ލައިފްސްޓައިލް

24 އަހަރު ފަހުން އާއިލާއާ ބައްދަލުވެއްޖެ

ތަގްދީރުގައި ކަން ދިމާވި ގޮތުން ވަރަށް ކުޑައިރު މި ކުއްޖާ އޭނާގެ އާއިލާއާ ވަކިވެ އެކަނިވެރި ވިއެވެ. ނަމަވެސް ގޫގްލް އާއި ފޭސްބުކްގެ އެހީގައި މިހާރު އެ ކުއްޖާއަށް ވަނީ އަނެއްކާ ވެސް އާއިލާއާ ބައްދަލު ވެފަ އެވެ. ކުއްޖާއަށް އޭނާގެ އާއިލާ އުޅޭ ތަނެއް ހޯދުނީ ގެއްލުނުތާ ބަރާބަރު 24 އަހަރު ފަހުންނެވެ.

އިންޑިޔާގެ ބޯޕާލްގެ ކަންޑްވާގައި ދިރިއުޅޭ ޝޭރޫ މިހާރު ކިޔާ ނަމުން ނަމަ ޝާރޫ ބްރާލީ އޭނާގެ އާއިލާގެ މީހުންނާ ވަކިވީ 1988 ގައެވެ. އޭރު ޝޭރޫ އަށް އެންމެ ހަ އަހަރުގަ އެވެ. ޝޭރޫގެ ބޭބެ ގުއްޑޫއަކީ ރޭލުތަކަށް އަރައި ސައި ވިއްކުމުގެ ވިޔަފާރި ކުރާ ކުއްޖެކެވެ. އެ ދުވަހު ޝޭރޫ އާއެކު އޭނާގެ ކޮއްކޮ ސަލީމް ވެސް އޭނާގެ ބޭބެގެ ސައި ވިއްކުމުގެ ވިޔަފާރީގައި ބައިވެރިވި އެވެ. ޝޭރޫ ގެއްލުނީ މަސައްކަތް ނިންމާފައި ތިން ބެއިން ރޭލުގައި ގެއަށް ދިޔަ މަގުމަތީގަ އެވެ.

ރޭލުގައި ދަތުރު ކުރަނިކޮށް ޝޭރޫ ރޭލުން ބޭރަށް ވެއްޓުނީ އެވެ. އޭރު އޭނާގެ ބޭބެ ގުއްޑޫ އަށް އޮތީ ނިދިފައި ކަމުން ކޮއްކޮ ވެއްޓުނު ކަމެއް ގުއްޑޫއަކަށް ނޭނގެ އެވެ. އެހެންވެ ކޮލްކަތާއަށް ރޭލު މަޑުކުރިއިރު ރޭލުގައި ހުރީ ގުއްޑޫ އެވެ. ޝޭރޫ އެއް ނެތެވެ.

ޝޭރޫ ބުނި ގޮތުގައި އޭނާގެ ބޭބެ ގުއްޑޫ އަކީ ވެސް އޭރު ކުޑަ ކުއްޖެއް ނަމަވެސް ސައި ވިއްކުން ފަދަ މަސައްކަތް ކޮށްގެން ފައިސާ ހޮދަން އޭނާއަށް މަޖްބޫރު ވެގެން އެ މަސައްކަތް ކުރަމުން ދިޔައީ އެވެ. ސަބަބަކީ އެކުދިންގެ ބައްޕަ އެކުދިންގެ މަންމައާއި ދަރިންތައް ދޫކޮށްފައި ގޮސް އެހެން މީހަކާ ކައިވެނި ކޮށްގެން އުޅޭތީ އެވެ. އަދި ބައްޕަގެ އެހީތެރިކަމެއް އެއްވެސް ވަރަކަށް އެމީހުންނަށް ނުލިބޭތީ އެވެ.

ޝޭރޫގެ މަންމަ ފާތިމާ ބި އާއި ދައްތަ ޝަގީލާ ވެސް އެކި މަސައްކަތްތައް ކޮށްގެން ފައިސާ ހޯދައިގެން ހަގަށް ތިބި ކުދިން ބަލަހައްޓަމުން ދިޔަ ކަމަށް ޝޭރޫ ބުންޏެވެ.

