ދީން

އީމާންކަމުގެ ނޫރުން ހިތްތައް އަލިކުރާށެވެ!

ހިތަކީ ތަޤުވާވެރިކަމާއި އީމާންކަމުގެ ޖަގަހައެވެ. ހިތް އިޞްލާޙު ވެއްޖެނަމަ ޢަމަލުތައް އިޞްލާޙުވެ ރަނގަޅުވެއެވެ. ހިތް ގޯސްވެއްޖެނަމަ ޢަމަލުތައްވެސް ހެޔޮމަގުން ކައްސައިލައި ފަސާދަވެއެވެ. ވީމާ، ތިމާގެ ނަފްސު އިޞްލާޙު ކުރަން އެދޭމީހަކު އެމީހެއްގެ ހިތް އިޞްލާޙުވޭތޯ މަސައްކަތް ކުރަންޖެހެއެވެ. އަދި ހިތް ފަސާދަކުރަނިވި އެންމެހައި ކަމަކުން އެކިބާވެ ދުރުހެލިވާންޖެހެއެވެ.

ހިތް ނިޔަތް އިޞްލާޙު ކުރަންއެދޭ މީހާ، މާތް ﷲ އަށް ކިމަންގަނެ، ހެޔޮ ޢަމަލުކުރުން މަތީ ދެމިހުރުން ނޫން ގޮތެއް ނެތެވެ. އަދި އެއިލާހު ހަނދުމަކޮށް ޒިކުރު ކުރުން ގިނަކުރަންޖެހެއެވެ. އެހެނީ، ހިތް ފަސާދަވުމުގެ މަގަކީ، އެހިތުގެ ވެރި ރައްބާ ގުޅުން ކެނޑި ފާފަތަކާއި މުންކަރާތްތައް އެހިތަށް ޒީނަތްތެރިވުމެވެ. އެއިރުން، ޙައްޤާއި ބާޠިލު އޮޅި، ހެޔޮ ނުބައި ވަކިނުވާ، ހެޔޮ ޢަމަލުތައް ނީވޭ ބީރު، ހެޔޮ މަގު ނުފެންނަ ކަނު، އަދި ހެޔޮ ބަހެއް ނުބުނެވޭ މަންމަނަކަށް ބަދަލުވެއެވެ. އެފަދަ މީހަކީ ދިރިހުރި ނަމަވެސް މަރުވެފައިވާ މައްޔިތެއްފަދަ މީހެއް ކަމުގައި ދަންނަބޭކަލުން ސިފަކުރައްވައެވެ. އެހެނީ ހެޔޮމަގުން އެކިބާވެއްޖެ މީހަކު ދުނިޔޭގައި ކިތަންމެ ދުވަހަކު ދެމިހުރިނަމަވެސް އާޚިރަތުގައި އޭނާއަށް ކުރާނޭ އެއްވެސް ފައިދާއެއް ނެތެވެ.

ފިތުނަ ފަސާދަ ކުރިމަތިވަނީ ހިތަށެވެ. ތިމާ ހިތް އެދޭ ކަންކަމަކީ ދީނުގައި އަންގަވާފައިވާ ކަންތައްތައް ކަމުގައި ވެއްޖެ މީހަކަށް އެހުރެވެނީ ހެޔޮ މުގައެވެ. އޭގެ އަނެއްކޮޅަކީ؛ ތިމާ ހިތް އެދޭ ކަންކަމަކީ މުންކަރާތްތައް ކަމުގައިވެއްޖެ މީހާއަށް އެދެވެނީ ޝައިޠާނާގެ މަގުންނެވެ. އޭނާ ކުރާ ކޮންމެ ފާފައަކީ ހިތުގައި ޖެހޭ ކަޅު ލައްގަނޑެ ކަމުގައިވެއެވެ. އާޚިރުގައި މުޅިހިތް އަނދިރިވެ ފާފައިގެ ކިއްލާއެއްކަމުގައި ވެގެންދެއެވެ.
قَالَ حُذَيْفَةُ : سَمِعْتُ رَسُولَ اللهِ ـ صلى الله عليه وسلم ـ يَقُولُ : "تُعْرَضُ الْفِتَنُ عَلَى الْقُلُوبِ كَالْحَصِيرِ عُودًا عُودًا ، فَأَيُّ قَلْبٍ أُشْرِبَهَا ، نُكِتَ فِيهِ نُكْتَةٌ سَوْدَاءُ ، وَأَيُّ قَلْبٍ أَنْكَرَهَا ، نُكِتَ فِيهِ نُكْتَةٌ بَيْضَاءُ ، حَتَّى تَصِيرَ عَلَى قَلْبَيْنِ : عَلَى أَبْيَضَ مِثْلِ الصَّفَا ، فَلاَ تَضُرُّهُ فِتْنَةٌ مَا دَامَتِ السَّمَوَاتُ وَالأَرْضُ ، وَالآخَرُ أَسْوَدُ مُرْبَادٌّ كَالْكُوزِ مُجَخِّيًا ؛ لاَ يَعْرِفُ مَعْرُوفًا ، وَلا يُنْكِرُ مُنْكَرًا ، إِلاَّ مَا أُشْرِبَ مِنْ هَوَاهُ" رواه مسلم

