ޕީޕީއެމް

ހުޅުމާލެއިން "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވައިފި

އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވާލައި އިދިކޮޅު ޕީޕއެމް / ޕީއެންސީން ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ދަށުން ހުޅުމާލޭގައި މިއަދު ކުރިއަށް ގެންދިޔަ ހަރަކާތް ހުއްޓުވައިފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމްގެ ހުޅުމޭލެ ސްޓިއަރިން ކޮމިޓީން ހުޅުމާލޭގައި "އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތް މިއަދު ހަވީރު ކުރިއަށް ގެންދަނިކޮށް ފުލުހުން ހުއްޓުވައިފައިވާ ކަަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން ހަަތަރު މީހަކު ހައްޔަރުކުރި ކަމަށެވެ.

ހިނާ ވިދާޅުވީ "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓު ލައިގެން މަގުމައްޗަށް ނުނުކުމެވޭނެ ކަމަށް ވެސް ފުލުހުން އެންގި ކަމަށެވެ.

"ބައެއް މީހުން ދުއްވި ސައިކަލުތައް ވެސް ވަނީ ނުރައްކާތެރި ދުއްވުން ދުއްވައިގެން ނަގާފަ. އެކަކު ހައްޔަރުކުރީ ފަހަތަށް ބިޑި އަޅުވައިގެން" ހީނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅަށް ސަރުކާރުން ދަނީ ވާހަކަ ދައްކަމުންނެވެ. އަދި ޕީޕީއެމްއިން އެންމެ ފަހުން ބާއްވަން އުޅުނު އިންޑިއާ އައުޓް ސައިކަލް ބުރު ފުލުހުން ހުއްޓުވައިފައިވާ އިރު ވެރިކަން ކުރާ އެމްޑީޕީން މިހާރު ވަނީ މި ކެމްޕޭން ހުއްޓަން ފުލުހުންނަށް ގޮވާލައިފަ އެވެ.

"އިންޑިއާ އައުޓް" ކެމްޕޭންގެ ހަރަކާތްތައް އައްޑޫ ސިޓީ ފޭދޫގައި ވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް ފޭދޫގެ ހަރަކާތް ފުލުހުން ނުހުއްޓުވަ އެވެ.

އިންޑިއާ އައުޓް ކެމްޕޭން އަތޮޅުތަކުގެ ތެރެއަށް ފުޅާ ކޮށްފައިވާއިރު މިދިޔަ ހޮނިހިރު ދުވަހު ހއ. ބާރަށުގައި ވެސް ވަނީ މުޒާހަރާ ކޮށްފަ އެވެ. އަދި މި ކެމްޕޭނަށް ރައީސް ޔާމީން ވަނީ ކ. ގުރައިދޫ، ތުލުސްދޫ އަދި ފ.ނިލަންދޫއަށް ވެސް ޒިޔާރަތް ކުރައްވާފަ އެވެ.