ޕީޕީއެމް

އިންޑިއާ އައުޓް ކެމްޕޭން: އައްޑޫގައި އަޑުއުފުލައިފި

އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވާލައި އިދިކޮޅު ޕީޕއެމް / ޕީއެންސީން ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ދަށުން އައްޑޫ ސިޓީ ފޭދޫގައި މުޒާހަރާ ކޮށްފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު އަވަސްއަށް ވިދާޅުވީ މިއަދު ހަވީރު ފޭދޫގައި ބޭއްވި މުޒާހަރާގައި އެރަށުގެ ގިނަ ބަޔަކު ބައިވެރިވި ކަމަށެވެ. އަދި އައްޑޫގައި ތިބި އިންޑިއާގެ ސިފައިން ބާލަން ގޮވާލި ކަމަށެވެ.

އިންޑިއާ އައުޓް ކެމްޕޭން ކުރިއަށް ދިޔައީ އޮމާން ކަމާއެކުގައި ކަަމަށާއި ފުލުހުން މި މުޒާހަރާ ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

އިންޑިއާ އައުޓް ކެމްޕޭން އަތޮޅުތަކުގެ ތެރެއަށް ފުޅާ ކޮށްފައިވާއިރު މިދިޔަ ހޮނިހިރު ދުވަހު ހއ. ބާރަށުގައި ވެސް ވަނީ މުޒާހަރާ ކޮށްފަ އެވެ. އަދި މި ކެމްޕޭނަށް ރައީސް ޔާމީން ވަނީ ކ. ގުރައިދޫ، ތުލުސްދޫ އަދި ފ.ނިލަންދޫއަށް ވެސް ޒިޔާރަތް ކުރައްވާފަ އެވެ.

ހީނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އިތުރު ރަށްތަކުގެ ކައުންސިލްތަކާ ގުޅިގެން އަދިވެސް މި ކެމްޕޭން އިތުރަށް ފުޅާ ކުރާނެ ކަަމަށެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅަށް ސަރުކާރުން ދަނީ ވާހަކަ ދައްކަމުންނެވެ. އަދި ޕީޕީއެމްއިން އެންމެ ފަހުން ބާއްވަން އުޅުނު އިންޑިއާ އައުޓް ސައިކަލް ބުރު ފުލުހުން ހުއްޓުވައިފައިވާ އިރު ވެރިކަން ކުރާ އެމްޑީޕީން މިހާރު ވަނީ މި ކެމްޕޭން ހުއްޓުވުމުގެ މަސައްކަތް ފަށައިފަ އެވެ.