ހުޒައިފާ رضي الله عنه ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނު، ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި އަޑު އެއްސެވީމެވެ. "ފިތުނަތައް ހިތްތަކަށް ވާޞިލުވެ، އެހިތްތައް ވަށައިލަނީ ކުނަލެއް ވިޔާއިރު، އެއް ވަތުމަތީން އަނެއްވަތު ދަށުން ވިޔެވެމުންދާ ފަދައިންނެވެ. އެއިން ފިތުނަވެރިކަމެއް ވަދެއްޖެ ހިތެއްގައި ކަޅު ލައްގަނޑެއް ޖެހެއެވެ. އެ ފިތުނަތައް ރައްދުކޮށް (އެއްކިބާވެއްޖެ) ހިތެއްގައި ހުދުކުލައިގެ ލައްގަޑެއް ޖެހެއެވެ. އެ ހިތްތައް ދެބަޔަކަށް ބެހިގެން ވެއެވެ. އޭގެ ތެރޭގައި ސާފު ހުދު ކުލައިގެ ހިތްތަކެއްވެއެވެ. އުޑުތަކާއި ބިން ދެމި އޮތްހައި ހިނދަކު (އެބަހީ: ޤިޔާމަތާ ޖެހެންދެން) އެ ހިތްތަކަށް ފިތުނައިގެ ގެއްލުމެއް ނެތެވެ. އަނެއް ހިތްތައް ކަޅުކުލައިގައިވާ، ހިރަފުސްވެ ފުރިފައި އޭގައި އެއްވެސް އެއްޗެ ހަރުނުލާ ކަންވާރެއްފަދައެވެ. އެ ހިތްތަކަށް ހެޔޮކަމެއް ވަތްކެއް ނުވެއެވެ. އަދި މުންކަރާތެއް އިންކާރެއް ނުކުރެއެވެ. ހަވާނަފްސުގެ އެދުމަށް ލެނބިފައިވާ ކަމެއް މެނުވީ އެހިތްތަކަކަށް ނޭނގޭނެއެވެ."

މި ޙަދީޘްގައިވާ ބައެއް ޢިބާރާތްތަކުގެ އިތުރު ޝަރަޙައަކަށް ބަލައިލާއިރު، تُعْرَضُ الْفِتَنُ عَلَى الْقُلُوبِ كَالْحَصِيرِ ވިޔެވެމުންދާ ކުނަލެއްގެ މިސާލުގައި ފިތުނަތައް ހިތްތައް ވަށާލައޭ އޮތް ބަސްފުޅުގެ މާނައިގައި، އެއީ ހިތްތަކުގެ ވަށައިގެން ކަވަރެއް ލެވޭފަދައިން ފިތުނަތައް ހިތްތަކައް އައިސް ކުރިމަތިވުމެވެ. އަދި ބައެއް ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި، އެއީ ހަނގުރާމަވެރި ލަޝްކަރެއް ރަށެއްގެ ވަށައިގެން ތިބެ، އެރަށް ޙިޞާރު ކުރާކުރުން ފަދައިންނެވެ.

އެއް ވަތުމަތީން އަނެއްވަތު ދަށުން ވިޔެވެމުންދާފަދައިންނޭ އޮތް ބަސްފުޅުގެ މާނައަކީ، އެއް ފިތުނަޔަށްފަހު އަނެއް ފިތުނައެއް، ނުވަތަ އެއް ކަމަކަށްފަހު އަނެއްކަމެއް ކުރިމަތިވުމަންދާނޭ ވާހަކައެވެ. ވިޔާ އެއްޗެއްގައިވެސް ހުންނަ ވަތްތައް، ނުވަތަ ފަންތައް ވިޔެވެނީ މިފަދައިންނެވެ. އެއްވަތް ދަށުން ގެންގޮސްފިނަމަ، އަނެއްފަހަރު، ދެން އޮތް ފަށް ދަށުންގެން ގޮސްގެން މެނުވީ ވިޔުން ފުރިހަމަ ނުވާނެވެ.

عُودًا عُودًا ގެ މާނައަކީ ތަކުރާރުވަމުން، ފިތުނައަކަށްފަހު ފިތުނައެއް ކުރިމަތިވަމުން އައުން ކަމުގައިވެސް ދަންނަބޭކަލުން ވިދާޅުވެއެވެ. ފިތުނަވެރިކަމަކީ އެފަދަ ކަމެކެވެ. އެއްކަމެއް ނުނިމެނީސް އަނެއްކަމެއް އޮންނަނީ ލައިގެންފައެވެ. ކާމިޔާބީ އޮތީ އީމާންކަމަންމަތީ ދެމިހުރެއްޖެ މީހަކަށް އެކަންޏެވެ.

