ލައިފްސްޓައިލް

82 އަހަރުގެ މީހެއް ފުރަތަމަ ލޯބީގެ އިންތިޒާރުގައި!

އިންޑިއާގެ ރާޖަސްތާނުގެ އެންމެ ފުން ޖަންގަލީގައި އޮންނަ ކުލްދާރާ އަވަށަކީ 19 ވަނަ ގަރުނުން ފެށިގެން ވެސް މީހުން ދިރިއުޅޭ އަވަށެއް ނޫނެވެ. އިންޑިޔާ މީހުން ގަބޫލުކުރާ ގޮތުގައި އެ އަވަށަކީ ވަރަށް ނާމާން އަވަށެކެވެ. އެ އަވަށުގައި އެއްވެސް ކަހަލަ ދިރުމެއް ނެތެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ފަޅުކަމެވެ.

މި ފަޅު ނާމާން ރަށުގައި އުޅެނީ ހަމަ އެންމެ އިންސާނެކެވެ. އެއީ އެ އަވަށް ބެލެހެއްޓުމުގެ ޒިންމާ އާ ހަވާލުވެފައިވާ 82 އަހަރުގެ ފިރިހެނެކެވެ. އޭނާގެ އުމުރުގެ ބޮޑު ބައެއް ހޭދަކުރީ މި އަވަށުގަ އެވެ.

މި ގޭޓްކީޕަރުގެ ފުރަތަމަ ލޯބީގެ ވާހަކަ ވެސް އޭނާހާ ޝައުގުވެރި އެވެ. "ހިއުމަންސް އޮފް ބޮމްބޭ" ގައިވާ މި މީހާގެ ލޯބީގެ ވާހަކަ ފިލްމެއް ހަދާލަން ވެސް ރަނގަޅުވާނެ އެވެ. އެހާވެސް މި ވާހަކަ ޝައުގުވެރި އެވެ.

ގޭޓްކީޕަރު ބުނި ގޮތުގައި އޭނާގެ ފުރަތަމަ ލޯބި ކަމަށްވާ މަރީނާ އާ ބައްދަލުވީއިރު އޭނާގެ އުމުރުން 30 ވަރަކަށް އަހަރެވެ. މަރީނާ އޮސްޓްރޭލިޔާއިން އިންޑިޔާގެ ޖެއިސަލްމާރް އަށް އައީ ޑެޒާޓް ސަފާރީ އަކަށެވެ.

"އެއީ 70 ގެ އަހަރުތައް ކަމުން ފުރަތަމަ ނަޒަރުން އޭރު ލޯބި ވެވޭ،" ގޭޓްކީޕަރު ބުންޏެވެ.

ފުރަތަމަ ނަޒަރުން މަރީނާ އާއި ގޭޓްކީޕަރަށް ވެސް ލޯބި ވެވުނެވެ. މަރީނާ އެނބުރި އޮސްޓްރޭލިޔާއަށް ދިއުމުގެ ކުރިން ގޭޓްކީޕަރު ކައިރީ "އައި ލަވް ޔޫ" ބުންޏެވެ. ގޭޓްކީޕަރު ބުނީ މަރީނާ ލޯބިވާ ވާހަކަ ބުނީމަ އޭނާއަށް ގަނޑުވެފައި އެއްވެސް އެއްޗެއް ނުބުނެ ހުރެވުނީ ކަމަށެވެ. އެ ވަގުތު އެ ކުރެވުނު އިހްސާސްތަކުގެ ސަބަބުންނެވެ. ނަމަވެސް އޭނާގެ އެ ހަމަހިމޭންކަން ވެސް މަރީނާއަށް ވިސްނުނެވެ.

މަރީނާ އެނބުރި އޮސްޓްރޭލިޔާއަށް ދިޔަ ފަހުން ވެސް ގޭޓްކީޕަރާއި އޭނާގެ ގުޅުން އޮތެވެ. ދުވަސްކޮޅެއް ފަހުން އޮސްޓްރޭލިޔާއަށް ދިއުމަށް ގޭޓްކީޕަރަށް މަރީނާ ދައުވަތު ދިނެވެ. ގޭޓްކީޕަރު ވެސް މަރީނާ ކައިރިއަށް ދާހިތް އޮތްލެއް ބޮޑުކަމުން ވަރަށް ބުރަ މަސައްކަތުން 30،000 އިންޑީޔާ ރުޕީސް އެއްކުރި އެވެ. އަދި އާއިލާއަށް ވެސް ނާންގާ އޮސްޓްރޭލިޔާއަށް މަރީނާ ކައިރިއަށް ގޮސް ތިން މަސް ދުވަހު އެ ގައުމުގައި މަރީނާ އާއެކު ހޭދަކުރި އެވެ.

"އެ ތިން މަސްދުވަހަކީ ޖާދޫއެއް ކަހަލަ ދުވަސްތަކެއް. އޭނަ އަހަންނަށް އިނގިރޭސި ދަސްކޮށްދިން. އަހަރެން އޭނައަށް ގޫމަރު ދަސްކޮށް ދިނިން. ދެން އޭނަ އެދުނީ އޭނާއާ ކައިވެނިކޮށްގެން އޮސްޓްރޭލިޔާގައި ވަޒަންވެރިވާން. އަހަރެމެން ދެ މީހުންގެ ލޯބީގައި ކުނިޖެހުނީ އެހިސާބުން،" ގޭޓްކީޕަރު ބުންޏެވެ.

