މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ

އެމްޓީޑީންވެސް ކޮމަންޑޫ ދާއިރާއަށް ވާދަކުރަނީ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އިންވެސް ކެންޑިޑޭޓަކު ނެރެން ނިންމާ އެކަން އިއުލާނު ކޮށްފި އެވެ.

އެމްޓީޑީގެ އިސް އޮފިޝަލަކު ދެންމެ ވިދާޅުވީ އެ ޕާޓީންވެސް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ކެންޑިޑޭޓަކު ނެރެން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް އެދޭ ޕާޓީގެ މެންބަރުންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި މަހުގެ 27 ވާ ހޯމަ ދުވަހުގެ ހަވީރު ފަހެއް ޖެހުމާއި ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމްޓީޑީއަކީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވާ އުފެއްދެވި ޕާޓީއެކެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމް އާއި އެމްޑީޕީން އަދި އެމްއެންޕީން ކެންޑިޑޭޓުން ނެރެން ނިންމާ ކެންޑިޑޭޓުންވެސް ވަނީ ފައިނަލް ކޮށްފައެވެ.

ޕީޕީއެމްގެ ޓިކެޓް، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީއަށް ދީފައިވާއިރު އެމްޑީޕީގެ ޓިކެޓް ދީފައިވަނީ މުހައްމަދު ރާޝިދަށެވެ. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓް ދީފައިވަނީ އަބްދުލް ހަންނާން އިދުރީސްއަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ވޯޓުލުން ކުރިއަށް ދާނީ އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ.