ވާހަކަ

އެހާ ލޯބިން ދިނީމާ ހިތް

(20 ޑިސެމްބަރ 2021އާ ގުޅޭ)

"މިކަން ވާނެ ކުރަން.." ނަސްރީނާ ހެމުން ހެމުން ބުނެލިއެވެ.

"އާނ! އަހަރެން މިކަން ކުރާނަން! ކުރިންހެން މިފަހަރަކު ވިޔަކަ ނުދޭނަން. އެޔަށްވުރެ ބޮޑު ފައިދާއެއް މިކަމުން ވާނެ. އެކަމު، އަހަރެންގެ ހިތަށް އަދިވެސް އަރަނީ އެ މުސްކުޅި މީހާގަނޑަށް އަހަރެން ފެނެއްޖިއްޔާ، ހަދާނެ ގޮތެއް." ލުލުއަތު ބަލަން ހުރީ ނަސްރީނާގެ މޫނަށެވެ.

"ސާބަސް! ހީވޭތަ އެކަން އެހެން ވެދާނެހެން. ނުވާނެ ކަމެއް ތީ.. އެހެން ނޫނަސް، ތީ ވަރަށް ވަގު މީހެއް. އެހާމެ ކުޅަދާނަ. ނުލަފާކަން ހައްދުފަހަނަ އަޅާފަ. އަހަރެންގެ ސިކުނޑިއާ ވެސް ކުޅެލީ ވިއްޔާ. ހެހެ." ނަސްރީނާ ހިނިގަނޑެއް ޖަހައިލުމަށްފަހުގައި، ހިނގައިގަތީ ކުރިއަށެވެ. ނަސްރީނާއާ އެކުގައި ލުލުއަތު ވެސް ކުރިއަށް ހިނގަމުން ދިޔައެވެ.

"އަހަރެންގެ މަންމަ އިނގޭ ތީ.. ހައްހައްހާ.." ލުލުއަތު ހޭން ފެށީ ނަސްރީނާއަށް ވުރެ ބާރަށެވެ.

"އާނ ދޯ؟ އަހަރެން މިޖެހުނީ ލުލުއަތުގެ މަންމައަށް ވާން ތާ. ކޮންމެ ގޮތެއް ވިޔަސް، އަދިވެސް ދެރަވޭ އަހަރެެންގެ އެހާ ގާތް މީހަކަަށް މިކަހަލަ ދެރައެއް ދޭން ޖެހޭތީ ވެސް.. ހަމަ އަސްލުވެސް ތީ ވަރަށް މޮޅު މީހެއް މީހުންގެ ސިކުނޑިއާ ކުޅެލަން." ނަސްރީނާ އާއި ލުލުއަތު ވާހަކަދައްކަމުން ކުރިއަށް ހިނގަމުން ދިޔައެވެ.

މުޅިން އައު ދުވަހަކަށް ދުނިޔެއަށް މަރުޙަބާ ކިޔައިފިއެވެ. ސަހުލާ ވަރަށް ހެނދުނާ ތެދުވެގެން، ހެނދުނުގެ ނާސްތާ ތައްޔާރުކޮށްލުމަށްފަހުގައި ގެއިން ނުކުތީ ވަޒީފާއަށް ދިޔުމަށެވެ. ސަހުލާއަށް ވަޒީފާ ލިބުނީ ގެއާ އިންވެގެން އިން ފިހާރައެއްގެ ސޭޓުކަމެވެ. މިއަދަކީ ސަހުލާ މަސައްކަތަށްދާ ފުރަތަމަ ދުވަސް ކަމުން އޭނާ ހުރީ ކޮންމެ ވެސް ވަރަކަށް ހާސް ވެފައެވެ. ގިނަ ބަޔަކު ވިޔަފާރި ކުރާ ފިހާރައެއް ކަމުން، ދުވާލެއްގެ މަތިން އެތައް ބަޔަކާ ދިމާވާނެތީއެވެ. މީހުންގެ ތެރޭގައި، މީހުންނާ އެކުގައި އުޅުން އެއީ ސަހުލާއަށް އައު ކަމެކެވެ. ނަމަވެސް ދިރިއުޅުން ކޮޅެއްގައި ޖައްސަން މިއަދު ސަހުލާއަށް އެނޫން ގޮތެއް ވެސް ނެތެވެ. ޖައިޝް ވެސް ހަފުތާއެއްގެ ތެރޭގައި ވަޒީފާއަކަށް ނުކުންނާނެއެވެ. އޭނާއަށް ވަޒީފާ ލިބުނީ ގެސްޓު ހައުސްއެއްގެ ރިސެޕްޝަނުންނެވެ. އެއީ ހިތަދޫގައި ނަން މަޝްހޫރު ގެސްޓު ހައުސްއެކެވެ. ނަމަކީ "ރިވާ"އެވެ.

