާގެ ގައިގައި އުފެދޭ ހޯމޯންތައް އުފެއްދުމުގެ ޒިންމާ އަދާކުރަނީ ޕިޓުއިޓަރީ ގްލޭންޑުން ކަމަށް ވެފައި މިއަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން ސުލްތާންގެ ހަށިގަނޑުގައި މާގިނައިން ގްރޯތު ހޯމޯން އުފެދޭތީ އާދަޔާ ޚިލާފަށް އޭނާ ހެދިބޮޑުވަނީ އެވެ.
އޭނާ ބުނެފައިވާ ގޮތުގައި އޭނާ އިސްކޮޅުން ކިތަންމެ ދިގަސް އެ އިސްކޮޅާއެކު ދިރިއުޅެން އޭނާ ހޭނިފައި ވިޔަސް ބައެއް ފަހަރު އުނދަގޫތައް އިހްސާސް ވެއެވެ.
ސުލްތާން ވަނީ 2013ގައި ސީރިޔާގެ ފަސް ފޫޓު ނުވަ އިންޗީގެ މީހެއް ކަމަށްވާ މާވޭ ޑީބޯ އާ ކައިވެނިކޮށްފަ އެވެ. މާވޭ އަކީ އޭނާއަށް ވުރެ 10 އަހަރު ހަގު އަންހެނެކެވެ. ނަމަވެސް މި ކައިވެނި މިހާރު ވަނީ ރޫޅިފަ އެވެ.
ސުލްތާނު ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި ކުރީގެ އަންހެނުންނާއި އޭނާއާ ދެމެދު އެންމެ ބޮޑަށް މައްސަލަ ޖެހުނީ އެކަކު އަނެކަކާ ވާޙަކަ ދައްކަން ނޭނގޭތީ އެވެ. ސުލްތާން ވާހަކަ ދައްކަނީ ތުރުކީ ބަހުންނެވެ. އަނެއްކޮޅުން އޭނާގެ ކުރީގެ އަންހެނުން ވާހަކަ ދައްކަނީ އަރަބި ބަހުންނެވެ.
ދެމީހުންނަށް ވާހަކަ ދައްކާ އުޅެން ދަތިވިޔަސް މި ކައިވެނި ގިނަ އަހަރު ތަކަކަށް ދެމިގެން ދިޔަ އެވެ. އެމީހުން ވަރިވެފައިވަނީ ދާދިފަހުންނެވެ.
އަލުން ސިންގަލް މީހަކަށް ވުމަށްފަހު ސުލްތާން އަވަހަށް މަތިންދާބޯޓަކަށް އަރައިގެން މިހާރު ވަނީ މޮސްކޯއަށް ގޮހެވެ. ވީހާވެސް އަވަހަށް ކައިވެނިކުރާނެ އަންހެނަކު ހޯދާށެވެ. އޭނާ ބޭނުންވަނީ ޑިސެމްބަރު މަހު ވެސް މީހަކު ވެއްޖިއްޔާ ކައިވެނި ކުރާށެވެ.
ރަޝިޔާ މީހަކާ ކައިވެނިކުރަން ސުލްތާން ބޭނުންވަނީ އެ ގައުމުގެ މީހުންނަކީ އާދަޔާޚިލާފު ރީތިކަމެއް ލިބިފައިވާ ލޯބިވާ ހިތެއްގެ ވެރިން އުޅޭ ގައުމެއް ކަމަށް ސުލްތާން އަށް އަޑު އިވިފައި އޮތީމަ ކަމަށް އޭނާ ބުންޏެވެ.
"އަހަރެން ބޭނުންވަނީ ކައިވެނި ކޮށްގެން އަންހެނުން ގޮވައިގެން ތުރުކީ އަށް ދާން. އަހަރެން ދިރިއުޅެނީ ކަނޑުގެ ސަތަހައާ މާ ދުރުގައި އޮންނަ ވަރަށް ގަދީމީ ރަށެއްގައި. އަހަރެންނަށް އަޑު އިވިފައި އޮތީ ރަޝިޔާ އަންހެނުން ވަރަށް ބޭނުންވެޔޭ ރީތި ރަނގަޅު ފިރިހެނުން. އެހެންވެ އަންބެއް ހޯދަން އެހާ އުނދަގުލެއް ނުވާނެހެން ހީވަނީ. ރަޝިޔާ އަންހެނަކު މީހަކު ދެކެ ލޯބި ވެއްޖިއްޔާ އަބަދުގެ އަބަދަށް އެމީހަކަށް ފިދާވާނެ،" ސުލްތާން ބުންޏެވެ.