ޓޫރިސްޓް އެރައިވަލް

ފަހުން އަންދާޒާ ކުރިވަރަށް ޓޫރިސްޓުން އަތުވެއްޖެ

Dec 25, 2021
4

މި އަހަރު ޓޫރިސްޓުން އަންނާނެ ކަމަށް ފަހުން އަންދާޒާ ކުރި ވަރަށް ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ފުރަތަމަ ބުނީ މި އަހަރު ނިމޭއިރު 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ. ނަމަވެސް ފަހުން ހާލަތަށް ބަލައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރި ދިރާސާތަކުން ދެއްކި ގޮތުގައި މި އަހަރުގެ އެންމެ ރަނގަޅު ހާލަތުގައި އަންނާނީ 1.2 މިލިއަން ޓޫރިސްޓުންނެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި ފަހުން އަންދާޒާ ކުރި ވަރަށް މިހާރު ވަނީ ޓޫރިސްޓުން އައިސްފަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 23 ގެ ނިޔަލަށް ރާއްޖެއަށް 1,271,020 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިހާތަނަށް މި ވަރަށް ޓޫރިސްޓުން އައި ނަމަވެސް މި އަދަދަކީ 2019 ވަނަ އަހަރު އައި 1,647,453 މީހުންނާ އަޅާބަލާނަމަ 22.8 ޕަސެންޓުގެ ދަށްވުމެކެވެ. ނަމަވެސް މިއީ މިދިޔަ އަހަރު އައި 522,135 މީހުންނާ އަޅާބަލާނަމަ 143.4 ޕަސެންޓުގެ ދަށްވުމެކެވެ.

އެންމެ ގިނައިން އައި ޓޫރިސްޓުން އައި ގައުމުތައް

  • އިންޑިއާ 286,434
  • ރަޝިއާ 214,232
  • ޖަރުމަނުވިލާތް 90,732
  • އިނގިރޭސިވިލާތް 58,514
  • އެމެރިކާ 54,220
  • ސައޫދީ އަރަބިއްޔާ 39,701
  • ސްޕެއިން 36,274
  • ޔޫކްރެއިން 33,779
  • ފްރާންސް 28,293
  • ސްވިޓްޒަލޭންޑް 23,806

ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތު ތަކުން މުޅި އަހަރު ދުވަހަށް ބަލާއިރު ރާއްޖޭގެ އެވްރެޖު ޓޫރިސްޓު އެރައިވަލް ނުވަތަ ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު އުޅެނީ 3,570 ގަ އެވެ. އަދި ޓޫރިސްޓުން އެވްރެޖުކޮށް ރާއްޖޭގައި ތިބެނީ 8.7 ދުވަހު އެވެ.

މި އަހަރު އަންނަ ޓޫރިސްޓުންގެ އަދަދު ހަމަވި ނަމަވެސް މި އަހަރު ބެޑްނައިޓްސް ކުރިން އަންދާޒާ ކުރި ވަރަށްވުރެ ވަނީ އިތުރުވެފަ އެވެ. އެމްއެމްއޭއިން ބުނީ މި އަހަރު ބެޑްނައިޓްސް ހުންނާނީ 7.5 މިލިއަންގެ އަންދާޒާ އެކެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް 10 މިލިއަން ބެޑްނައިޓްސް ވަނީ ހަމަވެފަ އެވެ.