ލައިފްސްޓައިލް

އުފަންވީއިރު ހަށިގަނޑު ފުށުން ޖެހިފައި!

އަލަށް ދަރިއަކު ލިބިގެން އުޅޭ ދުވަސްވަރަކީ ކޮންމެ ދެމަފިރިއެއްގެ ހަޔާތުގެ ވެސް އެންމެ ކުލަގަދަ ހަނދާންތައް ރައްކާ ކުރެވޭނެ ދުވަސް ތަކެވެ. ކޮންމެ މަންމަ އަކާއި ބައްޕަ އަކުވެސް ބޭނުން ވާނީ އެމީހުންގެ ދަރިފުޅަކީ ސިއްހަތު ރަނގަޅު އުފާވެރި ކުއްޖަކަށެވެ. ވާށެވެ. އިނގިރޭސި ވިލާތުގެ އެޝްލީ ފޯލާ، 29، އަކީ ވެސް ހަމަ މިފަދަ ހުވަފެންތަކެއް ދެކެމުން އައި މީހެކެވެ. ނަމަވެސް ބަލިވެ އިނދެ އެންމެ 12 ހަފުތާގައި އޭނާއަށް ލިބުނު ޚަބަރަކުން ދަރިއަކު ލިބޭތީ ކުރި އުފާތައް ހިތާމައަށް ބަދަލުވެ އެޝްލޭގެ ހިތް ކުދިކުދި ވެގެން ދިޔަ އެވެ.

އެޝްލޭ ކައިރީގައި ޑޮކްޓަރުން ބުނީ އޭނާގެ ބަނޑުގައިވާ ދަރިފުޅުގެ ގަސްޓްރޯސްކިސިސް ކިޔާ ބައްޔެއް އެބަހުރި ކަމަށެވެ. ކުއްޖާ އުފަންވީ މި ސީރިއަސް ބައްޔާ އެކުގައި ކަމުން ގިނަ ދުވަސް ތަކަކު ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދޭން ޖެހުނެވެ.

އެޝްލޭ އާއި ފިރިމީހާ އެމީހުންގެ މި ފިރިހެން ދަރިފުޅަށް ކީ ކޯއާ އެވެ. އެޝްލޭ ބުނިގޮތުގައި ހަވާއީ ބަހުން ކޮއާގެ ނަމަކީ ހަނގުރާމަވެރިޔާ އެވެ. އޭނާ އާއި އޭނާގެ ބައިވެރިޔާ މި ނަން ޚިޔާރުކުރީ ދަރިފުޅަށް ސިއްހީ މައްސަލައެއް ދިމާވެފައިވާކަން ނޭނގެނީހެވެ.

ސިޒޭރިއަން ހަދައިގެން ކޯއާ ނެގިއިރު އޭނާގެ ހަށިގަނޑު އޮތީ އެ ފުށް މި ފުށަށް ޖެހިފަ އެވެ. ހަށިގަނޑުގެ އެތެރޭގައި ހުންނަން ޖެހޭ ހުރިހާ ގުނަވަނެއް ހުރީ ބޭރުގަ އެވެ. އެހެންވެ ހުރިހާ ގުނަވަންތައް ޑޮކްޓަރުން އަވަހަށް ބޭގް ތަކަކަށް ލައި ރައްކާތެރި ކުރި އެވެ.

ގެސްޓްރޯސްކިސިސް ކިޔާ ސިއްހީ މައްސަލަ ހުންނަ ކުދިން އުފަންވާއިރު ކުޑަ ގޮހޮރާއި ބޮޑު ގޮހޮރު އަދި ލިވާ އާއި އެނޫންވެސް ބައިތައް ހުންނަނީ ބަނޑުން ބޭރުވެ ފައެވެ. މިއީ ކުއްޖާ އުފެދެމުން އަންނަތާ ވަރަށް ކުރީކޮޅު ދިމާވާ މައްސަލައަކުން ވާ ގޮތެކެވެ.