ބޮލީވުޑް

ކައިވެނިކުރަން އުޅޭ ވާހަކައަށް ޕްރަބާސް ދިން ޖަވާބު

ސައުތު އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސް ކުޅޭ ފިލްމުތަކަށް ވުރެ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް މި ފަހަކަށް އައިސް މާ ގަދަޔަށް ދެކެވެ އެވެ. "ބަހޫބަލީ" އަދި "ބަހޫބަލީ 2"ގެ ބަތަލު ޕްރަބާސް އާއި އޭނާ މިހާރު ކުޅެމުންދާ "އަޅިޕުރޫޝް"ގެ ބަތަލާ ކްރީތީ ސެނޯން ލޯބީގެ ގޮތުން ގުޅި ކައިވެންޏަށް ތައްޔާރުވަމުންދާ ކަމަށް ވެސް އިންޑިއާގެ ބައެއް ނޫސްތަކުން ޚަބަރުތައް ފަތުރާފައި ވެއެވެ.

ދާދިފަހުން ޕްރަބާސް ބައިވެރިވި ތެލުގޫ ޓޯކް ޝޯ "އަންސްޓޮޕެބްލް"ގައި ބައިވެރިވެ ވާހަކަ ދައްކަމުން އޭނާ ވަނީ މި ދެކެވޭ ވާހަކަތަކަށް ޖަވާބުދީފަ އެވެ.

ކްރީތީ އާއި އޭނާގެ އެންގޭޖްވީ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި އޭނާ ކައިވެނިކުރާނެ ދުވަހެއްގެ ވާހަކަ ވެސް ޕްރަބާސް އޮޅުން ފިލުވައިދިނެވެ.

ސައުތު އިންޑިއާ މީހުން ލޯބިން "ޑާލިން"ގެ ނަމުން މުހާތަބުކުރާ ޕްރަބާސް މި ޝޯގައި ބައިވެރިވާން އެ ޝޯ އޮތް ސެޓަށް ވަނުމާއެކު އޯޑިއަންސް ހޫނު އަތްތިލަބަޑިއަކާއި ހަޅޭކުން އޭނާއަށް މަރުހަބާ ކިއެވެ.

ޝޯގެ ހޯސްޓް ބާލަކްރިޝްނަން އެންމެ ފުރަތަމަ ވެސް ޕްރަބާސް އާ ކުރީ އޭނާގެ ކައިވެންޏާ ބެހޭ ގޮތުން ދެކެވޭ ވާހަކަ ތަކާ ގުޅޭ ގޮތުންނެވެ. ޖަވާބުގައި ޕްރަބާސް ބުނީ އޭނާ ކައިވެނިކުރާނީ ބޮލީވުޑް ސުޕަސްޓާ ސަލްމާން ޚާން ކައިވެނިކުރީމަ ކަމަށެވެ.

ސަލްމާން ދުވަހަކުވެސް ކައިވެނި ނުކުރާނެކަމަށް މިހާރު ގިނަ ބަޔަކު ތިބީ ގަބޫލުކޮށްގެންނެވެ. އެހެންވެ ޕްރަބާސް މިހެން ބުނުމުން އޯޑިއަންސްގައި ތިބި މީހުންތައް ބިނދިބިނދިފައި ހުނެވެ.

ޕްރަބާސް އާއި އޭނާގެ ކައިވެންޏާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ޖަވާބުދެމުން ކްރީތީ ވެސް ބުނެފައިވަނީ މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ފިލްމީ ރޮނގުން ބަލާއިރު ޕްރަބާސް މިހާރު ކުޅެނީ ހިންދީ އަދި އިތުރު އެތައް ބަހަކުން އުފެއްދުމުގެ މަސައްކަތްކުރާ "އަޅިޕްރޫޝް" އާއި "ޕްރޮޖެކްޓް ކޭ" ކިޔާ ފިލްމެއްގަ އެވެ. "ޕްރޮޖެކްޓް ކޭ"ގައި ޕްރަބާސް އާއެކު މުހިއްމު ރޯލުތައް ކުޅޭ އެކްޓަރުންގެ ތެރޭގައި އަމީތާބު ބައްޗަން އާއި ދީޕިކާ ޕަދުކޯން ހިމެނެ އެވެ. އަދި "ސަލާރް" ކިޔާ ފިލްމެއް ވެސް އިއުލާންކޮށްފައި ވެއެވެ.