ހެނދުނުގެ ސަޔަށް އިންސާފުކޮށް ނިމިގެން ހިޝާމް ދިޔައީ ސިޓިންގރޫމަށެވެ. އެވަގުތު ވެސް ހަފްސާ އާއި ގާދިރު އިނީ ހިޝާމްގެ ކައިވެނީގެ ވާހަކަ ދައްކާށެވެ. ނަސްރީނާ އާއި ލުލުއަތާ ގުޅުން ހުރި ވަރަށް ގިނަ ސުވާލުތަކެއް ގާދިރު ހަފްސާއަށް ކުރިމަތި ކުރުވަމުން ދިޔައެވެ. އެ ޢާއިލާ ބޮޑަށް އެނގެން ބޭނުން ވާތީއެވެ. ނަސްރީނާ ދޭ ޔަޤީން ކަމުގެ ސަބަބުން ގާދިރު އެތައް ސުވާލު ތަކެއް ކުރިޔަސް، ހިޝާމް އާއި ލުލުއަތުގެ ކައިވެންޏަށް އޭނާ ޤަބޫލެވެ.

"ލުލުއަތަކީ މާލޭގަ އުޅޭ ކުއްޖެއް. މިކޮޅަށް އެއައީ ވަރަށް ފަހުން. ވަރަށް އަޚުލާޤު ރަނގަޅު ވާނެ. ވަރަށް ކިޔަމަންތެރި ވާނެ. އަހަރެން ވެސް އެގެއަށް ގޮސް މިހެން އުޅޭއިރު، ނަސްރީނާ ވެސް ވަރަށް ރަނގަޅަށް އެނގޭ. އެކަނިވެރި އަންހެނެއް އެއީ، އެފަދަ މީހެއްގެ ހުރި ހަމައެކަނި ދަރިއާ ކައިވެނި ކުރުމަކުން ދެރައެއް ނެތް. ލިބޭނީ ފައިދާ. ދޯ ދަރިފުޅާ؟" ހިޝާމަށް ދޯ ދެމުން ހަފްސާ ބުނެލިއެވެ. ނަސްރީނާއާ ދޭތެރޭގައި ހަފްސާގެ އޮތީ ބޮޑު ޔަޤީން ކަމެކެވެ. ނަސްރީނާއަށް އެހީތެރިވެދީ، އޭނާގެ ބައެއް ކަންތައް ކޮށްދީ ހަދަނީ ވެސް ހަފްސާއެވެ. އެހެންކަމުން، ނަސްރީނާ އަށް ހަފްސާ ވަރަށް އިތުބާރު ކުރެއެވެ. ހަފްސާގެ ސުވާލަށް ހިޝާމް އާނއެކޭ ބުނާ ބީދައިން ބޯޖަހައިލީ ހިނިތުންވެލަމުންނެވެ.

