ބޮލީވުޑް

ޕްރަބާސްގެ ބަދަލުވެފައިވާ ސިފަ ފޭނުންނަށް ވަރަށް ކަމުދޭ

ޕްރަބާސް އަކީ ސައުތު އިންޑިއާގެ ސްޕަސްޓާރެއް ނަމަވެސް ބޮލީވުޑްގައި ވެސް އޭނާގެ ފޭނުން ވަރަށް ގިނަ އެވެ.

ދާދިފަހުން އިންޑިއާގެ ހައިދަރުއާބާދުގައި އޮތް އިވެންޓަކުން ޕްރަބާސް ފެނުމުން ގިނަ ބަޔަކު ވަނީ އޭނާ ސިފަޔަށް ގެނެސްފައިވާ ބޮޑު ބަދަލުން ހައިރާންވެފަ އެވެ.

މި ފޮޓޯތައް ބަލަން މީހުން އަވަސްވެ ގަތުމުގެ ސަބަބުން އިންޓަނެޓަށް ބޮޑު ތޫފާނެއް ލައިގަތެވެ.

މިހާރު ވައިރަލް ވެގެން އުޅޭ މި ފޮޓޯގައި ޕްރަބާސް ހެދުން އަޅާފައި ހުރީ ވަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް ކުރިން ހުރި ގޮތަށް ވުރެ މާރީއްޗަށް ތުނބުޅި ހަދާފައި ހުއްޓާ މި ފޮޓޯގައި ފެނެ އެވެ.

ފޭނުން ބުނަނީ ޕްރަބާސްގެ މި ސިފަ އެމީހުންނަށް ވަރަށް ކަމުގޮއްސި ކަމަށެވެ. އަދި އޭނާގެ އެ ހިނިތުންވުމުން ހިތްތަކަށް އުފާވެރިކަން ގެނެސްދީފި ކަމަށެވެ.

ޕްރަބާސް އާއި ކްރީތީ ސެނޯން އެންގޭޖްވާން އުޅޭކަމަށް ބުނެވެސް ދާދިފަހުން އިންޑިއާގެ ނޫސްތަކުން ޚަބަރެއް ފަތުރާފައި ވެއެވެ. ނަމަވެސް ޕްރަބާސްގެ ޓީމުން ވަނީ މި ޚަބަރު ދޮގުކޮށްފަ އެވެ.

މި ވަގުތު ޕްރަބާސް މަސައްކަތްކުރަމުންދަނީ "ސަލާރް" ކިޔާ ފިލްމެއްގައާއި "ޕްރޮޖެކްޓް ކޭ" ގައެވެ.

މީގެ ތެރެއިން "ސަލާރް"ގެ ޑައިރެކްޓަރަކީ މަރޫތީ އެވެ. "ޕްރޮޖެކްޓް ކޭ" އުފައްދަނީ ނާގް އަޝްވިން އެވެ. އަދި ކްރީތީއާ އެކު ކުޅެފައިވާ "އަޅިޕުރޫޝް" ވެސް އޮތީ ރިލީޒްކުރުމުގެ މަގުމަތީގަ އެވެ.