ބޮލީވުޑް

ޕްރަބާސް އަށް މަލާމާތްކުރާތީ ރުޅިއައީ ނެޓްފްލިކްސް ދެކެ

ޕްރަބާސްގެ ފޭނުން ރުޅިގަދަވެގެން އެމީހުންގެ ނެޓްފްލިކްސް އެކައުންޓްތައް ފޮހެލައިފި އެވެ.

ފޭނުން ރުޅި އައީ ޕްރަބާސްގެ "ސާހޯ" ނެޓްފްލިކްސްގައި ރިލީޒްކުރުމާ ދިމާކޮށް ނެރުނު އިޝްތިހާރެއްގައި ފެންނަ މަންޒަރުތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕްރަބާސް އަށް މަލާމާތް ރައްދުވާން ފެށުމުންނެވެ.

މި މަންޒަރުގައި ފެންނަނީ ޕްރަބާސް ފަރުބަދައެއްގެ ކުރީގައި ހުރެފައި ފުންމާލާ ތަނެވެ.

އޭނާ ސްކައި ޑައިވް ކޮށްފައި ތިރިއަށް ދަމުން ދަބަހެއް އަތުން ހިފައި އެ ހުޅުވާލައި އޭގެން ވައިކުޑައެއް ނަގައި ހުޅުވަ އެވެ. އަދި އެހާ އުހުން އައި ގޮތަށް އައިސް ބިންމަތީގައި ފައިޖައްސަނީ ވެސް ފަސޭހަ ކަމާ އެކުގަ އެވެ.

ނެޓްފްލިކްސް އިންޑޮނީޝިއާގައި މީހަކު ސުވާލުކޮށްފައިވަނީ "މިއީ ކޮން ކަހަލަ އެކްޝަނެއް ހެއްޔޭ" އެވެ. އެއާއެކު ޓްރޯލްކުރާ މީހުންގަނޑަށް ހީވީ އީދެއް އައިހެންނެވެ. އިއްޔެ ހަތަރުދަމު އޮތީ "ސާހޯ" އަށާއި ޕްރަބާސް އަށް މަލާމަތްކުރުމެވެ. އެހެންވެ ޕްރަބާސްގެ ފޭނުން އައި ރުޅިން ނެޓްފްލިކްސް އަންސަބްސްކްރައިބް ކުރީ އެވެ.

ޕްރަބާސް އާއި ކްރީތީ ސެނޯންގެ އާ ފިލްމު "އަޅިޕުރޫޝް"ގެ އިޝްތިހާރު މީގެ ދުވަސްކޮޅެއް ކުރިން ދައްކަން ފެށީއްސުރެ ގިނަ ބަޔަކު ޕްރަބާސް އަށް މަލާމާތް ކުރަމުން ގެންގޮސްފައި ވެއެވެ. އެ ފިލްމުގެ ވީއެފްއެކްސް ފީކަޅާ ކަމަށް ބުނެ އެވެ.

"އަޅިޕުރޫޝް" ރިލީޒްވުމުގެ މާކުރިން އެ ފިލްމަށް މަލާމާތްކުރަން ފެށުމުން ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ވަރަށް ހާސް ވެފަ އެވެ. މިހެން އޮއްވާ މީގެ ތިން އަހަރު ކުރިން ރިލީޒްކުރި ޕްރަބާސްގެ "ސާހޯ" ނެޓްފްލިކްސް ގައި ރިލީޒްކުރުމާ ދިމާކޮށް ނެރުނު އިޝްތިހާރަކުން އަނެއްކާވެސް އިތުރަށް ޕްރަބާސް އަށް މަލާމާތް ރައްދުވާ ގޮތް ވީއެވެ.