ބޮލީވުޑް

ދަ ކަޝްމީރު ފައިލްސް: ހައިރާންވާ ވަރުގެ ކާމިޔާބެއް

ބޮލީވުޑް ބޮކްސް އޮފީހުގައި މި ވަގުތު އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ޕްރަބާސްގެ "ރާދޭ ޝާމް" އާއި "ދަ ކަޝްމީރު ފައިލްސް" ގެ މެދުގަ އެވެ. މި ދެ ފިލްމުގެ ތެރެއިން ޕްރަބާސްގެ ފިލްމަށް ތިން ދުވަހުން 78 ކްރޯޑަށް ވުރެ ގިނައިން ލިބިފައި ވިޔަސް މިއީ ފިލްމަށް ލިބޭނެ ކަމަށް އުންމީދުކުރި ވަރާ ގާތްކުރާ ވަރުގެ އަދަދެއް ވެސް ނޫނެވެ. އަނެއްކޮޅުން "ދަ ކަޝްމީރު ފައިލްސް" ވެފައި ވަނީ ސަޕްރައިސް ޕެކޭޖަކަށެވެ.

މި ފިލްމަށް ބޮޑު ކާމިޔާބެއް ލިބިދާނެ ކަމަށް އެކަކު ވެސް އުންމީދެއް ނުކުރެ އެވެ. ނަމަވެސް ފިލްމު ބަލާފައި ނުކުންނަ ކޮންމެ މީހަކު އެ ފިލްމުގެ މޮޅު ވާހަކަ ދައްކާތީ ދުވަހެއް ދުވަހަކަށް ފިލްމުގެ ވިޔަފާރި ދެ ގުނަ ތިން ގުނަ އިތުރުވަމުން ފުރަތަމަ ތިން ދުވަހުގެ ތެރޭގައި 27 ކްރޯޑު ވަނީ ލިބިފަ އެވެ. މިއީ އާދައިގެ އެކްޓަރުން ތަކެއް އުޅޭ ކުޑަ ބަޖެޓަކުން އުފައްދާފައިވާ ފިލްމަށް ވާތީ 27 ކްރޯޑަކީ ވެސް ނިސްބަތުން ވަރަށް ބޮޑު އެއްޗެކެވެ.

"ދަ ކަޝްމީރު ފައިލްސް" ޓްރެއިލާ

ޕްރަބާސްގެ "ރާދޭ ޝާމް" އަށް ފުރަތަމަ ދުވަހު 46 ކްރޯޑަށް ވުރެ ގިނައިން ލިބިފައި ވެއެވެ. މިއީ ޕްރަބާސްގެ މަޝްހޫރުކަމާއި ފިލްމު ޕްރޮމޯޓް ކުރަން އޭނާ ކުރި ބުރަ މަސައްކަތުން ހޯދުނު އެއްޗެކެވެ. ނަމަވެސް ފިލްމު ބަލަން ވަދެފައި ނުކުންނަ ގިނަ މީހުންނަކަށް ފިލްމު ކަމަކު ނުދިޔަ އެވެ. އެހެންވެ ފިލްމުގެ ވިޔަފާރި ދެ ވަނަ ދުވަހުން ފެށިގެން ދަށަށް ދާން ފެށީ އެވެ.

ވިވެކް އަގްނިހޯތުރީ ޑައިރެކްޓްކޮށް އަނޫޕަމް ކޭރް އާއި މިތުން ޗަކުރަބަތީ އަދި ދަރްޝަން ކުމާރު މުހިއްމު ރޯލުތައް ކުޅެފައިވާ "ދަ ކަޝްމީރު ފައިލްސް" އަށް ފުރަތަމަ ދުވަހު ލިބުނީ 3.55 ކްރޯޑެވެ. ދެވަނަ ދުވަހު 8.50 ކްރޯޑު އަދި ތިން ވަނަ ދުވަހު 15.10 ކްރޯޑު ލިބިފައި ވެއެވެ.

މި ދެ ފިލްމުގެ ކާމިޔާބީ އާއި ނާކާމިޔާބުން ދޭހަވީ އެންމެ އެއްޗެކެވެ. ކިތަންމެ ބޮޑެތި ތަރިން އުޅުނަސް ކިތަންމެ ގިނަ ފައިސާ ޚަރަދު ކޮށްގެން ހެދިޔަސް ބެލުންތެރިންނަށް އެ ފިލްމަށް ކަމުނުދެޔޭ ބުނެފިނަމަ އެ ފިލްމެއް ކާމިޔާބު ނުވާނެ ކަމެވެ.

އަދި ކިތަންމެ ކުޑަ ބަޖެޓަކުން ކިތަންމެ އާދައިގެ އެކްޓަރުން ލައިގެން އުފައްދާފައިވާ ފިލްމަކަށް ވިޔަސް ބެލުންތެރިން ފިލްމު މޮޅު ވާހަކަ ދައްކަންޏާ އެ ފިލްމަކަށް ހީނުކުރާ ވަރުގެ ބޮޑު ކާމިޔާބެއް ލިބޭނެ އެވެ.