ޝޭރޫ ރޭލުން ވެއްޓުމުން އޭނާ އަތުލައިގަތީ ކޮލްކަތާ ރެއިލްވޭ ސްޓޭޝަންގައި އުޅޭ ސަލާންޖަހާ މީހުންގެ ގޭންގެއްގެ ބައެކެވެ. އެމީހުން ގަދަކަމުން ޝޭރޫ ވެސް އެމީހުންގެ ގޭންގަށް ވެއްދި އެވެ. އަދި ސަލާން ޖަހަން މަޖްބޫރު ކުރުވި އެވެ.

ފަހުން ޝޭރޫ އެމީހުންގެ ކިބައިން ސަލާމަތް ވެގެން މަސްވެރި އާއިލާއެއް ކައިރިއަށް ގޮސް އެމީހުންގެ އެހީތެރި ކަމަށް އެދުނެވެ. އެމީހުން އޭނާ ހަވާލުކުރީ ޔަތީމު ކުދިން ބަލަހައްޓާ އެންޖީއޯއަކާ އެވެ.

އެތަނުން ހަވާލުވާ ކުދިން ބަލަހައްޓާ ގެއެއްގައި ޝޭރޫ ހުއްޓާ އޮސްޓްރޭލިޔާ ދެމަފިރިއަކު އޭނާ އެޑޮޕްޓްކޮށްގެން އޮސްޓްރޭލިޔާ އަށް ގެންދިޔައީ އެވެ. ޝާރޫ ބްރާލީ އަކީ އެ ދެމަފިރިން އޭނާއަށް ދިން ނަމެވެ.

އެމީހުން ޝޭރޫ ބެލެހެއްޓީ ވަރަށް ރަނގަޅަށެވެ. މޮޅަށް ކިޔަވައިދީ ހަރުދަނާ މީހަކަށް ހެދި އެވެ. ބެޗްލާޒް އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން ޑިގްރީ ހާސިލު ކުރުމަށް ފަހު ޝޭރޫ މިހާރު މަސައްކަތް ކުރަނީ އެ ދެމަފިރިންގެ އެގްރިކަލްޗަ ވިޔަފާރީގަ އެވެ.

ޝޭރޫ އަށް ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ލިބުނަސް އަބަދުވެސް ހިތުގެ އެންމެ ފުނުގައި އާއިލާގެ މީހުންގެ ލޯތްބާއި ހަނދާންތައް އާވެ އާލާވޭވޭ ހުއްޓެވެ. އޭނާގެ އަތުގައި ބޭބެ އާއެކު ނަގާފައިވާ ވަރަށް ކުޑައިރުގެ ފޮޓޯއެއް ވެސް އޮތެވެ. އަދި އަމިއްލަ ރަށް ކަމަށްވާ ބްރާމާޕޫރު (ބުރުހާންޕޫރު) ގެ ފަނޑު ހަނދާންތަކެއް ވެސް ހުއްޓެވެ.

ކުރިން އޭނާގެ ރަށަށް ކިޔަނީ ބުރުހާންޕޫރު ނަމަވެސް ފަހުން ބްރާމްޕޫރަށް ނަން ބަދަލުކޮށްފައި ވެއެވެ. އެހެންވެ ގޫގުލް އިން ވެސް އޭނާގެ ރަށް ހޯދަން ޝޭރޫއަށް ކުޑަކޮށް އުނދަގޫވި އެވެ. ނަމަވެސް ކުޑަކޮށް މަސައްކަތް ކޮށްގެން އެރަށުގެ ނަން ބަދަލުވެފައިވާކަން އެނގުނެވެ. އަދި ރަށަށް ގޮސް މަންމަ އާއި ބޭބެ އަދި އެއްބަނޑު އެއްބަފާ އެހެން ކުދިންނާ މިހާރުވަނީ ބައްދަލު ކޮށްފަ އެވެ.