ހަފްސާ ދެއްކި ވާހަކަތަކުން ގާދިރުގެ ހިތުގައި އިތުރަށް ވެސް އުފެދުނީ ސުވާލުތަކެކެވެ. ނަމަވެސް ހަފްސާ އާއި ހިޝާމް ހިތަށް އަރާފާނެ އެއްޗަކަށް ބަލާފަ އެއްވެސް ސުވާލެއް އިތުރަށް ނުކޮށް ގާދިރު މަޑުކޮށްލީއެވެ. ހަފްސާ ދެއްކި ވާހަކަތަކުން ގާދިރަށް އެންމެ ފަހުމްނުވެ ހުރީ ލުލުއަތެވެ. ލުލުއަތު މާލެއިން ކުއްލިއަކަށް ރަށަށް އައި އައުމެވެ. އަދި ހިޝާމްގެ ކައިވެނި ވަގުތުން ކުރެވެން އުޅުމެވެ. މިވީހާ ދުވަހު ނަސްރީނާގެ ދަރިއެއް ހުންނަކަން އެނގޭ އިރު، އެދަރިއަށް ކިޔާ ނަން ވެސް ހަފްސާއަށް އެނގުނީ ލުލުއަތު ރަށަށް އައުމުންނެވެ. ހަމަ ކުއްލިއަކަށެވެ. މިކަންތައް މިހެން ހުރުމާ އެކުގައި ގާދިރަށް ލުލުއަތު ސިފަ ވަނީ ކުއްލިއަކަށް ފައުޅުވި މީހެއް ގޮތަށެވެ. ނަމަވެސް ހަފްސާ އާއި ނަސްރީނާގެ ގުޅުމަށް ބަލާފައި އެވާހަކަތަކަށް އިތުރު ޝައްކެއް ހިޝާމް އާއި ހަފްސާގެ ނޯއްނާނެ ކަން ގާދިރަށް އެނގޭތީ އޭނާ މަޑުން އިނީއެވެ.

ދޮރުގައި މީހަކު ޓަކި ދޭން ފެށި އަޑަށް ޖައިޝް ގޮސް ދޮރު ހުޅުވާލިއެވެ. ދޮރު ކުރިމަތީގައި ހުރީ ޔުއާދެވެ. ޔުއާދު ވަންނަން ޖައިޝް ބޮޑަށް ދޮރު ހުޅުވާލިއެވެ.

"ކަލޭ ޚަބަރެއް ވެސް ނުވޭ! އެހެން ނޫނީ މަށަށް އަބަދު ކަލޭ އޮންނާނީ ގުޅައިގެން.." ޔުއާދު ކޮޓަރިތެރެއަށް ވަންނަމުން ބުނެލިއެވެ.

"ނޫނޭ ބްރޯ! މަ ކައެ އަށް މެސެޖު ކުރީމެއްްނު. ކައިވެނި ރުޖޫޢަ ކުރަން އުޅޭ ވާހަކަ. އެކަން ނިންމާލީ މި. ޖޮބެއް ވެސް ލިބެއްޖެ. ރިވާ ގެސްޓު ހައުސް އިން. ސަހޫ ވެސް ވީ ވަޒީފާއަށް ގޮސް، މިތާ އިންނަ ފިހާރައަށް.." ޖައިޝް ޖައްސައިލީ އެނދުގައެވެ.

"އެހެންތަ؟ ކޫލް އިނގޭ! ތިކަން ސެލެބް ކޮށްލުމެއް ނެތްތަ؟" ޔުއާދު ހިނިގަނޑެއް ޖަހައިލަމުން ބުނެލިއެވެ.

"ނޫނޭ! ނެތްތަ ތެޔޮ ބިޑިއެއް، ނޫނީ ބިޔަރެއް ވިޔަސް.." ޖައިޝް ހީނލަމުން ބަލައިލީ ޔުއާދަށެވެ.

