ބޮލީވުޑް

ޕްރަބާސްގެ 'ރާދޭ-ޝާމް" ޓްރެއިލާ ލޯންޗުގައި 40،000 މީހުން ބައިވެރިވާނެ!

"ބަހޫބަލީ" އާއި "ބަހޫބަލި 2"ގެ ބޮޑު ކާމިޔާބާއެކު ސައުތު އިންޑިއާގެ ސުޕަ ސްޓާރަކީ ދުނިޔޭގެ މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނިފައިވާ އެކްޓަރެކެވެ. ޕްރަބާސް މާ ގިނަ ފިލްމުތަކެއްގައި އެއްފަހަރާ ސޮއި ނުކުރިޔަސް އޭނާގެ މާކެޓް އަގު ދުވަހެއް ދުވަހަށް ދަނީ އަރަމުންނެވެ.

މިހާރު ބެލެވޭ ގޮތުގައި ޕްރަބާސް އަކީ އިންޑިޔާގައި މިހާރު ހުރި އެންމެ އަގުބޮޑު ބަތަލެވެ. އޭނާ މިހާރު ކުޅެމުންދާ "އަޑިޕުރުޝް" ކުޅެދޭ ފީއަކީ 150 ކްރޯޑު ރުޕީސް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. މިއީ ދުވަހަކުވެސް މިހާތަނަށް އިންޑިއާގެ އެއްވެސް އެކްޓަރަކަށް ލިބިފައިވާ ވަރުގެ ފީ އެއް ނޫނެވެ.

"ރާދޭ-ޝާމް" އަންނަ ޖެނުއަރީގައި ރިލީޒްކުރަން ތައްޔާރުވަމުންދާއިރު ފިލްމުގެ ޕްރޮޑިއުސަރުން މިހާރު ތައްޔާރުވަނީ ފިލްމުގެ ފުރަތަމަ ޓްރެއިލާ ލޯންޗުކުރުމަށެވެ.

ޕޫޖާ ހެގްޅޭ ބަތަލާގެ ބައި ކުޅެފައިވާ މި ފިލްމުގެ ޓްރެއިލާ ލޯންޗު ކުރާ އިވެންޓަށް އިންޑިޔާގެ އެކި ކަންކޮޅުތަކުން 40،000 ފޭނުން ވަންނާނެކަމަށް ވެއެވެ.

"ސާޅީސް ހާހާ ގާތްކުރާ އަދަދަކަށް މީހުން މި އިވެންޓަށް ވަންނާނެ. އެމީހުން ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން ތިބޭނީ. އަހަރެމެން މި އިވެންޓަށް ވައްދާނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް އޮތް މީހުން އެކަނި،" މި އިވެންޓު އިންތިޒާމްކުރުމުގައި އުޅޭ އޮފިޝަލަކު ބުންޏެވެ.

މި އިވެންޓް ބޭއްވުމަށްޓަކައި ހައިދަރުއާބާދުގެ ރާމޯޖީ ފިލްމު ސިޓީގައި އިންތިހާއަށް ބިޔަ ބޮޑު ސެޓެއް މިހާރު ދަނީ ތައްޔާރު ކުރަމުންނެވެ.

އަންނަ ޖެނުއަރީ 14 ވަނަ ދުވަހު ރިލިޒްކުރާ "ރާދޭ-ޝާމް"އަކީ އިންޑިޔާގައި އާންމުކޮށް އެންމެ ގިނަ ބަޔަކު ވާހަކަ ދައްކާ ފަސް ވަރަކަށް ބަހުން އުފައްދާ ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ކުޅޭ ފިލްމެކެވެ.