މަރީނާ ދެކެ ކިތަންމެ ލޯބިވިޔަސް އާއިލާ އާއި އަމިއްލަ ވަޒަން ދޫކޮށްލާފައި އޮސްޓްރޭލިޔާގައި ދިރިއުޅޭކަށް ގޭޓްކީޕަރު ބޭނުމެއް ނުވި އެވެ. އަދި މަރީނާ ވެސް އޮސްޓްރޭލިޔާ ދޫކޮށް އިންޑިޔާއަށް ދިރިއުޅުން ބަދަލު ކުރާކަށް ބޭނުމެއް ނުވި އެވެ. އެހެންވެ ދެ މީހުން ވެސް ހިތް ހަލާކުވެފައިވާ ހާލުގައި އެކަކު އަނެކަކާ ވަކިވީ އެވެ.

އެނބުރި އިންޑިޔާއަށް އައިސް އާއިލާގެ މަޖްބޫރު ކުރުމާއެކު ކައިވެނިކޮށް ކުލްދާރާގެ ގޭޓްކީޕަރެއްގެ ވަޒީފާ ހޯދައިގެން އެ ރަށުގައި ދިރިއުޅެން ފެށި އެވެ.

"ނަމަވެސް މަރީނާގެ ހަނދާންތައް އަބަދުވެސް އަހަރެންނަށް އުނދަގޫކުރޭ. މަރީނާ ކައިވެނި ކޮށްފިބާއޭ؟ ދުވަހަކުވެސް ދެން އޭނާ ފެނުމުގެ ނަސީބު ލިބިދާނެ ބާއޭ އަބަދުވެސް ހިތަށް އަރާ. ނަމަވެސް އޭނާއަށް ސިޓީއެއް ލިޔުމުގެ ހިތްވަރެއް ވެސް ނުލިބުނު،" ގޭޓްކީޕަރު ބުންޏެވެ.

ހަޔާތުގެ ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް މަރީނާގެ ހަނދާންތައް ވެސް ގޭޓްކީޕަރުގެ ހިތުން ފަނޑުވާން ފެށި އެވެ އޭނާގެ ފިރިހެން ދަރިން ބޮޑެތި ކައިވެނިކޮށް އަނބިން ގޮވައިގެން އެހެން ރަށްތަކުގައި ވަޒަންވެރިވި އެވެ. އަދި އަންހެނުން ވެސް މީގެ ދެ އަހަރެއްހާ ކުދިން ވަނީ މަރުވެފަ އެވެ.

މުޅިން ނާމާން ފަޅު އަވަށެއްގައި އެކަނި މާއެކަނި ގޭޓްކީޕަރު ދިރިއުޅެމުން ދިޔަ އެވެ. ހަޔާތުގެ މިހާ ހިސާބުން އިތުރު ސަޕްރައިޒެއް ލިބިދާނެ ކަމުގެ އެއްވެސް އުންމީދެއް ނެތި އެވެ. ނަމަވެސް ވަރަށް ބޮޑު ސަޕްރައިޒެއް ގޭޓްކީޕަރަށް ލިބުނެވެ. އެއީ މީގެ މަހެއްހާ ދުވަސް ކުރިން އޭނާއަށް ލިބުނު މަރީނާގެ ސިޓީ އެކެވެ. ދެ މީހުން ވަކިވިތާ ބަރާބަރު 50 އަހަރު ފަހުން މަރީނާ އަނެއްކާ ވެސް ގޭޓްކީޕަރު ހޯދައި އޭނާއަށް ސިޓީ ފޮނުވީ އެވެ. އަދި އޭގެ ފަހުން ގޭޓްކީޕަރުގެ ފޯނު ނަންބަރު ހޯދައިގެން މިހާރު ކޮންމެ ދުވަހަކު ވެސް މަރީނާ އާއި ގޭޓްކީޕަރު ފޯނުން ވާހަކަ ދައްކަ އެވެ. ދެ މީހުން އަދިވެސް ދައްކާނެ ވަރަށް ގިނަ ވާހަކަ ހުންނަ ކަމަށް އޭނާ ބުންޏެވެ.

ގޭޓްކީޕަރު ކައިރީ މަރީނާ ބުނީ ދުވަހަކުވެސް އޭނާ ކައިވެންޏެއް ނުކުރާ ކަމަށެވެ. އަދި ވަރަށް އަވަހަށް އިންޑިޔާއަށް ގޭޓްކީޕަރު އާ ބައްދަލުކުރަން އަންނަން ރާވާފައިވާ ވާހަކަ ވެސް ބުންޏެވެ.

"ހަމަ ތެދެއް މިބުނީ. އަހަރެންގެ އިހްސާސްތައް މިހާރު 21 އަހަރުގެ ޒުވާން ފިރިހެންކުއްޖެކޭ އެއްފަދަ. އަހަރެންގެ ފުރަތަމަ ލޯބި އަނެއްކާވެސް އެނބުރި އަހަރެންގެ ހަޔާތަށް އަންނާތީ، އަހަންނަކަށް ނޭނގެ އަހަރެންގެ މުސްތަގްބަލު އޮތް ގޮތެއް ބުނާކަށް ވެސް. އަދި އޭނާ އާ ކޮންމެ ދުވަހަކު ވާހަކަ ދެއްކޭތީ އެ ކުރެވޭ އިހްސާސް ވެސް ބަޔާންކުރަން ވެސް ނޭނގޭ،" ގޭޓްކީޕަރު ބުންޏެވެ.