ހިޔާ މަޝްރޫއު

ފިނިޝިންގެ މުއްދަތު އިތުރުނުކުރާތީ އަޑުއުފުލައިފި

ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތަށް ދިން މުއްދަތު އިތުރު ނުކުރާތީ ފްލެޓްތައް ލިބުނު މީހުން އަޑުއުފުލައިފި އެވެ.

ހިޔާ ފްލެޓްތަކުގެ މީހުން އަޑު އުފުލީ އާއްމުންގެ ޖަމިއްޔާ އާއި ހިޔާ ޔުނިއަން ގުޅިގެން މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގެ ތެރެއިން ނެވެ.

މި އަޑު އުފުލުމުގައި ބައިވެރިވި މީހުން ވަނީ ފިނިޝިންގެ މަސައްކަތް ނިންމަން ދިން ގްރޭސް ޕީރިއަޑް އިތުރުކޮށް ކުލި ކުޑަ ކުރުމަށް ވެސް ގޮވާލައިފަ އެވެ.

އާންމުންގެ ޖަމިއްޔާގެ ރައީސް މިދުއަމް ސައީދު ވިދާޅުވީ ފްލެޓްތަކުގެ ފިނިޝިން ނުނިމޭތީ ގިނަ ބަޔަކު އަދިވެސް ފްލެޓްތަކުގައި ދިރިއުޅެން ނުފަށާ ކަމަށެވެ. އޭނާ އަންދާޒާ ކުރައްވާ ގޮތުގައި އަދި ދިރިއުޅެން ފަށާފައިވަނީ 1000 އެއްހާ ފްލެޓްގަ އެވެ.

އޭނާ އިތުރަށް ވިދާޅުވީ ގްރޭސް ޕީރިއަޑް އިތުރު ނުކޮށްދީފިނަމަ މި މަހުގެ 31 ގައި އަނެއްކާ ވެސް ހިޔާ ފްލެޓްތަކުގެ މީހުނާއެއް ބައްދަލުވުން ބާއްވާނެ ކަމަށެވެ.

ހިޔާ ފްލެޓްތައް ހަވާލުކުރީ އެ ތަންތަން މުޅީން ނުނިންމަ އެވެ. އެ ފްލެޓްތަކުގައި މުއްޓާއި އެތެރޭގެ ދޮރުތައް ވެސް ނުހުރުއެވެ. އެހެން ކަމުން އެ މަސައްކަތްތައް ނިންމާ ފްލެޓްތަކުގައި ދިރިއުޅެން ފެށެންދެން ކުލި ދެއްކުން މި އަހަރުގެ ނިޔަލަށް އޮތީ ފަސްކޮށްދީފަ އެވެ.

ކުލި ކުޑަކޮށް އަދި ކުލި ނެގުން އިތުރަަށް ފަސްކޮށްދިނުމަށް ފްލެޓްތަކުގެ މީހުން އޮތީ އެދިފައެވެ. އަދި އެޗްޑީސީން ވަނީ ކުލި ނެގުން ފަސްކުރަން ސަރުކާރާއެކު މަޝްވަރާކޮށްފަ އެވެ. ނަމަވެސް އަދިވެސް ގޮތެއް ނުނިމޭތީ އަންނަ މަހުން ފެށިގެން ނުލި ނަގާނެކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ފްލެޓްތަކަށް ފެނާއި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދީ، އެތަނުގެ ގްރޭސް ޕީރިއެޑް ގުނަން ފަށާފައިވަނީ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށެވެ.

ގްރޭސް ޕީރިއެޑް އިތުރު ނުކޮށްފިނަމަ، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން އަންނަ މަހުން ފެށިގެން ކުލީގެ ގޮތުގައި 8،500 ،ރުފިޔާ ދައްކަން ޖެހޭނެ އެވެ. އެއީ ފްލެޓްގެ ކުއްޔަށް ދައްކަންޖެހޭ 7،000 ރުފިޔާ އާއި މެއިންޓަނަންސް ފީއަށް ދައްކަންޖެހޭ 1،000 ރުފިޔާ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 7،000 ފްލެޓުގެ 16 ޓަވަރު އިމާރާތް ކޮށްފަ އެވެ. އޭގެ ތެރެއިން 6،720 ފްލެޓް މީހުން ދިރިއުޅުމަށް ދޫކޮށްފައިވެ އެވެ.