ފައިސަލް ނަސީމް

އަމާޒަކީ ގާތުން ރަނގަޅު ހިދުމަތް ދިނުން: ފައިސަލް

Dec 25, 2021

ސަރުކާރުގެ އަމާޒަކީ ބޭސް ފަރުވާ ހޯދަން ދަތުކުރަން ނުޖެހި ވީހާވެސް ގާތުން ރަނގަޅު ސިއްހީ ހިދުމަތް ދިނުން ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

އާސަންދަ ކުންފުނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ރޭ ހިރިޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު މާލެއާއި ރާއްޖެއިން ބޭރަށް ސިއްހީ ފަރުވާ ހޯދަން ނުދެވި އަތޮޅުތަކުގެ ހޮސްޕިޓަލް ތަކަށް އެތައް ރައްޔިތަކު ބަރޯސާވާންޖެހުނު ކަމަށެވެ. އެ ހާލަތުގެ ސިއްހީ ނިޒާމު ލާމަރުކަޒު ކުރުމުގެ މުހިއްމު ވިސްނި އަތޮޅުތަކުތެރޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާ ކަމަށެވެ.

"ކޮވިޑްގެ ހާލަތާއެކު ފެނިގެން ދިޔައީ ގިނަ ސާޖަރީތައް އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުން ކުރަން ފެށިތަން. ސަރުކާރުގެ އަމާޒަކީ ވެސް ރައްޔިތުންނާ ގާތުން ހިދުމަތްތައް ދިނުން. ސިއްހީ ހިދުމަތަށް ބޮޑު ކަނޑު ހުރަސްކޮށް މާލެ އައުމެއް ނޫން." ނައިބު ރައީސް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްތައް ދޭ ފަރާތްތަކުން އެ ހިދުމަތްތައް ދިނުމުގައި ވީހާވެސް ލުއިފަސޭހަކޮށް އެކަންކަން ކޮށްދިނުމަށް އަބަދުވެސް ވިސްނަންޖެހޭ ކަމަށެވެ. ހިދުމަތްތައް ދިނުމުގައި އެއީ ދައުލަތުން އެއްވެސް ރައްޔިތަކަށް ދޭންޖެހޭ ހިދުމަތެއްކަމުގައި ވަނީނަމަ އެމީހަކީ ކޮންމެ މީހަކު ކަމުގައި ވިޔަސް ތަފާތުކުރުމެއް ނެތި ހިދުމަތް ފޯރުކޮށްދޭންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ. ހިދުމަތް ދިނުމުގައި ކުންފުނިތަކާ އަދި ދައުލަތުން ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ވެސް އިހްލާސްތެރިކަމާއެކު، ކޮންމެ ރައްޔިތަކަށް ހިދުމަތް ދިނުމަށާއި އަދި އެއީ އަވަހަށް ކޮށްދޭންޖެހޭ ކަމެއްކަމުގައި ވާނަމަ ލަސްނުކޮށް އެކަމެއް ކޮށްދިނުމަށްވެސް އެދިވަޑައިގެންނެވި އެވެ.