فَأَيُّ قَلْبٍ أُشْرِبَهَا "އެއިން ފިތުނަވެރިކަމެއް ވަދެއްޖެ ހިތެކޭ" އޮތް ބަސްފުޅުގެ މާނައަކީ، މޮޑެވި އެކަތިގަނޑަކަށް ވެފައިވުމެވެ. އަދި ފުރިހަމައަށް ހިތަށް ފިތުނަތައް ވަދެފައިވުމެވެ. أُشْرِبَ މި ކަލިމައިގެ އަސްލު މާނައަކީ، ދިޔާ ކުލަތަކެއް އެއްކުރާއިރު، އެއްކުލަ އަނެއް ކުލަޔާ އެއްވެ އެކަތިގަނޑަކަށްވެ، ރަނގަޅަށް ކުލަނޑު ހިފާފައި ހުރުމެވެ. އަންނަނިވި އާޔަތުގައި މިކަލި އައިސްފައިވަނީވެސް އެމާނައިގައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَأُشْرِبُوا فِي قُلُوبِهِمُ الْعِجْلَ بِكُفْرِهِمْ ﴾ (البقرة 93) މާނައީ: "އެމީހުންގެ ކުފުރުގެ ސަބަބުން ޅަގެރިއަށް އަޅުކަންކުރުމުގެ ލޯބިވަނީ އެމީހުންގެ ހިތްތަކުގައި ހިފާފައެވެ."

ވީމާ، ހިތްތަކަށް ފިތުނަތައްވަދެ، އޭގެ ކުލަވަރު ރަނގަޅަށް ހިތުގައި ހިފުމުން ޙައްޤާއި ބާތިލު އޮޅިގެންދެއެވެ. އެފަދަ ހިތެއްގައި ކަޅުކުލައިގެ ލައްގަނޑެއް ޖަހައެވެ. އެއާ ޚިލާފަށް، ފިތުނަތަކުން އެއްކިބާވެ، ހިތަށް އެފިތުނަވެރިކަން ވަނަ ނުދީފިނަމަ، އެހިތުގެ ކުލަ ހުދު ބޯކިރުކޮޅެއްފަދައެވެ. އެއަށްފަހު ޤިޔާމަތާ ހަމައަށް ދާންދެންވެސް އެހިތް، ސާފުކަން މަތީ ދެމިހުރެއެވެ. އަދި ޙައްޤުގެ މަތީގައި ސާބިތުވެހުރުމުގެ ހެޔޮ ތައުފީޤު ދެއްވައެވެ.

އަދުގެ މުޖްތަމަޢުގެ ޙާލަތާމެދު ވިސްނާ ފިކުރުކުރާ މީހަކަށް ފެނިގެންދާނީ ފިތުނަތަކާއި މުންކަރާތްތައް އާމުވެފައިވާ ތަނެވެ. މާތް ﷲ ނަހީކުރެއްވި ބޮޑެތި ފާފަތަކަށް އަރައިގަނަންނަ މަޒަރެއްވެ. އަދި އެކަންކަން ހުއްޓުވަން ކުރެވޭ މަސައްކަތުގެ މަދުކަމެވެ. އަމުދުން އެކަންކަން ހުއްޓުވައި، އެފާފަތަކަށް އިންކާރު ކުރާނޭ މީހަކު މަދުންނޫނީ ނުފެންނަ ކަމެވެ. މިއަދު އެ މުންކަރާތްތަކާއި ފާހިޝް ޢަމަލުތަކަކީ، ދީނުގައި ހުއްދަ ޢަމަލުތަކަކޭ އެއްފަދައިން، އެހާވެސް ފަސޭހަކަމާއެކު އެ ޢަމަލުތައް ހިނގާމީހުން ގިނަވެއްޖެއެވެ. އަދި މާތް ﷲ ނަހީކުރެއްވި، ފާހިޝް ޢަމަލުތައް ހިނގުމަކީ އިންސާނީ ޙައްޤެއްކަމުގައި ކަނޑައެޅިއްޖެއެވެ.

މުންކަރާތްތަކާއި ފާހިޝް ޢަމަލުތަކުން އެއްކިބާވާން އެދޭމީހާ، އޭނާގެ ވެރި ރައްބުގެ ޙަޟުރަތަށް އެނބުރި ރުޖޫޢަވާންޖެހެއެވެ. އެންމެ ފުރަތަމަ ކަމަކީ ރެޔާއިދުވާލު ކުރެވޭ ފަރުޟު ފަސްނަމާދެވެ. އެއީ ތިމާ ހެޔޮ ކަމުގެ މަތީގައި ދަމަހައްޓައިދީ، އާޚިރުތުގައި މާތް ﷲ ގެ ކޯފާއާއި އަޒާބުން ސަލާމަތްކޮށްދެނިވި މަގެވެ. އެއަށްފަހު، އީމާންކަން ވަރުގަދަކުރުމަށްޓަކައި ދީނުގެ ޢިލްމު ޙާޞިލުކުރުމެވެ. ވަކީން ޚާއްޞަކޮށް، މުސްލިމަކަށްވީތީ ތިމާ އުނގެނެންޖެހޭ ކަންކަން ދަސްކުރުމެވެ. ފިތުނަތަކާއި މުންކަރާތްތަކުން ސަލާމަތް ވެއްޖެ މީހަކީ އާޚިރުތުގައި ބާއްޖަވެރިއެކެވެ.