އަލީ ނިޒާރު

ހުޅުދުއާ މީދޫ ރައްޔިތުން ތަފާތެއް ނުކުރަން: ނިޒާރު

Dec 25, 2021
3

ހުޅުދޫއާއި މީދޫ އަށް ތަފާތުކޮށްގެން އެ ދެ ރަށަށް ގެއްލުންވާ ގޮތަށް އައްޑޫ ސިޓީ ކައުންސިލުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

މޭޔަރު ނިޒާރު މިހެން ވިދާޅުވެފައި މިވަނީ އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސުން ހުޅުދޫއާއި މީދޫ ވަކިކޮށްލުމާ މެދު އެ ދެ ރަށުގެ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެއްލެވުމުގެ މަސައްކަތް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފެއްޓެވުމާ ގުޅިގެންނެވެ.

ރޮޒައިނާ އިއްޔެ ވިދާޅުވީ ހުޅުދޫއާއި މީދޫއާ ގުޅޭ ކޮންމެ ކަމެއް ނިންމުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ތެރެއިން އެ ދެ ރަށުގެ ރައްޔިތުންނަށް އެތައް ތަކުލީފަކާ ކުރިމަތިލާން ޖެހޭ ކަމުގެ ޝަކުވާ އަބަދުމެ ލިބެމުންދާ ކަމަށެވެ.

"ޝަކުވާތަކަށް އާ ކައުންސިލާ އެކު ހައްލެއް ލިބޭނެ ކަމަށް ރައްޔިތުން އުއްމީދު ކުރި، ނަމަވެސް މި ޝަކުވާތަކަކަށް ނިމުމެއް ނައި،" ރޮޒައިނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވެ އެ ޝަކުވާތަކަށް ހައްލު ހޯދުމަށްޓަކައި ހުޅުދޫއާއި މީދޫ ރައްޔިތުން ބޭނުންވަނީ އައްޑޫ ސިޓީ ކައުންސިލުން ވަކިވުމަށް ކަމަށްވާނަމަ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަޖލިސް ހުޅުވުމާ އެކު ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅުއްވައިގެން އެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

ރޮޒައިނާ ކުރަން ނިންމަވާފައިވާ މަސައްކަތާ ގުޅިގެން ސީދާ އެ މަސައްކަތަށް އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށް މޭޔަރު ވިދާޅުވި އެވެ. ނަމަވެސް އައްްޑޫ ސިޓީ ކައުންސިލުން ހުޅުދޫ އާއި މީދޫ ރައްޔިތުންނަށް ތަކްލީފަކަށްވާ ގޮތަށް ކަންކަން ކުރައްވާ ކަމަށް ރޮޒައިނާ ވިދާޅުވެފައިވަތީ އެ ތުހުމަތު ދޮގު ކުރެއްވި އެވެ.

"އަޅުގަނޑެއް، އައްޑޫ ސިޓީ ކައުންސިލަކުން ހުޅުދޫއާއި މީދޫ ރައްޔިތުން ތަފާތެއް ނުކުރަން. ނުވެސް ކުރާނަން. އެހެންނަމަވެސް އައްޑޫ ސިޓީގެ ރަށްތަކަށް ހިދުމަތް ދިނުމުގައި ކައުންސިލަށް އެބަހުރި އިދާރީ ގޮތުން ވެސް އަދި އެހެން ގޮތްގޮތުން ވެސް ދަތިތައް. އެ ދަތިތަކާ ގުޅިގެން ރަށްތަކަށް ހިދުމަތް ދިނުމަށް ކައުންސިލަށް ގޮންޖެހުންތައް އެބަހުރި. އެ ގޮންޖެހުންތަކުގެ ސަބަބުން ހުޅުދޫއާއި މީދޫގައި ކުރަންޖެހޭ ބައެއް ކަންކަން ނުވެ ހުރިކަން އަޅުގަނޑު ވެސް ގަބޫލުކުރަން،" މޭޔަރު އަވަސް އަށް ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ އައްޑޫ ސީޓީ ކައުންސިލަށް ކުރިމަތިވެފައި ހުރި ދަތިތަކާއި ގޮންޖެހުންތައް ރޮޒައިނާ ހިމެނޭ ގޮތަށް އައްޑޫގެ ހުރިހާ މަޖިލިސް މެންބަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެހެންނަމަވެސް އެ ގޮންޖެހުންތަކަށް އަދި މިހާތަނަށް އެދެވޭ ހައްލުތަކެއް ހޯދައިދެވިފައި ނުވާ ކަމަށެވެ.

ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސުން ހުޅުދޫއާއި މީދޫ ވަކިކޮށްލުމަކީ އައްޑޫ އަށް ވެސް އަދި ހުޅުދޫ އާއި މީދޫ ރައްޔިތުންނަށް ވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވަކިވަކި ކައުންސިލްތައް ހުރި ރަށްތަކުގެ ތަޖުރިބާ އަށް ރަނގަޅަށް ބަލާލުމުން އެނގޭނެ ކަމަަށެވެ. އައްޑޫގެ ތަރައްގީއަށް އެދޭނަމަ އައްޑޫގެ ހުރިހާ ރަށްތަކެއްގެ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުން މުހިއްމު ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުފެނޭ ހުރިހާ އެންމެން ގުޅިގެން ކުރިއަށް ދިއުމަށް ވުރެ ވަކިން ރަނގަޅު ގޮތެއް. އަޅުގަނޑު އެދެނީވެސް އައްޑޫ ރައްޔިތުން ބައިބައި ނުވުމަށް،" މޭޔަރު ނިޒާރު ވިދާޅުވި އެވެ.