"ބަހޫބަލީ" އާއި "ބަހޫބަލީ 2" ގައި ޕްރަބާސް ފެނިފައި ވަނީ ވަރަށް އާދަޔާހިލާފު ވަރުގަދަ ކެރެކްޓާއަކުންނެވެ. މި ދެ ފިލްމަކީ އިންޑިއާގައި މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ދެ ފިލްމުގެ ތެރޭގައި ހިމެނޭ ފިލްމުތަކެވެ. މި ފިލްމުތަކުގައި ޕްރަބާސް ކުޅެފައިވާ ކެރެކްޓާ ބެލުންތެރިންނަށް ވަރަށް މަގްބޫލެވެ. ސައުތު އިންޑިއާގެ މީހުންނަށް ޕްރަބާސް އަކީ ސުޕަސްޓާރަކަށް އަދި އެމީހުންގެ "ޑާލިން" އަކަށްވީ ފިލްމުގައި ކުޅުނު ކެރެކްޓާގެ މަގްބޫލުކަން ބޮޑުވެގެން ގޮހެވެ.
ނަމަވެސް އޭގެ ފަހުން ޕްރަބާސް ކުޅުނު "ސާހޯ" އާއި "ރާދޭ ޝާމް" އަށް އެކަށީގެންވާ ވަރުގެ ކާމިޔާބެއް ނުހޯދުނެވެ. ހާއްސަކޮށް އެންމެ ފަހުން އޭނާ ކުޅުނު "ރާދޭ-ޝާމް" ވެފައިވަނީ ވަރަށް ބޮޑު ފްލޮޕަކަށެވެ.
މިކަމާ ގުޅޭ ގޮތުން ޕްރަބާސް ދާދިފަހުން ދިން އިންޓަވިއު އެއްގައި ވާހަކަ ދައްކާފައި ވެއެވެ. އޭނާ ބުނި ގޮތުގައި ފިލްމުތައް ފްލޮޕްވީ ޕެންޑެމިކް އާ ހެދިއޭ ނުވަތަ ސްކްރިޕްޓް ފީކަޅާ ކަމުންނޭ ވެސް ބުނެވިދާނެ އެވެ. ނަމަވެސް ހަގީގަތަކަކީ އެއެއް ނޫން ކަމަށާއި ހަގީގަތަކީ އޭނާ ފަހުގެ ފިލްމުތަކުގައި ކުޅެފައިވާ ކެރެކްޓާ ތަކަކީ "ބަހޫބަލީ" ސީރީޒްގެ ދެ ފިލްމުގައި ކުޅުނު ކެރެކްޓާ ހާ ވަރުގަދަ ކެރެކްޓާ އަކަށް ނުވާތީ ބެލުންތެރިންނަށް އެކަން ބަލައިގަންނަން ފަސޭހަ ނުވީ ކަމަށެވެ.
"އެމީހުން އަދިވެސް ބޭނުން ވަނީ އަހަރެން "ބަހޫބަލީ" ގައި ކުޅުނު ކަހަލަ އާދަޔާޚިލާފު ވަރުގަދަ ކެރެކްޓާތައް ކުޅެން. ރޮމެންޓިކް ހީރޯއެއްގެ ރޯލު ކުޅެންޏާ ވެސް އަހަރެންގެ ކެރެކްޓާ ވަރަށް ރަނގަޅުވާން އެމީހުން ބޭނުންވާހެން އަހަންނަށް ހީވަނީ،" ޕްރަބާސް ބުންޏެވެ.
"ރާދޭ ޝާމް" ޓީވީގައި ވަރަށް އަވަހަށް ރިލީޒް ކުރަން ހަމަޖެހިފައިވާއިރު ޕްރަބާސް ބޭނުން ވަނީ ގޭގައި ތިބެގެން މުޅި އާއިލާއެއްކޮށް މި ފިލްމު ބެލުމަށެވެ.
"އާއިލާތަކުން ގޭގޭގައި ތިބެގެން "ރާދޭ ޝާމް" ބަލާލުމުން އެމީހުން ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ކަމަށް އަހަރެން އުންމީދު ކުރަނީ،" ޕްރަބާސް ބުންޏެވެ.
ޕްރަބާސް އެއްބަސްވީ ގޮތުގައި "ބަހޫބަލީ" ގެ ބޮޑު ކާމިޔާބުން އޭނާ އަށާއި އޭނާ ލައްވާ ފިލްމު ކުޅުވާ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް ވަރަށް ބޮޑު ޕްރެޝަރެއް ވަނީ ކުރިމަތިވެފަ އެވެ. އެފަދަ ފިލްމެއް އުފައްދައިގެން ނޫނީ ދެން ބެލުންތެރިން އޭނާ ކުޅޭ ފިލްމެއް ބަލައި ނުގަންނާނެކަން ޔަގީން ކުރެވޭތީ ކުރިމަތިވާ ޕްރެޝަރެވެ.