މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހަކަށް ހަމަލާދިން ބަޔަކު ހައްޔަރުކޮށްފި

ފުލުހަކަށް ބިރު ދައްކައި މާރާމާރީ ހިންގި ބަޔަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މާލޭގައި ހަރަކާތްތެރިވާ ގްރޫޕަކަށް ނިސްބަތްވާ ހަތަރު މީހަކު މިިދިޔަ ބުދަ ދުވަހުގެ ރޭ ނުރައްކާތެރި ބާރު ސްޕީޑްގައި މަޖީދީމަގާއި ދިލްބަހާރުމަގު ގުޅުނު ހިސާބުގައި ދެ ސައިކަލެއްގައި ދުއްވި ކަަމަށާއި އެ މީހުން ހުއްޓުވަން އުޅުނު ޓްރެފިކް ފުލުހެއްގެ ވާޖިބަށް ހުރަސް އަޅައި އެ ފުލުސްމީހާއަށް ހަމަލާދީ މާރާމާރީ ހިންގާ އިންޒާރު ދިން ކަަމަށެވެ.

އިއްޔެ މި މައްސަލައިގައި ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ސ. ފޭދޫ، ވީނަސްވިލާ، މުހައްމަދު ވިއާމް، 27 އާއި ސ. ހިތަދޫ، ފާނަފިލާގެ، ހަސަން އަލީމް، 22 އާއި މާލެ، ދަފްތަރު ޝާން އަބްދުﷲ 20، އެވެ. މި އެންމެންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ މީހުންނެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެެވެ.

މާލޭގެ މަގުތަކުގެ އަމާންކަން ގެއްލުވާލައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ގްރޫޕް ހަދައިގެން މިފަދަ އަމަލުތައް ހިންގާ މީހުންނާމެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅައި، މިފަދަ ކުށްތައް ހުއްޓުވުމަށް ގާނޫނީ ގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެކަމަށް ފުލުހުން ބުނެއެވެ.