"ނޫނޭ ބްރޯ! ހިފައިގެން މިއައީ..." އެހެން ބުނެ ޔުއާދު އޭނާގެ ޖިންސުގެ ތެރެއިން ބިޔަރު ފުޅިއެއް ނެގިއެވެ. އަދި ޖީބުގައި އޮތް ތެޔޮ ބިޑިވެސް ދިއްކޮށްލީ ޖައިޝްގެ އަތަށެވެ.

"ތޭންކްސް މޭން.." ޖައިޝް ލަހެއް ފަހެއް ނުވެ، މަސްތުގެ ތެރެއަށް ގެނބިގަންނަން މަސައްކަތް ފެށިއެވެ. މިގަޑީ މިކަން ނިންމައިފިނަމަ، ހަވީރަށް ސަހުލާ އަންނަ އިރު ހަމަޔަކަށް އެޅޭނެ ކަމަށް ބަލާފައެވެ. ނަމަވެސް ކަންތައް ވީ ޖައިޝް ހީކުރި ފަދައަކުން ނޫނެވެ. ބިޔަރު ފުޅި އެއް ހުސްވެގެން އިތުރަށް ވެސް ފުޅިތައް ގެނައިސްގެން އެކަމުގައި ޖައިޝް ދިޔައީ ކުރިއަށެވެ. އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ ޔުއާދާ އެކުގައެވެ.

ހަވީރު 4 ޖެހުމާ އެކުގައި، ސަހުލާ އޭނާގެ ޑިއުޓީ ދަންފަޅީގެ ހިސާބުތައް ހަދާލުމަށްފަހުގައި ފިހާރައިގެ ސޭޓު އިންނަ ގޮނޑިން ތެދުވެއްޖެއެވެ. އަދި ހަވީރު ޑިއުޓީ ކުއްޖާއަށް މަސައްކަތް ހަވާލު ކުރުމަށްފަހު ސަހުލާ ފިހާރައިން ނުކުމެގެން ދިޔައެވެ.

"ބްރޯ! ހާދަ ޗިލް އޭ.. ހާދަ ސަޅި ލައިފް އެކޭ މީ.." މަސްތުގައި ހަމަ ރަނގަޅަށް ވެސް ޖައިޝް ވަނީ ޣަރުޤުވެފައެވެ. ބޯލިލެއް ގިނަ ކަމުން ޔުއާދު އޮތީ ތަށިމުށިގަނޑު މައްޗަށް ޖެހިފައެވެ. އެވަރުން ވެސް ޔުއާދު ގެންދިޔައީ މޮޅެތި އަނގަތައް ތަޅަމުންނެވެ. ސަހުލާ ވަރަށް މަޑުމަޑުން ހިނގާފައި އައިސް ގެއަށް ވަނެވެ. ވެފައިވާ ވަރުބަލި ކަމާ އެކުގައި ފުރަތަމަ ދުވަހުގެ ތަޖުރިބާ ޖައިޝްއަށް ހިއްސާ ކުރަން ޢަޒުމް ކަނޑައަޅަމުންނެވެ. ސަހުލާގެ ބޮލުގެ ތެެރޭގައި އެއްވެސް ވަރަކަށް ތަފާތު ވިސްނުމެއް ނެތެވެ. ކުރިމަތީގައި އޮތް ބޮޑު ވިއްސާރަ ވިލާގަނޑުގެ ހިލަމެއް ވެސް ސަހުލާގެ ހިތަކަށް ވެސް ނާރައެވެ. ހަމަޖެހިލާފައި ސަހުލާ ގޮސް ހުއްޓުނީ ކޮޓަރީގެ ދޮރު ކުރިމަތީގައެވެ. ދޮރު ތަޅުލާފައި ހުރުމުން، ސަހުލާ ދޮރަށް ތަޅުދަނޑި ޖަހައި އަނބުރާލިއެވެ. އަދި މަޑުމުން ދޮރުގެ އަތްގަނޑުގައި ހިފައި ދޮރު ހުޅުވައިލިއެވެ. (ނުނިމޭ)