މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ ކެންޑިޑޭޓް ތައާރަފްކޮށް ޓިކެޓް ހަވާލުކޮށްފި

Dec 25, 2021

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސް ތައާރަފްކޮށް އެމްއެންޕީގެ ޓިކެޓް ރަސްމީކޮށް ހަވާލުކޮށްފި އެވެ.

ސްޓެލްކޯގައި މިރޭ ބޭއްވި ޖަލްސާއެއްގައި ހަންނާނަށް އެމްއެންޕީގެ ޓިކެޓް ހަވާލުކޮށްދެއްވާ ކެންޑިޑޭޓް ތައާރަފްކޮށްދެއްވީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އެެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން އެމްއެންޕީގެ ރައީސް އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ހަންނާނަކީ 32 އަހަރު މީހުން ބިނާކުރުމުގައި ގައުމީ ހިދުމަތުގައި ސާބިތުވެ ހުންނެވި ގައުމު ދެކެ ވަރަށް ލޯބިވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން ކޮމަންޑޫ ދާއިރާގެ ރައްޔިތުން ތަމްސީލް ކުރުމަށް މަޖިލީހަށް އިންތިހާބު ކުރަން ހަންނާނަށް ވުރެ ވަކިން ގާބިލް ބޭފުޅަކު މިއަދު ހުންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

"32 އަހަރު އެހިދުމަތުގައި ހޭދަކުރެވުނީމާ ގައިމުވެސް މަސައްކަތްތަކެއް ކުރެވިފައިވާ ކަން އަޅުގަނޑުމެން މިއަދު ގަބޫލުކުރަންޖެހޭ. އަޅުގަނޑުމެންނަށް މިތަނަކު ވަކި ހަންނާނަށް ވުރެ ގައުމިއްޔަތު އިތުރުވެފައި ހުންނާނެ ބޭފުޅަކު ހުންނާނެ ކަމަކަށް ވެސް އަޅުގަނޑު މިއަދު ގަބޫލެއް ނުކުރަން. ކޮންމެ ދުވަހަކު އެ ބޭފުޅާ ގައުމީ ސަލާމް ވިދާޅުވާނެ. ގައުމީ ޖޯޝުގައި ދަރިވަރުންނަށް ކޮންމެ ދުވަހަކު ހެނދުނު ކޮންމެވެސް އެއްޗެއް އުގަންނަވައިދެއްވާނެ. މިއަދު އެރަށުގެ އެ ދާއިރާގައި އިސްކޮށް ތިއްބެވި ގިނަ ބޭފުޅުންނަކީ ހަންނާންގެ ބެލުމުގެ ދަށުން ތަރުބިއްޔަތުވެފައި ތިބި ބޭކަލުން. އެހެންކަމުން ޖީލެއް ބިނާކުރެއްވި ބޭކަލެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަންނާން އިދުރިސް މި ފާހަގަކުރެވެނީ،"

ނާޒިމް ވިދާޅުވީ ހަންނާނަކީ ގިނަ ބަޔަކު ގޮވައިގެން އުޅުއްވަން އެނގިވަޑައިގަންނަވާ އަދި ރައްޔިތުންގެ ހިދުމަތުގައި ސާބިތުކަމާ އެކު ކަންކަމާ ކުރިމަތިލައްވާނެ ބޭފުޅެއް ކަމަށެވެ. ރައްޔިތުންގެ ފަރާތުން އަޑުއުފުއްލެވުމަށް ތައުލީމާ ތަޖުރިބާ ބޭނުންވާ ކަމަށާއި ހަންނާނަކީ އެ ސިފަތައް ފުރިހަމަ ބޭފުޅެއް ކަމުގައި ވިދާޅުވި އެވެ. ނާޒިމް ސިފަކުރެއްވި ގޮތުގައި ހަންނާނަކީ ރަންމަލެއް ފަދަ ބޭފުޅެކެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން ހަންނާން ވިދާޅުވީ އޭނާގެ ހިދުމަތުގެ ބޮޑު ބައި ހޭދަކުރެއްވީ މީހުން ބިނާކުރުމަށް ކަމަށްވާތީ އެކަމުގެ ތެރެއިން ވަރަށް ގިނަ ކަންކަން ދަސްވެ ވަރަށް ގިނަ ތަޖުރިބާތައް ކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑަކީ ދާއިރާގެ ކުރިއެރުމަށް އެންމެ ބޮޑަށް އެދޭ އެ ދާއިރާގެ ދަރިއެއް. މަޖިލީހުގައި އަޅުގަނޑުގެ މަސައްކަތުގެ އަމާޒަކަށް ވާނީ ފޯކައިދޫ، މަރޮށި ކޮމަންޑޫގެ ލޮބުވެތި ރައްޔިތުންނަށް ފަހި ފާގަތި ދިރިއުޅެއް ލިބިދިނުމަށް މަސައްކަތް ކުރުން. މި މުހިއްމު މަސައްކަތުގައި އަޅުގަނޑު ސާބިތުކަމާ އެކު ގަދަ އަޅާ މަސައްކަތް ކުރާނަން.،" ހަންނާން ވިދާޅުވި އެވެ.

ސްރީލަންކާއާއި މެލޭޝިޔާ އިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ހަންނާން ވިދާޅުވީ އޭނާ މަޖިލީހަށް އިންތިހާބުވެއްޖެނަމަ އޭނާގެ މަސައްކަތުގައި އެމްއެންޕީއާއި އެކި ދާއިރާތަކުގެ ފަންނުވެރިން ސާބިތުވާނެ ތިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އެންމެންނާ ގުޅިގެން ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ހަންނާން ދެއްވާފައިވެ އެވެ.

ތައުލީމީ ދާއިރާގައި ހަންނާން ވަނީ 2013 އިން 2019 އަށް ވިލާ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ފެކަލްޓީގެ މެނޭޖަރެއްގެ މަގާމު އަދާކުރައްވާފަ އެވެ. މީގެއިތުރުން ހދ. ހަނިމާދޫ ސުކޫލާއި، ރ. އިނގުރައިދޫ ސޫކޫލާއި، ނ. މާފަރު ސުކޫލާއި، ރ. ހުޅުދުއްފާރު ސުކޫލުގެ އިތުރުން ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަން ކުރައްވާފައިވެ އެވެ.

އެމްއެންޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް ހަންނާން ހިމެނެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާނެ ކަމަށް މިހާތަނަށް އިއުލާން ކޮށްފައި ވަނީ އެމްއެންޕީގެ އިތުރުން އެމްޑީޕީ އާއި ޕީޕީއެމ އާއި އެމްޓީޑީންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ވޯޓުލުން ކުރިއަށް ދާނީ އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ.